Thursday, 16 October 2008

ގޮޅާބޯ އެމްއެމްއޭ އިން ގަވައިދާ ޚިލާފަށް 7 މިލިޔަން ރުފިޔާ ނަގައިފި، ރިޔާސީ ފުރަތަމަ ބުރުގައި ވޯޓުގަންނަބެހި ވަގުނޫޓުތަކުގެ މައްސަލަ ހޫނުވެއްޖެ

ކަރާޝިބު ޚަބަރު


16 އޮކްޓޯބަރ 2008

ގޮޅާބޯ 'ރައީސުލް ޖުމްހޫރިއްޔާގެ ބޭނުމަކަށް' ރިކުއެސްޓެއް ފޮނުވައިގެން އެމްއެމްއޭ އިން 7 މިލިޔަން ރުފިޔާ ކައްވާލައިފިއެވެ. މީގެ ދެތިން ދުވަހެއްކުރިން މި ފައިސާ ހޯދުމަށް ގޮޅާބޯ އޮފީހުން ފޮނުވި ލިޔުމުގައި  'ރައީސުލް ޖުމްހޫރިއްޔާގެ ބޭނުމަކަށް' މިހެން ފިޔަވާ އިތުރު އެއްވެސް ތަފުސީލެއްނެތެވެ. މި ޚަބަރު އެމްއެމްއޭގެ ވަރަށް މުއުތަބަރު ފަރާތަކުން ޑީއޯއަށް ކަށަވަރުކޮށްދީފައިވެއެވެ.

މިދިޔަ ހަފްތާގައި ސަރުކާރުގެ އޮފީސްތަކުގެ ބަޖެޓު ފައިސާއިން ބޮޑުބައެއް ބޭންކް އޮފް މޯލްޑިވްސް އިން އެމްއެމްއޭއަށް ބަދަލުކުރުމަށްވެސް ވަނީ އަންގާފައެވެ. އަދި، ގޮޅާބޯގެ ބައެއް އަރިސް މީހުނަށް އެއްވެސް ސެކިއުރިޓީއަކާ ނުލާ ބޮޑެތި އޯވާޑޫރާފުޓުތަކާ ލޯނުތައްވެސް ބޭންކް އޮފް މޯލްޑިވްސް އިން އެބަ ދޫކުރެއެވެ. މިފައިސާ ދަނީ ސީދާ ގޮޅާބޯގެ ކެންޕޭނުގެ ޚަރަދަށް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. މިސާލަކަށް މިފަހުން ޕަޗޭ ހަމީދު 7 ލައްކަ ރުފިޔާ ނަގައިގެން ރުނޑިންގެ ޕާޓީގެ ކެމްޕޭނަށް ޚަރަދުކޮށްފައިވެސް ވެއެވެ.

ކުރީފަހަރެކޭ އެއްގޮތަށް މިފަހަރުވެސް ގޮޅާބޯމެން ވިސްނަމުން އެދަނީ ބައެއް ވޯޓުތައް ގަނެވޭތޯއެވެ. އަދި، ކުރީފަހަރު ބެހި ވަގުނޫޓުތަކުގެ މައްސަލަ މިހާރު ހޫނުވަމުން އަންނާތީ މިފަހަރު އެ މަސައްކަތްކުރަނީ ވީހާވެސް ގިނަ ފައިސާއެއް ބެންކުން ނަގާ ވޯޓުގަތުމަށް ޚަރަދު ކުރާށެވެ.

މައުލޫމާތު ލިބޭގޮތުގައި ރާއްޖެތެރެއަށް ބެހި ވަގުނޫޓުތަކުގެ މައްސަލަ މިހާރުވަނީ ވަރަށް ހޫނުވެފައެވެ. އަދި ދެމީހަކު މިހާރުވަނީ ފުލުހުންގެ އަތްދަށުވެފައެވެ. ގޮޅާބޯމެން މިދިޔަ ފަހަރު ވަގުނޫޓޫ ބެހީ އެބުރުން ކާމިޔާބުވީމާ ދެން އެމައްސަލަ އިތުރަށް ނުހިލޭނޭ ކަމަށެވެ.

ދިވެހީންނޭވެ! ކަލޭމެން ހަމަހޭގައި ތިބެ މި ގޮޅާބޯއަށް ވޯޓު ނާޅާށެވެ. ދިވެހި ދައުލަތް މިހާރުވެސް މިއޮތީ ދަރާ ވިކިފައެވެ. ގޮޅާބޯއަށް މި އިންތިޚާބު މަކަރު ހަދައިގެން ކާމިޔާބު ކުރެވިއްޖެއްޔާ ދެން ވެރިކަމުގައި ގަދަފައިވިއްދާނީ ހަމަ ސީދާ ރާގޮނޑި ރާޖާއެވެ. ކާމިނީގޭގެ ބަލާވެރިކަމަކުން އޭރުން ދިވެހިން އަވަހަކަށް ސަލާމަތެއްނުވާނެއެވެ.

ވީމާ، ވަތަން އެދޭގޮތަށް ހެޔޮ ބަދަލަށް ވޯޓުލާށެވެ!

Tuesday, 14 October 2008

ޣައިރުގާނޫނީ ކެމްޕޭނު ޚަބަރު

ފުވައްމުލަކުގެ ބޮޑު ކަތީބު މުނީރު ހަސަން، ބާރުގެ ބޭނުންކޮށްގެން މައުމޫނަށް ވޯޓު ހޯދަނީ....


15 އޮކްޓޯބަރ 2008

ފުވައްމުލަކު އޮފީސް ހިންގުމާއި ހަވާލުވެ ހުރި މުނީރު ހަސަން ދަނީ ރަށުގައި ތިބި މުދިމުންނާއި، މަސައްކަތު މީހުންނާއި އަދި ސަރުދާރުންނަށް ވަޒީފާގެ ނާޖާއިޒު ނުފޫޒު ބޭނުންކޮށްގެން އެއްވެސް ލަދެއް ހަޔާތްނެތި ރަށުގައި ތިބި ނިކަމެތި  ރައްޔަތުން ތަކެއްގެ ހައްގަށް އަރައިގަންނަމުންނެވެ. މައުމޫނަށް ވޯޓު ނުލައިފި ނަމަ، ވަޒީފާއިން ވަކި ކުރާނޭ ކަމަށާއި، ކަލޭމެންގެ ތެރެއިން ގިނަ މީހުންނަކީ ވަޒީފާއަށް 3 މަސް ނުވާ މީހުން ކަމަށާއި، ސިވިލް ސަރވިސްގައި ހުންނަނީ ތިމަންނަގެ ކޮށްކޮ ފަހުމީ ކަމަށް އަންގާ ބިރުދައްކާފައެވެ.

 މުނީރަށް ކޮން ހައްގެއްތޯ އޮތީ މުނީރުގެ ދަށުން ވަޒީފާގައި ތިބި ބަޔަކުގެ އަމިއްލަ ހައްގަކަށް އަރައިގަތުމުގެ.؟ މުނީރަކީ ކުރީގެ ފެއިލް ވެފައިވާ ކޮރަޕްޝަން ކޮމިޝަނަރ ފާރޫގު ހަސަންގެ  ވެސް ކޮށްކޮ އެކެވެ. މުނީމެން ކަހަލަ ރައްޔަތުންގެ ވިންދަށް ކުޑަކޮށް ބަލައިލުމެއްވެސް ނެތް ތަންދޮރު ނޭގޭ ވެރިންތަކެއް ފުވައްމުލަކުގައި ތިބި ކަމީ ފުވައްމުލަކުގެ ހަލާކު ކަމުގައި ދަންނަންވާނެއެވެ. ކަލެއަކީ ރައްޔަތުންނަށް އޮޅުވާލީ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ތިޔަ ފަދަ މީހުން ދެން އަހަރެމެން ބަލައި ނުގަންނާނަމެވެ. ތިޔަފަދަ މީހުންގެ ވާހަކަ ތާރީޚުގައި ލިޔާނަމެވެ. ކަލޭމެން ރައްޔަތުންނަށް އޮޅުވާލި ކަން ރައްޔަތުންނަށް ވަނީ އެނގި ފައެވެ.

