Tuesday, 12 August 2008

ޒައީމުއާއި ޒައީމުގެ ޤާނޫނު އަސާސީ ތަސްދީގު ކުރުން

ޒައީމުއެވެ. އެންމެހާ ދިވެހިން، ޤާނޫނު އަސާސީ އިސްލާހު ވުމުގެ އުފާފާޅުކުރަމުން ދާއިރު، ޒައީމު ތިކުރާ ފުންހިތާމައިގައި އަހަރެންވެސް ބައިވެރިވަމެވެ. ޒައީމު ތީއަހަރެންގެ ކުޑައިރުގެ ޖިގުރީ ދޯސްތު ވިއްޔާއެވެ. އެހެން ނޫނަސް، މިހާރު ޒައީމު ކެބިނެޓު ހަލުވަން ތައްޔާރު ވަމުންދާއިރު މަށައްވެސް ޒައީމު އޮފީހުގެ ބޮޑު ކޮޓަރީގައި ފޮޓޯގަނޑެއް ކުރަހާލަން ލިބޭނީ މިހެން ވައި އަޅުވައިގެން އުޅުނީމާ ނުންހެއްޔެވެ.

ޒައީމުއެވެ. ޒައީމު ޖަލްސާއަށް ދާންނުކުތް އިރުވެސް، މަބުނީމެއްނުންދޯ، ތިޔަހެން ހިތާމަވެރި މޫނެއް ދައްކައިގެން އެތަނަށް ނުދާށޭ.  އެކަމަކު ޒައީމު އެތަނަށް ގޮސް އިނީ އެއްކަލަ މިރުޒާގު ޒައީމުގެ އަންހެނުން ތަޅާލި ދުވަހު އިންގޮތަކަށް ނުންހެއްޔެވެ. އެންމެ ފަހުން، އެތަނުން ނުކުމެގެން އައީ އެއްވެތިބި އިއްޒަތްތެރީންނަށް ސަލާމްވެސް ނުކޮށް ނުން ހެއްޔެވެ. ޒައީމު ދެއްކިވާހަކައިގައި "ޒަމާން ތަކަކަށް ދެމި ހުންނަ އިހުސާސް ތަކެއްގެ" ވާހަކައެ ދެއްކީ މިއަދުގެ ހިތާމަ ޒައީމުގެ ހިތުން ދުވަހަކުވެސް ނުފިލާނެ ވާހަކަ ބުނަން ދޯއެވެ.

 ޒައީމު ތީގަދަޅާއިއެކެވެ. ޒައީމުގެ ވާހަކައިގައި ބުނި "މުހިންމު ހިނދުކޮޅު" ތިޔަބޭނުންހިފީ ވަރަށް މަތިވެރި މަޤުސަދެއް ހާސިލު ކުރުމަށެވެ. އާއެކެވެ. ޒައީމުއަށް ކުރިމަތިލެވޭ ގޮތަށް އެއީ 'އާ ޤާނޫނު އަސާސީ" އަކަށް ހެދުމަށްޓަކައި، ވީހާ ގިނައިން 'އާ ޤާނޫނު އަސާސީ" އޭ ކިޔުމަށްނުން ހެއޔެވެ. އަދި ނުވީތާކަށް އެއްކަލަ ހަވަރު ތުންފުހި އަނީސާ އަރުވައިގެންވެސް ތިގަތީ އެގަނޑެއްނުން ހެއްޔެވެ.

ޒައީމުއެވެ. މިއަދުންފެށިގެން އިންސާނީ ހައްޤުތަކާއި ޑިމޮކުރަސީގެ އާ ދައުރަކަށް ދިވެހިރާއްޖެ ދާވަހަކަ ޒައީމު ތިޔަތާގަ ތިހެން ބުނީމާ އެބުނެވެނީ ކީކޭކަން އެބަ ވިސްނޭހެއްޔެވެ. އެބުނެވެނީ، ޒައީމު މިރާއްޖޭގައި 30 އަހަރު ވެރިކަން ތިޔަކުރީ އެއްވެސް އިންސާނިއްޔަތުކަމެއްނެތި ޚުދު މުޚުތާރުގޮތުގައި ކަމަށެވެ.  ހަޤީޤަތަކީ އެއީކަން މަށަށްވެސް އެނގެއެވެ. އެކަމަކު އެހެން އެއްބަސްވާ އެއްޗެއް ނޫނެވެ.

އެއްޗެއް ބުނެބަލާށެވެ. "ވަގުތުގެ ވިކާލުމޭ"، "ހަންޖަރުޖެހުމޭ" ކިޔައިގެން ޒައީމު އެދެއްކީ ކޮން ވާހަކައެއް ހެއްޔެވެ؟ ތިޔަ ބުނަނީ ޒައީމު ދިވެހިރައްޔިތުންގެ ބުރަކަށްޓަށް ހެރި ގިނަގުނަ ހަންޖަރުތައް އެއީ، ޒައީމު ހެރި އެއްޗެއްނޫނޭ، ވަގުތާއި ޒަމާނާއެކު އަމިއްލައަށް ހެރުނު އެއްޗެތިތަކެކޭހެއްޔެވެ.  ނޫނޭ ސަޅިއެވެ. ތިޔައީ ރަނެއް މަލެއް ފަދަ ލޮބުވެތި ޒައީމުއެކެވެ.

ޒައީމުއާއި މަށާ ނުން އެހެން މީހުން ސްޓޭޖުތަކަށާއި ހަރުގެތަކަށް އަރައި ޤައުމާ މުޚާތަބުކޮށް ވާހަކަދެއްކުމަކީ، ޒައީމު ނޫނަސް މަގޭބޮލަށް ވެސް އުނދަގޫވާކަމެކެވެ. އެކަމަކު ޤާނޫނު އަސާސީ ތަސްދީގުކުރާ ޖަލްސާގައި، ޤައުމަށްކުރިމަތިވެފައިވާ ހުރިހާ މައްސަލައެއްގެ އަސްލަކީ ޒައީމުނުން މީހުންވެސް ސްޓޭޖުތަކުގައި ވާހަކަދައްކާތީއޭ ބުނީމާ ބައެއް މީހުން ދެކޭނީ އެއީ ޑިމޮކުރަސީއާ ޚިލާފު ބުނުމެއްކަމަށެވެ. އަދި ތިމަންނާއެކަންޏޭ ހަޤީޤަތަށް ވާހަކަދައްކަނީ، ދެން އެހެންމީހުން ވާހަކަ ދައްކަނީ ހަޤީޤަތް އޮޅުވާލާށޭ ކިޔައިގެން، ޒައީމު ކަހަލަ ދުވަހަކު ތެދެއްނުހަދާމީހަކު ވާހަކަދެއްކީމާ، މީހުންނަށް ހީވާނީ ޒައީމު ތިޔަ އުޅެނީ ދުލުގެ މިނިވަންކަން ނިގުޅައިގަންނާށޭއެވެ. ކޮންމެޔަކަސް، ބޯން އުޅުނު ބޮނޑި ތިޔައޮތީ ބޮވިފައެވެ. މަގޭ ނަސޭހަތް ނާހާގޮސް ތިޔޮއްގޮވި ކޮހަކުން، ޒައީމު ތިޔައީ ޑިމޮކުރަސީގެ އުސޫލުތައް އެއްގޮތަކަށްވެސް ނުދަންނަ ރުނޑި ޔެއްކަން ތިޔައޮތީ މުޅިޤައުމުގެ ކުރިމަތީގައި ބޭޒާރުވެފައެވެ.