 މުނީރު އަހަރެންގެ އެދުމަކީ ކަލޭވެސް ހައްގާއި ބާތިލު ވަކިކުރުމަށެވެ. ހައްގު މަގު ފެންނަން އޮތް ހިނދު ބާތިލު މަގުގައި ނުހިގާށެވެ. ކަލޭމެން ކިތަންމެ ވަރަކަށް ރައްޔަތުންނަށް އޮޅުވާލަން މަސަކަތްކުރިއަސް ފެންނަން އޮތް ހަގީގަތަކީ 1978 ން ފެށިގެން 2004 ވަނަ އަހަރާއި ދެމެދު މި ރާއްޖޭގައި އިސްލާމް ދީން އޮތްގޮތާ، 2004 ން ފެށިގެން އިސްލާހީމަސައްކަތް ފެށުމުން މިހާރު ގިނަ ބަޔަކު އިސްލާހުވެ ނަމާދު ކުރާ މީހުން އިތުރުވަމުންދާ ކަމީ ފެންނަން އޮތް ހަގީގަތެކެވެ. ދެންކޮން ވާހަކަ އެއް ދައްކާކަށް..

ބަލަ މުނީރު ތާކީ އަސް ހަމަ ސިވިލް ސަރވިސްގެ މުވައްޒަފެއް...

Saturday, 4 October 2008

ދިވެހި ރައްޔިތުންތިބީ ޣާފިލުކަމެއްގައި ނޫންކަމަށާއި، އެއްވެސް މީހަކު ވޯޓު ނުވިއްކާނޭކަމަށް ޤާސިމް ވިދާޅުވެއްޖެ

ރިޔާސީ ކެމްޕޭން ޚަބަރު


4 އޮކްޓޯބަރ2008

ވޯޓް ގަތުމަށް ޖުމްހޫރީ ޕާޓީން ޚަރަދު ކުރަމުންގެންދާ ކަމަށް ދައްކަވަމުން ގެންދަވާ ވާހަކަ ދޮގުކުރައްވައި، ވޯޓް ގަތުމަށް އެއްވެސް ފައިސާއެއް ޚަރަދުކޮށްފައި ނުވާނެ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގައި ތިބި ޖުމްހޫރީ ގުޅުމަށް ތާއީދު ކުރާ މީހުންނާ ބައްދަލުކޮށް ގާސިމް ވިދާޅުވީ ދިވެހި ރައްޔިތުންތިބީ އެފަދަ ޣާފިލުކަމެއްގައި ނޫންކަމަށާއި އެއްވެސް މީހަކު ދޭ ފައިސާއަކަށް އެއްވެސްމީހަކު ވޯޓް ވިއްކާ ނުލައްވާނެ ކަމަށެވެ.

ގާސިމް ވިދާޅުވީ އެކަމަށް ފައިސާ ޚަރަދުކުރަނީ ދައުލަތުން ކަމަށް ވިއަސް އަދި އަމިއްލަ ފަރުދެއްކަމަށް ވިއަސް އެކުރަނީ ވަރަށްބޮޑު ނުރަނގަޅުކަމެއް ކަމަށެވެ. އެކަން ކުރާބަޔަކު އެކުރަނީ ރައްޔިތުންނަށް މަގުއޮޅުވާލަން ކަމަށެވެ. "ޚަރަދުކުރާވާހަކަ ދައްކައި އެންމެން ވެސް އަޅުގަނޑުމެންގެ ބޮލުގައި ބަދުނާމު އަޅުވަނީ. އަޅުގަނޑުމެން ފައިސާ ޚަރަދުކުރަމުން ގެންދަނީ ކެންޕޭން އޮފީސްތައް ހުޅުވުމަށާއި އަދި ވެސް ކެމްޕޭނާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުމަށް. އެއީ ވެސް ނިސްބަތުން ކުޑައެއްޗެއް" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ބަޔަކު ފައިސާދިން ކަމުގައި ވިއަސް އެމީހަކު ވޯޓް ދޭނީ އެމީހަކަށް އެންމެ އެކަށޭނެ ބޭފުޅަކަށެވެ. ފައިސާގެ ދަހިވެތިކަމުގައި އެއްވެސް މީހަކު ވޯޓް ވިއްކައި ނުލާނެކަމަށް ތަކުރާރުކޮށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވޯޓް ދެއްވާއިރު, އަޅުގަނޑުމެންގެ ތެރޭގައި އޮތް އަނިޔާވެރިކަމުގެ ދުވަސް ފަހަނައަޅާފައިވާ ކަމަށާއި, އެވެރިކަން އަނބުރާ ގެނައުމަށް ދިވެހިރައްޔިތުން މަސައްކަތް ކޮށްގެން ނުވާނެ ކަމަށެވެ.

ދޮގުސީދީގެ ނިމުން

އައިވާ ކޮލަމް


4 އޮކްޓޯބަރ2008

އިންޑިޔާ ކަނޑުގައި އޮންނަ ގުދުރަތީ ރީތިކަން ދައްކުވައިދޭ މި ޤައުމުގައި ދިރިއުޅެމުން އަންނަ މީހުންނަކީ، ވަރަށް މަދު ދުވަސްކޮޅަކުނޫނީ، ބޭރުބައެއްގެ އަޅުވެތިކަމުގައި އުޅެފައިވާ ބައެއްނޫނެވެ. ނަމަވެސް މި ޤައުމުގެ މީހުން އަޅުވެތިކޮށްގެން ގެންގުޅެނީ ހަމަ މި ޤައުމުގެ ރައްޔިތުންނަށް އޮޅުވާލައިގެން ސީދީންނަށް ވެގެން އުޅޭ މި ގައުމުގެ މީހުންނެވެ. މި ގައުމުގެ މީހުންގެ މައްޗަށް ވެރިކަން ހިންގަނީ ވަރަށްވެސް އަނިޔާވެރިގޮތެއްގައެވެ. ވެރިކަންކުރާ ސީދީން އަބަދުވެސް ރައްޔިތުންނަށް ދައްކަނީ މުޅިންވެސް ހުވަފެނެވެ. މި ގައުމުގެ މީހުން އިސްލާމްދީންގެ މަތިވެރި ނިޢުމަތް ލިބިގަތުމުގެ ޙާދިޘާއަކީވެސް، މިފަދަ މީހުން ރައްޔިތުންނަށް އޮޅުވާލުމުގެ، މިސާލެކެވެ. އެތައް ރީތި އަންހެންކުދީންނެއް މި ދުނިޔެއިން ވަކިވި ޙާދިޘާއާއި ރާއްޖެ އިސްލާމްވީ ވާހަކައާއި ވަރަށްބޮޑު ގުޅުމެއްވާކަމަށް ތާރިޚީ ލިއުންތެރިން ވިދާޅުވެއެވެ.

މިފަދަ ބައެއް ސީދީން ވެރިކަންކަމަށްޓަކައި އެމީހުންގެ ފިރީންނާއި އަނބީން ގަތުލުކޮށްގެންވެސް ވެރިކަންކުރި ތާރީޚީ ވާހަކަތަކަކީ، ވަރަށްވެސް ޢިބުރަތްތެރި ވާހަކަތަކެކެވެ. މިފަދަ ނުރަގަޅު ޘަގާފަތުގެ ތެރެއިން އެކިދުވަސްވަރު ވެރިކަންކުރާ ސީދީންގެ ވެރިކަމުގެ ދަހިވެތިކަން ހުންނަނީ އެކިވަރަށެވެ. މީގެތެރެއިން 1978 ގެ ފަހުން ވެރިކަމަށް އެރި ބަޑިސީދީގެ ވެރިކަމުގެ ދަހިވެތިކަން ވަޒަންކުރާނެ މިންގަޑެއްވެސް އިންސާނުންނަކަށް އެގިގެންނެއް ނުވެއެވެ. މިނަންވީ ކިލޯއިންކަމެއް، މީޓަރުންކަމެއް، ފެރަންހައިޓުންކަމެއް، ބުނަން ވަރަށްވެސް އުދަގުލެވެ. ވަޒަންކުރެވޭވަރަށްވުރެން މައްޗަށް ދިޔައީއެވެ. 

މި ގައުމުގެ ވެރިކަމުގެ ތާރީޚްގައި އަނިޔާވެރިކަން ހައްދުފަހަނައަޅަން ފަށާފައިވަނީ، 1978 ނޮވެމްބަރ 11 އިންފެށިގެންނެވެ. އަނިޔާވެރިކަން ފެށުނުދުވަހު ވެރިކަމަށްއެރި ބަޑިސީދީގެ ނިޔަތް ވަރަށްވެސް ސާފެވެ. ވެރިކަމާ ޙަވާލުވުމުގެ ހުވާކުރީވެސް އަންބޮޑިއަށް ބަޑިޖަހައިގެންހުރެއެވެ. އަދި މި ބަޑިސީދީގެ ހައެއްކަ އެކުވެރިންގެ އަތަށްވެސް ހަތިޔާރު ދީގެންނެވެ. މިއީ އެ ދޮގުސީދީގެ އަމިއްލަ އިޢުތިރާފެވެ. 

ދޮގުސީދީ ވެރިކަމަށް އެރި ދުވަހު ދުއްވާނެ މާގިނަ ކާރެއް ނެތެވެ. އޮތީ ހަމަ އެންމެ 2 ކާރެވެ. މިފަދަ ކުޑަ ގައުމެއްގައި 2ކާރު އޮތުމަކީ ކުރީގެ ސީދީ ކޮށްފައިވާ ވަރަށްބޮޑު އިސްރާފެއްކަމާއި، މި ކުޑަ ގައުމުގައި ކާރެއް ދުއްވުމަށްވުރެން ޖަމަލެއް ދުއްވުން ޚަރަދު ކުޑަވާނެކަމަށް ދޮގުސީދީގެ ރަޙުމަތްތެރިންގެ ގާތުގައި ބުނެފައިވާކަމަށް ޚަބަރު ލިބެއެވެ. ނަމަވެސް ރަޙުމަތްތެރިން ދޮގުސީދީއަށް ވިސްނައިދިނީ، ދޮގުސީދީގެ ހައިބަތާއި ގަދަރަށް ބަލާއިރު ކާރު މަދުކަމުގައެވެ. 2ކާރު 3ކާރަށް، އެންމެފަހުން މިހާރު 10ކާރަށް ވަނީ ބަދަލު ވެފައެވެ. ރަނިކަމަނާ، ހިތްޕުޅާ ނުވެގެން ކޯފާވާ ރޭރޭ، ނިދަންޖެހެނީވެސް ކާރެއްގެ ތެރޭގައި ވިއްޔާއެވެ. އެހެންވީމާ ކާރު ގިނައެއް ނޫންތާއޭ!

މި ޖަޒީރާ ގައުމަށް ލިބޭ އާމްދަނީ ގިނަކުރެވޭތޯ ދޮގުސީދީ ވަރަށްމަސްކަތް ކުރެއެވެ. ތަފާތު ގައުމުތަކަށް ފުރަމާނަ ދަތުރުގެ ނަމުގައި ދަތުރު ކުރެއެވެ. އެކުގައި 20 ނުވަތަ 30 ޚާދިމުން ގެންދެއެވެ. މި އެންމެހައި ޚާދިމުންނަށްވެސް ޚަރަދު ކުރަނީ ދޮގުސިދީގެ ގަޑުވަރުންނާއި ދޮގުސީދީގެ ރަސްމީ އޮފީހުންނެވެ. ރައްޔިތުންގެ ޚަޒާނާއިންނެވެ. ޙައިދަރު އާބާދުގެ އެންމެ ފަހުގެ ރަސްގެފާނު ނިޒާމު އާއި އެއްވަރު ނުވިނަމަވެސް ދެކޮޅަށް އުފުލޭ ރިޔާސީ ރަސްމީ ތައްގަޑުޖެހި ފޮށިތަކާއި ބޮޑެތި ބޮޑެތި ޕާރސަލްތަކުގެ ޢަދަދު މަދެއްނޫނެވެ.

މި ގޮތަށް ކުރެއްވި ދަތުރު ތަކެއްގައި ޙިޖާޒުކަރައިގެ ރަސްގެފާނު 03 މިލިއަން ޑޮލަރު އަދި ބުރޫނާއީގެ  ރަސްގެފާނު 02 މިލިއަން ޑޮލަރު މިސްކިތެއް ބިނާކުރުމަށް ދެއްވިކަމަށް ވެއެވެ. މި ޑޮލަރު ތަކުން އެޅިމިސްކިތުގައި ނަމާދުކުރެވެނީ 4 ހާސް މީހުންނަށްކަމަށް ނޫސްތަކުގައި ވެއެވެ. ދޮގުސީދީ މިހާގިނަ ފައިސާ ހޯދައިގެން އެޅި މިސްކިތް މާ ކުޑަކަމަށް ކިޔާއުޅުނެވެ. ދޮގުސީދީ ގެ ބުރަމަސައްކަތުން ހޯދާ ފައިސާއިން އުޖޫރައަށްވާ ބައި ދޮގުސީދީ ނަގަންޖެހޭނެކަން ރައްޔިތުންނަށް ނޭގޭކަން ވަރަށްވެސް ދެރައެވެ. އެކަމަކު އަދިވެސް ދޮގުސީދީގެ ގެއެއް ނެތެވެ. ވަންނާނެ ޖިފްޓިއެއްވެސް ނެތެވެ. މިވަނީ ކީއްބާވައެވެ؟ އެކަމަކު ދޮގުސީދީގެ އަރިހު ސާހިބުންނަށް ރައްޔިތުންގެ ޚަޒާނާއިން،  ރައްޔިތުންގެ އެއްވެސް މީހެއްގެ ރުހުން ނުހޯދާ ދޮގުސީދީގެ މަޤާމާއި ނުފޫޒުން، ސާހިބުންގެ ގޭގޭ ބުރިބުރިއަށް އެޅުމަށް، 125 މިލިއަން ރުފިޔާގެ ފައިސާވަނީ ބަހާ ހުސްކޮށްލާފައެވެ. ދޮގުސީދީ އަށް ހީވަނީ މިއީ ދޮގުސިދީގެ އަމިއްލަ އައްޕަގެ 70 ނަންބަރު ފިހާރަ ވަތްގަޑުގައިހުރި ފައިސާކަމަށެވެ.

މި ސަހަރަށް އެރި ސުނާމީގެ ކާރިޘާގައި ޙާލުގައި ޖެހުނު މީހުންނަށް އެހީވުމަށް އެކިއެކި ކަރަކަރައިން ދިން ޑޮލަރުތައް ވީނުވީއެއް ނޭގުނެވެ. ނިކަމެތީންގެ ޙައްޤުތައް ހޯދުމަށް ދޮގުސީދީގެ އިދިކޮޅު ޕާރޓީއަކުން، މަސައްކަތްފެށިއެވެ. މި ގޮތަށް ރައްޔިތުންނަށް ޚިޔާނާތްތެރި ވެރިން ޕަކަޅާ ކޮށްލާ ޑޮލަރުތައް އަޅަނީ ކޮންވަށްޓަކަށް، ފޮށްޓަކަށްތޯ ބަލަމުންދާ ފާރަވެރިބަޔަކު ވިލާތުގައި އުޅެއެވެ. މިވެރިންގެ މަސައްކަތުން ދޮގުސީދީގެ  ދޮލަރުތައް އެޅި ކޮށާރުތަކުގެ މަޅުނަގާބެލިއިރު ކަމަކުދާކަށްނެތެވެ. ލަފާކުރެވޭ ގޮތުގައި މިކަހަލަ އެކިއެކި ކޮށާރަތަކުގައި ދޮގުސީދީގެ ނަމުގައި 80 މިލިއަން ޑޮލަރު ވަނީ ޖަމާކޮށްލާފައެވެ. މީގެތެރޭގައި ވީނުވީއެއް ނޭގުނު ގަޠަރުގެ އަމީރު ދެއްވި 40 މިލިއަން ޑޮލަރުވެސް ހުރިކަމަށް އެގިފައިވެއެވެ. އަދި މީގެ އިތުރުން ދޮގުސީދީގެ ބޮޑުޅިޔަނު މިސަހަރުގެ މަސްވެރިންގެ އަތުން ޕަކަޅާކޮށްލި 280 މިލިއަން ޑޮލަރާއި، ދޮގުސީދީގެ ހަށިފާރަވެރިންގެ މުއްލާ ބަރުބަރީއާއި ޙަވާލުކޮށްގެން ހިންގަމުން ގެންދިޔަ، އުދުހޭ އުޅަނދު ފަހަރު ހިންގާ ބަލަހައްޓާ ކުންފުނި ބަގުރޫޓްކޮށްލައިގެން ދަވާލި 69 މިލިއަން ޑޮލަރު ހުރީ ކޮންކޮށާރައެއްގައިތޯ މިހާރުދަނީ ބަލަމުންނެވެ.

ދޮގުސީދީ ބުނާ ގޮތުގައި ދޮގުސީދީގެ ހުރިހާ ވަގުތެއްވެސް ހުސްކޮށް ހުންނަނީ ގައުމުގެ ރައްޔިތުންގެ ޚިދުމަތުގައެވެ. ރަނިކަމަނާއަށް ވަގުތުކޮޅެއްވެސް ނުދޭކަމަށް އެ އިޢުތިރާފުވީތާއެވެ! އެހެންވީމާ، ގައުމުގެ ރައްޔިތުންގެ ހިތުގައި އުފެދުނު ސުވާލަކީ ސީދީގެ ކުދީން ތިބޭނެތޯ؟ ނުވަތަ ނޫންތޯ؟ މިސުވާލެވެ.