ޒައީމުގެ ތިޔަހުންނަ ވަގުގޮތެއްދޯއެވެ. ޤާނޫނު އަސާސީގައި ސޮއިކޮށްފައި ސޮއިކުރި  ގަލަންވެސް ތިޔައުޅުނީ ޕަކަޅާކޮށްލައިގެން ގެޔަށްގެންދަންދޯއެވެ. ތިޔައީ ކުޑައިރުއްސުރެން ހިފައިފައި ހުންނަ އާދައެއްދޯއެވެ.

ދެން މިފަހަރު ކުރުކޮށްލާނަމެވެ.

ޤާނޫނު އަސާސީ އިސްލާހުވީމާ ޒައީމު ތިޔަކުރާ ހިތާމައަށް ސަލާމް؛

ޒަމާންތަކަށް ދެމިހުންނަ ޒައީމުގެ އިހުސާސް ތަކަށް ސަލާމް؛

ޒައީމުގައިގައި އެކިވަގުތު އެކިކުދިންނާއި ޒަކަރިއްޔާ ހަމިއްޓޭ ވިކާ ވިކުމަށް ސަލާމް؛

ދިވެހި ރައްޔިތުންގެ ބުރަކަށްޓަށް ޒައީމު ހެރި ހަންޖަރުތަކަށް ސަލާމް؛

ޒައީމު ކެނޑިނޭޅި ތިޔަހާމަކުރާ ހަޤީޤަތާއި، ޒައީމުއާ ވަކިވާ ކޮންމެ މީހެއްގެ ބޮލުގައި ތިޔަ އަޅުވާ ދޮގުބޮނޑިއަށް ސަލާމް.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ވައުދު ހާމަކޮށްފި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި)ގެ ރިޔާސީ ފަސް ވައުދުގެ ތެރެއިން ބޯހިޔާވަހިކަމުގެ ސިޔާސަތު އާދީއްތަ ދުވަހު ހާމަކޮށްދެއްވައިފިއެވެ.

ގއ އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކުރުމުގެ ދަތުރުފުޅެއްގައި އުޅުއްވަމުން މުހައްމަދު ނަޝީދުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ހާމަކޮށްދެއްވީ އެއަތޮޅު ވިލިގިލީގައި ހުންނަ ސުނާމީގައި ގެއްލުން ލިބުނު މީހުން ތިބޭ ވަގުތީ ހިޔާ ހިމެނޭ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އާދީއްތަ ދުވަހުގެ ހެނދުނު ބޭއްވި މި ރަސްމިއްޔާތުގައި ކެންޑިޑޭޓް ނަޝީދުވަނީ ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެމްޑީޕީން ގެންގުޅޭނެ ސިޔާސަތުތަކާއި ގޯތިގެދޮރު ބިނާކުރުމަށް އެމްޑީޕީގެ ސަރުކާރެއްގައި ލޯނު ދެއްވާނެ އުސޫލުތައް ހާމަކޮށްދެއްވާފައެވެ.

މިސިޔާސަތާއި ބެހޭ ތަފްސީލުތައް ހާމަކުރުން އޮންނާނީ އަންނަ އަންގާރަ ދުވަހު މާލޭގައެވެ.

ގއ އަތޮޅަށް ކެންޑިޑޭޓް ކުރައްވާ ދަތުރުފުޅު ނިންމަވާލުމަށްފަހު މާލެއައުމަށް ހަމަޖެހިފައިވަނީ މިރޭއެވެ. މިދަތުރުފުޅުގައި ނަޝީދުވަނީ ގއ އަތޮޅުގެ ގެމަނަފުށި، ދިޔަދޫ، ކޮނޑޭ، ދާންދޫ އަދި ކޮލަމާފުށި ވިލިގިލި، މާމެންދޫ، ނިލަންދޫ އަދި ދެއްވަދޫއަށް ޒިޔާރަތްކުރައްވާ ރައްޔިތުންނާއި ބައްދަލުކޮށް އާއްމުން ދިރިއުޅޭ ގެތަކަށް ޒިޔާރަތްކޮށް އާއްމުންގެ ހާލު ބައްލަވާފައެވެ.  