ކޮންމެ ފަސް އަހަރަކުން އެއްފަހަރު އަންނަ ބަޑިހުވާގެ ދުވަސް ކައިރިވުމުން، ރައްޔިތުންނަށް ހުވަފެންތައް ދައްކަން ފަށައެވެ. މި ދައްކާ ހުވަފެންތަކުގެ ތެރޭގައި، ރަށްރަށުގެ ފަޅުތެރޭގައި މިންތައްއަޅާ ކަޑަތައް ޖަހައެވެ. ބޭސްފަރުވަކުރާ ޞިއްހީ މަރުކަޒުފަދަ ނަންބޯޑްތައް ހަސްފަތާލުގެ ނަމަށް ބަދަލުވެއެވެ. ވޯޓްފޮށިތަކުގައި ތަފާތު ތަޅުތައްލާ ހުޅުވާ ލައްޕާ ހަދަން ދަސްކޮށްދިނުމާއި، އަދި ދެފުއްކެހެރި ޓޭޕް ފަތިގަޑުތަކުގައި ތަތްކޮށް ފޮށިފޮށީގެ ފުލުން ކުނި ނަގަން ދަސްކޮށްދިނުމަށްޓަކައި، ޚަޠީބުންނަށާއި ވާރުވެރިންނަށް މަސައްކަތު ބައްދަލުވުންތައް ބާއްވާ އިނާމުތައް ދީ ހަދައެވެ.

އަބަދުވެސް ދޮގުސީދީ ވެރިކަމަށް ހޮވެނީ ރައްޔިތުންގެ 98 ޕަސެންޓް ވޯޓުންނެވެ. މި ގައުމުގެ ރައްޔިތުންގެ ލިޔަން ކިޔަން ދަންނަ ނިސްބަތަކީވެސް 98 ޕަސެންޓެވެ. ރައްޔިތުންނަކީވެސް ވަރަށްމޮޅަށް ލިޔަންކިޔަން ދަންނަ ބަޔެކެވެ. ވޯޓްކަރުދާހުގައި ހުންނަ ހުރިހާ ކާފެއްވެސް ހުންނަނީ ވަރަށްއެއްގޮތަށެވެ. ދަސްކޮށްދިން އެދުރު މީހާއާއި އެއްވެސް ތަފާތެއް ނުހުރެއެވެ. ދަސްކޮށްދިން އެދުރުބޭބެ އަކީ ދޮގުސީދީގެ ވަރަށް ގާތްތިމާގެ މީހެއްކަމަށް ބުނެއެވެ. މީނާއަކީ ދެލިފައިބާ ގަލަމުގައި ރަގަޅަށް ހިފައިގެން ރަށްރަށުގެ ޚަޠީބުންނަށް ޚާއްޞަކޮށް ކުލައަލި ޒުވާންފުރައިގެ ޚަޠީބުންނާއި ވާރުގޭގައި މަސައްކަތްކުރާ މުއައްޒަފުންނަށް ލިޔަންކިޔަން ދަސްކޮށްދިނުމުގެ ރޮގުން 25 އަހަރު ދުވަހަށްވުރެ ގިނަދުވަހުގެ ތަޖްރިބާ ހޯދާފައިވާ މީހެކެވެ. އަދި ކޮންމެ އިންތިޚާބަކީވެސް ދޮގުސީދީ ގެ ބަހުރުވައިންނަމަ ވަރަށްވެސް އިންސާފުވެރި އިންތިޚާބެކެވެ. މިކަމުގެ ރީތި މިސާލަކީ ވޯޓްކަރުދާސްފޮތްތައް ހުރިގޮތަށް ފާހަގަ ޖަހާފަ ފޮށިތެރޭގައި ހުއްޓާ ފެންނަ ފެނުމެވެ. އިންތިޚާބު އިންސާފުވެރިވާނި ދެން މިހާވަރަށެވެ!

މިހާ ހިސާބަށް ކަންތައް ދިއުމުން ގައުމުދެކެ ލޯބިވާ ދަރިޔަކު ކިޔވައިގެން އައިސް މި ގައުމަށް ވާނުވާ ގޮތް ދިރާސާކޮށްލުމުން އޭނާއަށް ފެނުނު ކަންތައް ގައުމުގެ ދަރިންނަށް އެންގުމަށްޓަކައި، ސަންގު ފުމެއް ފެށުމުން ރައްޔިތުން އެއްވަންފެށިއެވެ. ރައްޔިތުންނަށް ވާނުވާ  އެގެންފެށީ އަދި އެހިސާބުންނެވެ. ކަމަކުދާކަންނެތެވެ. ގައުމުގެ ނިކަމެތި މަސްވެރިންގެ ލޭނާރުތައް ދޮގުސީދީގެ ޅިޔަނަކު ފުޑުފުޑު ކޮށްލި ޚަބަރު ހާމަވެއްޖެއެވެ. ދޮގުސީދީ ވަރަށް ގަޓް ހުރިކަމަށް ހެދިގެން ޅިޔަނަށް ދީފާއިވާ ހުރިހާކަމެއް މުލުން ލުހެލިއެވެ. ޅިޔަނު ކަލޭގެ ފޮށިތަންމަތި ހިފައިގެން ގައުމުން ފިލައިފިއެވެ. މި ޚަބަރު ރަނިކަމަނާގެ ކަންފަތައް އަރާފިއެވެ. ދޮގުސިދީ މެންދުރު ކެއުމަށް ގެއަށް އައުމުން ރަނިކަމަނާ ރުޅިއައިސްގެން ދޮގުސީދީ ފެންވަރުވާލީ މަސްވެރިންގެ ލެނާރުން ހަދާފައިވާ ދިޔައިންނެވެ. މިކަމާ ދޮގުސީދީ ބިރުން ހަލާކުވެއްޖެއެވެ. ޅިޔަނު ގައުމަށް ގެނެސްފިއެވެ. މުލުން ލުހެލި ކަންތައްތައް ހަވާލުކޮށްފިއެވެ. ނަމަވެސް ޅިޔަނު ހުރީ ބަދަލު ހިފުމުގެ ދަނޑިވަޅަކަށް ބަލަބަލައެވެ.

ދޮގުސީދީގެ ޅިޔަނު ގައުމުގެ ރައްޔިތުންގެ ޙާލު އަހުވާލު ބަލަން ރައްޔިތުންގެ ގާތަށް ވަރަށްގިނައިން ދަތުރު ފެށި އެވެ. 3 އަހަރުނުވަނީސް ރައްޔިތުންގެ ގިނަބަޔަކަށް ޅިޔަނު މާބޮޑަށް ރަގަޅު ވެއްޖެއެވެ. އެންމެ ފަހުން ދޮގުސީދީގެ ގޮޑި އަތުލުމުގެ މަސައްކަތް ޅިޔަނު ފަށާފިއެވެ. ރަށްރަށުން ސިހުރު ހާހޫރު ހަދާމީހުންނާއި ކަންވެރިންނާއި ފަންޑިތަވެރިންނަށް އެމީހުންގެ މަސައްކަތްތައް ހަވާލުކޮށްފިއެވެ. ދުވަސްކޮޅެއްނުވަނީސް ދޮގުސީދީއަށް އަނެއްކާވެސް ޅިޔަނުގެ  ހުރިހާކަމެއް ފަޅާ އަރާފިއެވެ. ދޮގުސީދީ ރުޅިއައިސްގެން ޅިޔަނުގެ އުކުޅުވަޅުގައި ތެޔޮދެމި މީހާއަށްދަންދެން ހޯދާ ޖަލަށްލާފިއެވެ. ޅިޔަނު ގައުމުން ބޭރުވީއެވެ. ދޮގުސީދީއަށް ކެތްކޮށްލެވުނީ ވަރަށް ކުޑަދުވަސްކޮޅަކުއެވެ. ރަނިކަމަނާގެ ޒީލަގަދަކަމުން ޅިޔަނު ގައުމަށް ނުގެނެސް ނުވިއެވެ. ޅިޔަނު ގައުމަށްގެނެސް ސަރީޢަތްކޮށް، ޅިޔަނަށް ދިން އެންމެ ބޮޑު އަދަބަކީ، 10 ދުވަހުގެ ރޯދަ ހިފަން ޖެއްސުމެވެ. ރޯދަހިފާ ނިމުމުން ޅިޔަނު އިހުހުރި ދަރަޖައަށް ދޮގުސީދީ ހަމަޖައްސާފިއެވެ. މިދުވަސްވަރު، ދޮގުސީދީ ގައުމުގެ ރައްޔިތުން ގޮބޯ ހައްދާލިއެވެ. "ބެޓަރ ޑިމޮކްރަސީ" ގެ ފަންޑިތައިން ދޮގުސިދީގެ އަވާގައި ރައްޔިތުން ޖެއްސިއެވެ. ޅިޔަނާއި ވާދަކޮށް ދޮގުސީދީ ގޮޑި ކާމިޔާބު ކުރިއެވެ. "ބެޓަރ ޑިމޮކްރަސީ" ރައްޔިތުންނަށް އެންމެ ފަހުން ވީ ބިޓަރ ޑިމޮކްރަސީ އަކަށެވެ.