ރާއްޖޭގެ މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމުގައިވާ މަސްކަނޑުތައް ނުބެލެހެއްޓުމުގެ މައްސަލަ އެމްޑީޕީގެ ސަރުކާރަކުން ހުއްޓުވާނެ –ކެންޑިޑޭޓް ނަޝީދު

ރާއްޖޭގެ މަސްވެރިންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މަސްކަނޑުތައް ނުބެލެހެއްޓުމުގެ މައްސަލައަކީ މަސްކަނޑުތައް ނުބެލެހެއްޓުމުގެ މައްސަލަކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެއެވެ.

ގއ އަތޮޅުގެ ރަށްރަށަށް ކުރައްވާ ޒިޔާރަތުގައި ހޮނިހިރު ދުވަހު ކޮލަމާފުއްޓަށް ޒިޔާރަތްކުރެއްވުމަށްފަހު އެރޭ އެރަށުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ބޭރުގެ މަސްބޯޓުތަކުން ރާއްޖޭގެ ކަނޑުތަކުގައި ދާއަޅައިގެން މަސްކޮޅު ގެންދިޔުމުގެ މައްސަލަ އެމްޑީޕީގެ ސަރުކާރަކުން ހުއްޓުވާނެކަމުގައެވެ. އަދި މިކަންކުރައްވާނީ މިހާރު ހަމައެކަނި ގައުމުގެ ރައީސްގެ ސަލާމަތަށްޓަކައި އުޅޭ ގައުމީ ސަލާމަތީބާރު ދިވެހި މަސްކަނޑުތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމަށް ނެރެގެންކަމުގައިވެސް ނަޝީދު ހާމަކުރެއްވިއެވެ.

މިބައްދަލުވުމުގައި ނަޝީދު އިތުރަށް ހާމަކުރެއްވި ގޮތުގައި އެމްޑީޕީގެ ސަރުކާރަކުން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކުރާނެއެވެ. ނަޝީދު ވިދާޅުވި ގޮތުގައި ރަށުގެ ބަދަރުގައި މަސްގަންނަ އެއް ބޯޓު ބާއްވައިގެން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑެއް ނުކުރެވޭނެކަމުގައެވެ. އަދި ގައުމުގައި މިހާރު މަސްގަންނަން ހަރަކާތްތެރިވަނީ ދެތިން ކުންފުނިންކަމަށާއި ގާސިމް އިބްރާހިމްގެ ދެކުންފުންޏާއި މިފްކޯ އެކަނި އޮވެގެންވެސް މިކަންތައް ނުކުރެވޭނެކަމުގައި ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީ ސަރުކާރުގައި ދުނިޔޭގެ އެކި ކުންފުނިތަކަށް މަސްގަތުމުގެ ފުރުސަތު ހުޅުވާލާނެކަމުގައި ނަޝީދު ހާމަކުރެއްވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މަސްވެރިކަން ކުރާނެ ބޮޑެތި އުޅަނދުތައް ބަނުމަށްޓަކައި އެމްޑީޕީގެ ސަރުކާރަކުން ދިގު މުއްދަތުން އަދާކުރާ ލޯނު ދޫކުރައްވާނެކަމުގައެވެ. އަދި ބޭރުގެ މާލީ އިދާރާތަކުން ދިވެހިންނަށް މިފަދަ ލޯނުތައް ދެއްވަން ތައްޔާރަށް ތިއްބެވިކަން ހާމަކުރައްވަމުން ނަޝީދު ވިދާޅުވީ މިހާރު އެފަދަ ލޯނުތައް ދޫނުކުރަނީ އަދުގެ ސަރުކާރުން އަމަލުކުރަމުންދާ ގޮތްތަކުގެ ސަބަބުން ކަމުގައެވެ.

މީގެ އިތުރަށް އެމްޑީޕީގެ ވެރިކަމެއްގައި އެންމެ އިސްކަންދެއްވާނެ އެއްކަންތައްކަމުގައިވާ ރަގަޅު ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމުގެ ސިޔާސަތުވެސް ރޭ ކޮލަމާފުށީގެ ރައްޔިތުންނަށް ނަޝީދު ކިޔައިދެއްވިއެވެ.

ސަރުކާރުގެ ވަކިތަކުން ސަލާމަތްވެފައިވާ މަޖިލީހުގެ ރައީސެއްގެ މުހިންމުކަން

އިދިކީލި ކޮލަމް، ލިޔުނީ: އަހުމަދު މިޒްމާދު

ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ހިންގާނެ ގޮތް ބުނެދޭނެ މައި އިދާރާއެވެ. ގައުމެއްގެ ރައީސެއް އޭނާ ބޭނުންވާނެ ކަންތައްތައް ގާނޫނީ އިމުން ނަމަވެސް ކުރެވޭނީ މަޖިލީހުގެ ހުއްދަ އޭގައި އެކުލޭވޭ ގޮތަކަށެވެ. ކިތަންމެ މުޅޮ ޕްލޭންތަކެއް ފަރުމާކުރިއަސް މަޖިލީހުގެ ހުއްދައާނުލައި ،މަޖިލީހުން ނިންމާ ގޮތަކަށް ނޫނީ އެކަމެއް ނުކުރެވޭނެއެވެ.

ރާއްޖޭގެއި ޒަމާނުއްސުރެ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނަނީ ސަރުކާރުގެ ނުފޫޒު އޮންނަ މީހެކެވެ. ނުފޫޒު މިތާ ބޭނުން ކޮށްފައިވަނީ އެއިރަކު ވެރިޔަކަށް ހުންނަ މީހެއްގެ ސީދާ ކޮންޓްރޯލްގައި ހުންނަމީހަކަށް ވާތީއެވެ. ފަހުގެ ތާރީހަށް ބަލައިލައިފިނަމަ ރައީސުލް ޖުމްހޫރިއްޔާ އައްޔަނުކުރާ ރައީސެކެވެ.

ސީނާ ޒާހިރަކީ މަޖިލީހުގެ ރައީސްކަމުގައި އިންނެވިއިރު ގަވާއިދަށް ކަންކަން ގެންދާވާކަމަށްދައްކަވާ އެހެނަސް ޕާޓް ޓައިމް ސަރުކާރުގެ ހާދިމެކެވެ. މަޖިލީހުގެ ރައީސްގެ ހައިސިއްޔަތު ބޭނުން ކޮށްގެން ވަނީ ތަފާތު ފަހަރުމަތިން ސަރުކާރަށް ފައިދާވާ އެތައް ކަމެއް ކުރައްވާފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުނަށް ނަން ހުށަހަޅަން ރައީސް މައުމޫނަށް  ލިބިވަޑައިގެން ގާނޫނީ މުއްދަތު ހަމަވެދާނެކަމުގެ ބިރުގައި އެ ދުވަހުގެ ދަންވަރުވަނީ މަޖްލިސް އެއްކުރައްވާ ޖަލްސާއެއް ބާއްވާފައެވެ. ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި ހަމަޖައްސަވަން ފެންނަ ނަންތައް ހުށަހަޅުމަށް މަސްތަކެއް ރައީސް މައުމޫނަށް ލިބިވަޑައިގެން އެކަން ނުކުރައްވާ، ތާރީހް ފަހަނައަޅަން ކުޑަ ވަގުތުކޮޅެއްވެފައި ވަނިކޮށް މަޖިލިސް އެއްކުރެއްވީ ކޮންކަމަކުތޯއެވެ. ރައީސް މައުމޫނުގެ ފަރުވާކުޑަކަމުގެ ޒިންމާ މަޖިލީހުގެ ރައީސް އުފުއްލަވާކަށް ނުޖެހެއެވެ.