މި ގައުމުގެ ވެރިޔަކަށްހުރި ދޮގުސީދީއަށް ގައުމުގެ ގިނަ ރައްޔިތުން ތަފާތު ނަންނަމުން ގޮވާ ހަދައެވެ. މި ގޮވެލި ތަކުގެ ތެރޭގައި "ގޮޅާބޯ"، "ބަޑިސީދީ" "ދޮގުސީދީ" ފަދަ ނަންނަން ފާހަގަވެއެވެ. "ބަޑިސީދީ" ކިޔަންފެށުނީ ގައިދުޚާނާގައި ބަންދުކޮށްފައިތިބި ރައްޔިތުންތަކަކަށް ވަރަށްވެސް އަނިޔާވެރިގޮތެއްގައި އަނިޔާކޮށް މަރާ، ޖައްވަށް، ހަވާއަށް، ފަޒާއަށް، ބަޑަށް އަދި ބޮލަށް ބަޑިޖަހަން ވެރިކަމުގައިހުރި ސީދީ އެންގުމަށްފަހުގައެވެ. އަދި މި އަމުރުކުރުމަށްފަހު ލޮލުންރޮމުން ހިތުންހެމުން، މުހިއްމު ޚަބަރެއްގެ ގޮތުގައި މުޅި ގައުމަށް ފެތުރިއެވެ. މި ކަން ތަޙުގީގުވެސް ކުރިއެވެ. "ގޮޅާބޯ" ކިޔަންފެށުނީ މި ގުދުރަތީ މުއްސަދިކަން ލިބިފައިވާ ގައުމުގެ ރީތި ގޮޑުދޮށްތަކާއި ފަޅުތައް އެކިމީހުންނަށް އެކިއަގުގައި، އެއްވެސް އިންސާފެއްނެތި ދީގެން ލިބޭ ގިނަފައިސާތައް ރައްޔިތުންކުރެން އެހުމެއް ކިޔުމެއް ނެތި ބައިތުލްމާލުން ނަގާ ތިމާގެ މީހުންނަށާއި، ކުދިކުދި ސާހިބުންނަށާއި، ބޮޑެތި ސާހިބުންނަށާއި ހުރިހާ އަޢުވާނުންނަށް ބަހާހުސްކުރަމުންދާތީއާއި، އަދި މިކަންކަން ފޫބެއްދުމަށް ކޮސްގޮވާލެއްވެސް ގިނަކަމުންނެވެ.

ބަޑިސީދީގެ އަނިޔާވެރިކަން އިތުރުވަމުންއައިސް ފާޅުކަން ބޮޑުގޮތެއްގައި ގައުމުގެ ރައްޔިތުންނަށް ފަޅާއަރާފައިވަނީ، 2003 ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެމެރިކާގެ ރައްޔިތުންނަށް ވެސް ބައެއްގެ އަނިޔާވެރިކަން އިޙްސާސްވީ ސެޕްޓެމްބަރު މަހެއްގެ ތެރޭގައެވެ. މި ދުވަސްވަރަކީ ދޮގުސީދީގެ ހުރިހާ ފަތިފުށެއް ރައްޔިތުންނަށް ހާމަވި ދުވަސްވަރެވެ. ގޮތްހުސްވެގެން ކިޔޭނުކިޔޭ އެއްޗެއް ނޭގޭ ހިސާބަށް ކަންތައް ހިނގައްޖެއެވެ. ޖައްވޭ، ހަވައޭ، ފަޒާއޭ ގޮވާފިއެވެ. އައި ރުޅީގައި މުގުރު އާދަނު ވެސް ބޮޑުބަޑޭރި ގެއިން ބޭރުކޮށްލައިފިއެވެ. ރައްޔިތުންގެ ރުޅި ދިޔައީ އިތުރު ވަމުންނެވެ. އެންމެފަހުން ގޮތްހުސްވެގެން މުގުރު އާދަނު ގެނެސް ބޮޑުބަޑޭރި ގެއަށް ވައްދާފިއެވެ. މަގުމަތީގައި އުޅޭ ރައްޔިތުން މައިތިރިކުރަން އަސޭމިރުސް ދުމާއި ކަރަންޓް މުގުރު ދީގެން އެކިއެކި ފޯސްތައް ނެރެ ރައްޔިތުން ރޯނާކޮށް ތަޅާ މަރަންފަށާފިއެވެ. މިވަރުންވެސް ރައްޔިތުންގެ ރުޅި މައިތިރިއެއްނުވިއެވެ. ބައެއް ރަށްރަށުން ދޮގުސީދީއަށް ހަމަލާވެސް އާދެއެވެ. މިގޮތުން މިހާތަނަށް ދުނިޔެދުށް އެންމެ މޮޅު އޮޕަރޭޝަނާއި ދޮގުސީދީއާއި ކުރިމަތިލާންޖެހުނީ ހޯރަފުށި ކިޔާ ރަށަކުންނެވެ. މި އޮޕަރޭޝަންގެ މޭސްތިރީގެ މޮޅުކަމަކީ، މަސްކަޑާ  ބާރަ އިންޗީގެ ވަޅިއަކުން، ދޮގުސީދީ ތުރުކުރައްވައިގެންހުރި ސުންދުސީ މޮޅުއުއިން ހަދާފައިވާ ގަމީހުގެ އެންމެ ހިމަރޮދިފަށް ކަޑާލުމަށްފަހު، އެއްމިލިއަން ބާރުގަދަ މައިކްރަސްކޯޕުން ބަލާލީމާ ނޫނީ ނުފެންނަވަރަށް، ދޮގުސީދީގެ ބަނޑުން ތެޔޮހަން ކަޑާލި މޮޅުކަމެވެ. މި ޒަމާނުގެ ރޮބަޓް ޓެކްނޮލޮޖީއަށް ވެސް މި ވަރުގެ މޮޅު އޮޕަރޭޝަނެއް ނުހިންގޭނެ ކަމަށްވެއެވެ. މި އޮޕަރޭޝަން ހިންގީ ރައްޔިތުންގެ ރުހުން ދޮގުސީދީ ހޯދުމުގެ ސިޔާސަތުގެ ދަށުންނެވެ. ނަމަވެސް މިކަން ކާމިޔާބެއް ނުވިއެވެ. މި އޮޕަރޭޝަން ހިންގުމަށް ދޮގު ސީދީ ގެ ދެވަނަ ފިރިހެންދަރި ޣައްދާރުއާއި، އަދި ދޮންރިހަ ޕާޓީގެ ޒުވާނުން މަގުފުރައްދާ ގޮފީގެ ވެރިޔާ މައްލޫނާއި، އަމީންދީދީ ދައުރު ސިލޯނަށް ސަރުކާރުގެ ޚަރަދުގައި ކިޔަވަންފޮނުވި، ޗާލުނަޔާ ސަލީމް(ސިލޯނުން ރާއްޖެ ފޮނުވާލީ ދޮގުސީދީގެ ބެސްޓް ފްރެންޑް ޙަމިއްޓެ އާއި އެކު ދެމީހުން ޖަގިޔާ ގޮށްޖެހިކަމަށް ސާބިތުވި މީހާގެ)ދަރި ދޮގުމުޅި އެރަށަށް އެއްދުވަސް ކުރިން ގޮސްގެންނެވެ.

މިވަރުންވެސް ރައްޔިތުންގެ ރުޅި ދިޔައީ އިތުރުވަމުންނެވެ. މިކަން މައިތިރިކުރުމަށް ކުރިން ވެސް ދޮގުސިދީ ބޭނުންކުރާ ހަތިޔާރު ބޭނުންކުރަންފެށިއެވެ. އެއީ ދީނެވެ. ދޮގުސީދީއަށް ކުރެވޭ ކޮންމެ ވިޔާނުދާ ކަމަކުން ރެކެނީ ދީން އައްޑަނައަކަށް ހަދައިގެންނެވެ. މިހެން އުޅެނިކޮށް މި ސަހަރުގައި މި ދޮގުސީދީއަށްވުރެން މޮޅު ދަންނަބޭކަލުން ތަކެއް އުފެދިއްޖެއެވެ. ދޮގުސީދީ މިކަމާ ކަންބޮޑުވެ، ދަންނަބޭކަލުންތައް މި ސަހަރުން ނެތިކޮށްލުމުގެ ސިޔާސަތުގެ ދަށުން ހުރަގެއަށްލާ ޗިލީސޯސް ޖަހައިގެން އެބޭކަލުންގެ ތުބުޅި ބާލުވަން ފަށާފިއެވެ. މި ދަންނަބޭކަލުން ދުޢާކުރަމުން ދިޔައީ، މި ދޮގުސީދީ(ރޯނުއެދުރު) ގެ ވެރިކަން ދަންނަބޭކަލުންގެ އަތްމަތީން ނެތިދިއުމަށެވެ. މި ދުޢާ ވަރަށް އަވަހަށް އިޖާބަކުރައްވާފިއެވެ. ދޮގުސިދީގެ އިދިކޮޅު މީހުންނަށް ރައްދު ދިނުމުގެ ގޮތުން ކިޔާއުޅެނީ މިތާ މިސީދީ ނެތިއްޔާ މިދީނެއްވެސް ނޯންނާނެއެވެ. ރައްޔިތުންވެސް ދޮގުސީދީގެ މި ބަސްގަބޫލްކުރެއެވެ.

އިދިކޮޅު ފަރާތް ތަކުން ބިތުފަންގެ ނަގަންފަށާފިއެވެ. ޙަޤީޤަތް ބެލިއިރު ކަމަކުދާކަށްނެތެވެ. ދޮގުސީދީގެ ނޯކަރުން ހިންގާ ހަސްފަތާލެއްގައި، ވިލާތުގެ ނަސޯރާ ދީންފަތުރާ ބަޔަކު ގެނެސްގެން ރައްޔިތުން ވާވައްދައިފިއެވެ. ނަސޯރާދީނުގެ ފޮތް ދިވެހިބަހަށް ތަރުޖަމާކުރީވެސް ދޮގުސީދީގެ ތަސްވީރުޖާނާއެވެ. މި ނަސޯރާދީން އެތެރެފުށުން ފަތުރަށް މަސައްކަތްކުރި ލީޑަރެއްގެ ޝަރަފް ވިލާތުގެރާނީގެ އަތްޕުޅުން ދޮގުސިދީ ހޯދިއެވެ. މިކަން ޖުމްހޫރީ މައިދާނުގައި ފާހަގަކުރިއެވެ. އަދި އިނގިރޭސި މަހުޖަނެއްގެ އަތުން ޑޮލަރުބޮޑިއެއް ކައްޅަންކޮށްލާފަ، ބުއްދާގެ ބޮޑުބުދެއް މިސަހަރަށްވަނީ އެތެރެކޮށްލާފައެވެ. މިހުރިހާކަމެއް ކޮށްފަވެސް އެހެންމީހުންނާ ދިމާލަށް މި ސީދީ ކާފަރުންނޭ ގޮވައެވެ. މިހެން އުޅެނިކޮށް މިއަށްވުރެބޮޑު ކާފަރެއް މި ސަހަރުގައި ނެތްކަމަށް ރައްޔިތުންނަށް ދޮގު ސީދީގެ އަމިއްލަ ބަހުރުވައިން ބޭޒާރުވެ ފަޅާއަރާފިއެވެ. މިކަމުގެ ފަތުވާ މި ސަހަރުގެ 44 ދަންނަބޭކަލުން ސޮއިކުރައްވާ ނެރުއްވާފިއެވެ. މި އަށްފަހު އިދިކޮޅު މީހުންނާއި ދިމާލަށް މި ވާހަކަ ދެއްކުން ހުއްޓާލާފިއެވެ. ދޮގުސީދީ ރަސްކަމަށް ކުރިމަތިލައިގެން ވޯޓްހޯދަން ރައްޔިތުންގެ ގާތަށް ދިޔުމަށްވަނީ މިހާރުވަނީ ނުކުޅެދިފައެވެ. ބިތުފަންގެ ނެގި ފަޅާއެރުމުން ދެން މިހާރު ކިޔާނެ ފަރިއްސެއްނެތެވެ. މިހާރު ކިޔާހާވެސް ބަންޖަކީ މަށެއްނޫނޭ. މަށެއްނޫނޭ!


Friday, 3 October 2008

މައުމޫނާއި ތަސްމީނަކީވެސް ފޭލްވެފައިވާ ދެމީހުން .... އެހެން ނޫންތޯ ؟

އޮނުކުރި ކޮލަމް


3 އޮކްޓޯބަރ2008

ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް މައުމޫނާއި ތަސްމީނަކީވެސް ފެއިލްވެފައިވާ ދެމީހުންނެވެ. މިކަމުގެ ހެކިތައް ބައިވަރެވެ. މައުމޫނުގެ ފަތިފުށް ނޭނގޭ މީހަކު ނުހުންނާނެއެވެ. މިވޭތުވެދިޔަ 30 އަހަރު ދުވަހު މައުމޫނުގެ ސިޔާސަތުތައް ވަނީ ފެއިލް ވެފައެވެ.  އެކަމަކީ ، ދުވާލުގެ އިރާއި ރޭގަނޑުގެ ހަނދު ފަދައިން ފެންނަންހުރި ހެކިތަކެކެވެ. އިތުރު ހެއްކަކަށް ކޮންމެހެން އުއްބައްތިއެއް ދިއްކުރާކަށް ނުޖެހެއެވެ. އެއަށްވުރެ އެ ހެކީގެ އަލިކަމާއި ފާޅުކަން ގަދައެވެ.

މައުމޫނުގެ އެންމެ ބޮޑު ފެއިލްއަކީ ، އެތެރެއާއި ބޭރުގެ ޕްރެޟަރުން ، 30 އަހަރުން ޕާޓީހަދައި އެޕާޓީން މައުމޫނު ނޫން އެހެން މީހަކަށް ފުރުޞަތު ނުލިބުމެވެ. އިތުރު ލީޑަރޟިޕެއް ނުއުފެއްދުމެވެ. މިއަދު ޤާނޫނު އަސާސީން ލިބިފައިމިވާ މިނިވަންކަމުން މަޙުރޫމުކޮށް ، ޕާޓީގެ ހުރިހާ މެންބަރުންގެ ކިބައިން ، މިނިވަންކަމުގެ ޙައްޤު ނިގުޅައިގެންފައި ވުމެވެ. މައުމޫނިއްޔަ އަޅުވެތިކަމުގެ ނިޒާމުން ސަރުކާރުގެ ހުރިހާ މުއައްޒަފުން އަޅުވެތިކޮށްފައި ބައިތިއްބުމެވެ. ބަލިހިކަނދިތަކެއްހެން އެންމެން ތުންގަނޑު ބިމަށް ހަރައިގެން ތިބެ މައުމޫނަށް ސަޖިދަ ކުރަން ދަސްކޮށްދީފައި އޮތުމެވެ. ހިތުގެ ވިންދާއި ޟުޢޫރުތަކާ ދެކޮޅަށް މައުމޫނަށް ތަބާވާން މަޖުބޫރުކުރެވިފައި އޮތުމެވެ. މިއަށްވުރެ ބޮޑު ފެއިލްވުމެއް ޤައުމެއްގެ ވެރިޔަކަށް ނޯންނާނެއެވެ.

މޯކުޅި ޙަމީދުމެން ، ލާދީނީ ކަންތައްތައް ކޮށް އެއްޖިންސުން ގުޅުން ހިންގާއިރު އެތިބެނީ ޖަސްޓިސް މިނިސްޓަރަށެވެ. ފަތުޙުﷲ މެން ރާބޯއިރު އެތިބެނީ ފޮރިން މިނިސްޓަރަށެވެ. ޙަރާމުން ޙަރާމުމެން މައުމޫނު ބޭނުންވާ ގޮތަކަށް ދީނީ ފަތުވާ ނެރެން ބުދެއްހެން އެހުންނަނީ އުއްތަމަ ފަނޑިޔާރަށެވެ. މިއައްވުރެ ވަކިން ބޮޑު ފެއިލްވުންތަކެއް އޮންނާނެ ބާވައެވެ.

ދެންހުރީ ރަނިންމޭޓް ، ތަސްމީނެވެ. ތަސްމީނަކީ ބިރުގަންނަ ފިޑިއެކެވެ. މިހާތަނަށްކުރި އެއްވެސްކަމެއްގައި ކާމިޔާބީއެއް ޙާޞިލުކުރެވިފައިނުވާ ދެއުޅިވެސް ހަމަނުވާ ސޮހޮލެކެވެ. އިހަށްރޭ ދެއްކި ތަސްމީނުގެ ޕްރޮފައިލް ވަރަށް ސަޅިއެވެ. އެކަމަކު އޭގެ ޗަސްޕެއް ނެތެވެ. ޙަޤީޤަތެއް ނެތެވެ. ނިކަން މިވާހަކަތައް އަޑުއަހާލަ ބަލާށެވެ. މިއީ ތަސްމީނުގެ އަޞްލު ޕްރޮފައިލެވެ.

ރަނގަޅެވެ. ހުރީ ކިޔަވައިގެންނެވެ. ވެރިކަންކުރަން ވެގެން އިނގިރޭސިވިލާތުގެ އިތުރުން މިސުރުންވެސް ކިޔެވިއެވެ. ބައްޕަގެ ތަނަވަސްކަމުން މުއްސަނދިކަން ލިބިފައި ވެއެވެ. ޙަޔާތުގެ ހުރިހާކަމެއްހެން ފުރިހަމަ ކުރަމުން އައީ ފައިސާގެ ނުފޫޒު ފޯރުވައިގެންނެވެ.

ބ އަތޮޅުގެ މެންބަރުކަން ހޯދާފައިވަނީ ފައިސާ ޚަރަދުކޮށްގެންނެވެ. ފައިސާ ބަހައިގެންނެވެ. ޢަންބަރީއަށްވުރެ ކުރި ހޯދައި ، އިންތިޚާބުގައި 1 ވަނަ ހޯދުމަށް އެތައް މިލިޔަން ރުފިޔާއެއް ބ އަތޮޅަށް ޚަރަދު ކުރިއެވެ. މެންބަރުކަން ލިބުމަށްފަހު ، ވާޖިބާއި މަސްއޫލިއްޔަތު އަދާކުރެވިފައެއް ނުވެއެވެ. އެންމެ އިސްނެގުމެއްވެސް ބ އަތޮޅު ނުވަތަ މުޅިރާއްޖޭގެ ރައްޔިތުންގެ ޙައްޤުޤައި ނަގާފައެއް ނުވެއެވެ. ރައްޔިތުންގެ ޙައްޤުޤައި ވަކާލާތުކޮށް ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކާފައެއް ނުވެއެވެ. މަޖިލީހުގެ ގެޔަޢް ވަންނަމުން އެންމެ ދެރަވެގެން ބިސްމިވެސް ކިޔާލާފައެއް ނުވެއެވެ. މިހެންވެ މިހިސާބުން މެންބަރުކަމުން އެއޮތީ ފެއިލް ވެފައެވެ.

އެޓޮލްސްގައި ދަންޑެހެލު ނުވަތަ ، އެޓޮލްސް މުއައްޒަފުންގެ ބަހުންނަމަ ، ކުޑަމީދާ މިނިސްޓަރަކަށްހުރި އިރު ކުޑަކޮށް ކުރިޔަށް ޖެހިލިއެވެ. މިއީވެސް ފައިސާގެ އެހީގައި ހޯދި ކާމިޔާބީއެކެވެ. ކޮންމެހެން ޤާބިލް ކަމުން ހޯދި ކުރިއެރުމެއް ނޫނެވެ. މިކަން ކުރީ ކުޑަމީދަލުގެ އެހީއަށް މީހުންލާ ސިޓީއަށް ކުޑަމީދަލުގެ ނަމުގައި ފައިސާގެ އެހީދީގެން ކުޑަމީދަލަށް މަޖުބޫރުވެގެންނެވެ. އެހީއަށް އެދި ކުޑަމީދަލަށް އަންނަ ހުރިހާ ސިޓީއެއް ކުޑަމީދާ ފޮނުވަނީ ތަސްމީނުއަތަށެވެ. އެ ހުރިހާ ސިޓީއަކަށް ، ކުޑަމީދާ ދޭ އެހީގެ ގޮތުގައި ފައިސާ ދިނީ ތަސްމީނެވެ. އޭގެ އިތުރަށް ، ތަސްމީނުގެ ވ އަތޮޅުގައި އޮންނަ އާރަށަށް ، ޢާއިލާގެ އެންމެން ގޮވައިގެން ، ކުޑަމީދާ ޗުއްޓީ ހޭދަކޮއްލަން ހަފުތާ ބަންދަށް ދާންވީމަ ހުރިހާ ޚަރަދެއް ހަމަޖައްސަނީވެސް ތަސްމީނެވެ. އެހެންކަމުން ، ކުޑަމީދަލަށް މަޖުބޫރުވީ ކުޑަ ނަމަވެސް ވަޒީފާގެ ކުރިއެރުމެއް ދިނުމަށެވެ.

މޯކުޅި ޙަމީދަކީ ތަސްމީނު ހިތްހަމަޖެހޭ މީހެއްނޫނެވެ. އެކަން ދާދި މިދާކަށް ދުވަހު ބ އަތޮޅުން އެފެނުނީއެވެ. އޭދަފުށީ ސަލީމު ލައްވާ މޯކުޅި ޙަމީދު އުފައްދާފައިވާ ޕާޓީގެ މީހުން ލައްވާ އެއޮތީ ތަސްމީނުގެ ލޮލަށާއި ބޮލަށް ވެލި އުކާފައެވެ. މޯކުޅި ޙަމީދު އެޓޮލްސަ އަށް އައުމާއެކު ޒުވާނުންނާބެހޭ މިނިސްޓްރީއަށް ބަދަލު ވިއެވެ. އެތާނގައި އެހެން ހުއްޓާ ތަސްމީނު ނޫން އެހެން ހުރިހާ މީހުންނަށް ޕްރޮމޯޟަން ލިބުނު އިރުވެސް މީނާއަކަށް ވީކަމެއް ނެތެވެ. ޒާހިރު ޙުސައިނު ހުރީ ތަސްމީނާ ބެހޭ ހުރިހާ ފޮއްތައް ވައްގަނޑަށް ލައްވާގެން އަޅާވެސް ނުލައެވެ. ޢާޞިމާމެން ނައިބުންނަށް ހެދި އިރުވެސް ތަސްމީނަށް ލިބުނު ކުރިއެރުމެއް ނެތެވެ. އެމިނިސްޓްރީގައިވެސް ކިރިޔާވެސް ހިފަހައްޓާ ލެވުނީ ފައިސާ ޚަރަދު ކޮއްގެންނެވެ. ޢަލީޒަކީމެން ލައްވާ ޒުވާނުންގެ އެކި ކަންކަމަށް އަމިއްލަޔަށް ބައްޕަގެ ފައިސާ ޚަރަދުކޮއްގެންނެވެ. ޒުވާނުންގެ ކަންކަމަށް ބަޖެޓްގައި ނެތްލާރި އަމިއްލަ ޖީބުން ދީގެންނެވެ. ޒާހިރަށްވެސް މިކަންވީ މާމޮޅު ކަމަކަށެވެ. ޒާހިރުގެ މިނިސްޓަރު ކަމުގައި ބަޖެޓްގައި ލާރިނެތް އެތައްކަމެއް ކުރެވުނީތީއެވެ. ޚަރަދު ކޮށްކޮށް ކޮޅުންލީއިރުވެސް ވީކަމެއް ނެތެވެ. ފައިސާއިން ޤާބިލުކަމެއް ނުހޯދުނެވެ.

ދެން ބަދަލުވީ ޓްރޭޑަށެވެ. ޓްރޭޑްގައި ފައިސާއިން މާބޮޑުކަމެއް ނުކުރެވުނެވެ. އެ ފުރުޞަތެއް ޔާމީނު ނުދިނެވެ. އެހެންވެ އޮފީހަށް އަންނަނީ އަންނާނެ އިރަކުންނެވެ. އޮފީހުގައި ކުރެވޭނެ މާގިނަ މަސައްކަތެއް ނުހުރެއެވެ. އެހެންކަމުން ޔާމީނަކަށްވެސް ވަޒީފާގެ ކުރިއެރުމެއް ނުދެވުނެވެ.

ދެންއައީ ބަހާރު މޫސުމެވެ. ޑީއާރުޕީ އުފެދިއްޖެއެވެ. މައުމޫނު ހުރީ ފައިސާ ޚަރަދުކުރާނެ މީހުންނަށް ބޭނުން ވެފައެވެ. ސަންޓްރެވަލް ސިޔާމުމެން ކަހަލަ ޔާމީނުގެ އަޅުން ޕާޓީއަށް ޚާރަދު ކުރަން ފެށިއެވެ. މަޑުމަޑޫން އޭގެ ތެރެޔަށް ވަންނަމުން އައިސް ، ޒަޢީމުގެ ސަމާލުކަން ހޯދައިފިއެވެ. ޒަޢީމުވެސް ހުރީ ތަސްމީނުމެން ކަހަލަ ބައްޕަގެ ނަމަވެސް ލާރިލިބެންހުރި މީހަކަށް ބޭނުންވެފައެވެ. އެހެން ނޫނީ ޕާޓީ ކޮޅާސް ޖެއްސޭކަށް ނެތެވެ. އިލްޔާސްމެންނެއް ޚަރަދެއް ނުކުރެއެވެ. އެފައިސާ ހުރީ ފިލައިގެން ދާންޖެހުމުން ބޭނުންކުރަން ފަހަށް ރައްކާ ކޮއްފައެވެ.

ޕާޓީގެ މަތިފަޑިޔަށް ތަސްމީނުވެސް ދެމިގެންފިއެވެ. ޤާބިލުކަމަކުންނޫނެވެ. ހަމަ ފައިސާ ޚަރަދު ކޮއްގެންނެވެ. އެންމެ ފަހުން ޒަޢީމުވެސް އަތްދަށުލީއެވެ. ތަސްމީނު ކަހަލަ ލާރި އަތުޖެހެން އޮތް މޮޔަޔަކު ލިބުނީމަ ޒަޢީމުވެސް ހައްޓަކު ހެއެއް ނެތެވެ. ސަރުކާރު ލާރިން މުއްސަނދިކަން ހޯދައިގެން ތިބި ސަންޓްރެވަލް ސިޔާމުމެން އެއްފަރާތްކޮށް ބައިވެރިޔާގެ ގޮތުގައި ޚިޔާރުވެސް ކުރީއެވެ. ފަހުން ލަނޑުދޭގޮތަށެވެ.

އެކަމަކު ލާރިޔަކަށްވެސް ނުގުޑިތާއެވެ. ބ އަތޮޅަށް އެހާބޮޑު ޚަރަދުތަކެއް ކޮއްފާ އޮތް އިރުވެސް ، ރަށްރަށަށް ނާރުވާ ، ލޮލަށާއި ބޮލަށް ވެލި އުކާފަ ރަށުން ބާލާނީ ލާރިޔަށްވެސް ނުގުޑާތީއެވެ. އެހެންކަމުން މިކަމުންވެސް އެދަނީ ފެއިލް ވަމުންނެވެ. މި ވަދެވެނީ ތިމާގެ ހަލާކުގެ ދޮރޯށިންކަން ނޭނގި ނުވަތަ އެނގިގެން އެހެން ރޭވުމެއްގެ ދަށުން އެހެރަދަނީ ތިމާ ފެއިލް ވަމުންނެވެ.

ދެން ފެނުނީ މައުމޫނުގެ ހޯމް މިނިސްޓަރަށް ވީތަނެވެ. ޢަދުލު އިންސާފާއި ހަމަހަމަކަމުގެ ކުލައެއްވެސް ނެތް ދޯހަޅި ސިޔާސަތެއްގައި ރައްޔިތުންގަނޑު އަރައިގެންފިއެވެ. ޖަލުތަކުގައި ކުއްވެރިން މަރަން ފަށައިފިއެވެ. މަގުމައްޗަށް ސިޔާސީ އެކްޓިވިސްޓުންނާއި މީހުންތައް ނުކުންނަން ފަށައިފިއެވެ. ޟޯޟަލް ޖަސްޓިސް ގެއްލި ނިމުނީއެވެ. މިއިން އެއްވެސް ކަމަކާ ކެރިގެން ކުރިމަތިލާނެހާ ހިތްވަރެއް ނެތެވެ. ރައްޔިތުން ކުރިމައްޗަށް ނުކުމެ ޗުއްޕުވެސް ބުނެލާކަށް ނުކެރުނެވެ. ފައިސާޔަކަށް ނުގުޑިއެވެ. އެރި ޕްރެޟަރުގަނޑުގައި އިސްތިއުފާ ސިޓީ ލައިފިއެވެ.

މައުމޫނަކަށް ، ތަސްމީނު ދޫކޮށްލާކަށް ނުކެރުނެވެ. އެއަށްވުރެ ލާރި ގިނަވީމައެވެ. ކޮންމެހެން ހިންގޭމީހަކަށް ވެގެންނެއް ނޫނެވެ. ޕާޓީ ހިންގަން ލާރިދޭ މީހަކަށްވާތީ ، ފައިސާގެ ޕޮޓެންޟަލް ހުރީމަ ސަރުކާރުން ވަކި ނުކޮށް ، ރާޒުވާ ކުޅިބައި މައުމޫނު އަތުރާލިއެވެ. އެޓޮލްސް މިނިސްޓްރީ ޙަވާލު ކުރިއެވެ.

މިވޭތުވެދިޔަ ތިން އަހަރަކީ ، ރާއްޖެތެރެ އެންމެ ދަށްކޮށް ހިނގި ތިން އަހަރެވެ. ރާއްޖެ ތެރޭގެ ރައްޔިތުން އެންމެ ނިކަމެތިވީ ތިން އަހަރެވެ. ތަރައްގީގެ ކަންކަން މަޑުޖެހިގެން ދިޔަ ތިން އަހަރެވެ. އަތޮޅު އަތޮޅުގައި އަތޮޅުވެރިން ނެތި އެންމެ ގިނަ ދުވަސްވީ ތިން އަހަރެވެ. ރައްޔިތުން ނުކުމެ ރަށު އޮފީސް އެންމެ ގިނައިން ބަންދުކުރި ތިން އަހަރެވެ. އެހެން މިނިސްޓަރެއްގެ މިނިސްޓަރުކަމުގައި ރައްޔިތުން ނުކުމެ އޮފީހެއް ބަންދުކުރިކަން އަދި އެނގިފައެއް ނެތެވެ. އެހެން ކަމުން އެޓޮލްސް އެންމެ ދަށްކޮށް ހިނގީ ތަސްމީނުގެ މިނިސްޓަރުކަމުގައެވެ. މިއީ ފެންނަންހުރި ހަޤީޤަތެވެ. ފެއިލުގެ މައްޗަށް ފެއިލް ވީއެވެ.

ދެން ބައްޕަގެ ލާރިން އެހެދީ ރީތިބީޗް ރިސޯޓެވެ. ރިސޯޓު ނުހިންގިގެން މިހާރު ވިއްކާލައިފިއެވެ. ދެން ހެދީ މަސް ބަންދު ކުރާ ކާރުޚާނާއެކެވެ. ދެކުނުގެ އަތޮޅެއްގައެވެ. އިޤްތިޞާދީ ދާއިރާއިން ފެށި ދެމަސައްކަތްވެސް އެވަނީ ފެއިލް ވެފައެވެ. މިހާރު އެހަދާ ދެރިސޯޓް އެހަދަނީ ބައްޕައެވެ. ޢާއިލީ މުއްސަނދިކަމުން ތިމާ ކޮޅަށް ހުއްޓަސް މިފަދަ ކަންކަމަކަށް އެއްވެސް ޤާބިލުކަމެއް ނެތެއް ނޫންހެއްޔެވެ. މިޔަށް ކިޔާނީ ފެއިލްވުން ނޫން ދެން އެހެން ކޮން ނަމެއް ހެއްޔެވެ. މިވަރުގެ މީހަކު ރާއްޖޭގެ ރައީސްގެ ނައިބުކަމަށް ކުފޫ ހަމަވޭ ހެއްޔެވެ ؟ ނޫނެކެވެ. ހަމަވާން ކައިރިވެސް ނުވެއެވެ.

ހަގީގަތުގައި ގޮޅަޔާ ތަސްމީނާ މީ ވަރަށް ގުޅޭ ދެމީހުންނެވެ. ދެމީހުން ދަމާ، ހިފާ، ބޮއި ކޮއްޕާ ހަދާ ހިތްވަނީވެސް ހަމަ އެއްފާޑެއްގެ އެއްޗެކެވެ. އާދެ! ޝައްކެއްނެތެވެ. ދެބޭފުޅުންނަކީވެސް އޮނު ފުމުމުގެ ރޮގުގައި ހަމަ ވަރަށް ކުޅަދާނަ ދެބޭފުޅުންނެވެ.