ބަންޑާރަ ނާއިބް އާޒިމާ ޝަކޫރުގެ އިތުބާރު ނެއްކަމުގެ މައްސަލަ މަޖިލިސް ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މެމްބަރުން ސޮއި ކޮށްފައި މަޖިލިހަށް ހުށަހެޅުމުން އެ ވަނީ ސީނާ ޒާހިރު ބަލައިނުގަތް އެއްލާލާފައެވެ.

ގާނޫނު އަސާސި ތަސްދީގުކުރުން ލަސްވަނީ ކޮންމެހެން މުހިންމު ބިލް ތަކެއް ނުނިމިގެންކަމަށް ސަރުކާރުން ކިޔަންފެށުމުން މަޖިލީހުގައި އާންމުގަވާއިދުތަކުގެ ބިލް ފާސްވަންދެން މަޖިލިސް ކުރިއަށް ދެއްވުމަށް ޒީނާ ޒާހިރު ހުށަހަޅުއްވިއެވެ. މީގެ ހެއްވާ ކަމަކީ މަޖިލީހުގައި ގައުމީ މުހިންމު އެތައް މައްސަލައެއް ބަހުސް ކުރާދުވަސްތަކުގައި ރިޔާސަތުން އިސްނަގައިގެން ޖަލްސާ ދިގުކުރުމަށް ހުށަނާޅާކަމެވެ. ނަމަވެސް ރައީސް މަުއުމޫނަށް ގާނޫނު އަސާސި ތަސްދީގުކުރެއްވެން އަންނަނީ ވަކި ބިލްތަކެއް ފާސްކޮށްގެންކަމުގައި ވިދާޅުވާތީ މިކަން ކުރެއްވިއެވެ. މިކަހަލަ ސަރުކާރުކޮޅަށް ދީލާލާ އެތައް ކަމެކެވެ.

އާދިއްތަ ދުވަހުގެ މަޖްލިހަށް ނަޒަރު ހިންގާލުމުންވެސް މިފަދަ މުސްތަގިއްލު ރިޔާސަތެއް ބޭނުންވާކަން އެނގެއެވެ. ވިސްނާލައްވާށެވެ. ދ އަތޮޅު މެމްބަރު ވޯޓް ލެއްވި މެމްބަރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ސަރުކާރު ހިއްސާވާ ކުންފުނީގެ ބޮޑު މެމްބަރެއްގެ ގޮތުގައި ހުންނަވައިގެންކަމަށް އުފެދުނު މައްސަލާގައި، ރިޔާސަތުން ވިދާޅުވީ ޝިޔާމު މަގާމުން ވަކިކުރިކަމުގެ ސިޓީ ރައީސް އޮފީހުން އެ އިދާރަށް ފޮނުވާފައި ނުވާ ކަމުގައެވެ. އެކަމަކު ދެން ވީ ގޮތް ދެކިބަލާށެވެ. ކުއްލިއަކަށް އެމައްސަލަގަނޑުތެރޭ އެބުނާ ސިޓީ ރިޔާސަތަށް ރައީސް އޮފީހުން ފޮނުވައިފިއެވެ. މިފަދަ ފައްތަރެއްގައި ރައީސްގެ މެމްބަރަކާ ރައީސް އޮފީހުން ގުޅިގެން ހިންގާނީ އެއް ކަމެކެވެ.

ކޮންމެ ގޮތެއްވިއަސް އިސްތިއުފާ ނުދެއްވާ ހުރެ ސީޔާމް އެ ވޯޓް ގައި ބައިވެރި ވަޑއިގެންފައިވާނަމަ އެ ވާނީ ބާތިލް ވޯޓަކަށެވެ. ވޯޓުގެ ކަންތައް ނިމިގެން އެ ބުނާ ސިޓީއެއް މަޖިލީހަށް ލިބުނުކަމުގައި ވިއަސް ވޯޓް ލެއްވިއިރު އެ މެމްބަރަށް މަގާމުން ވަކިނުވާނަމަ ގާނޫނު އަސާސީއާ ހިލާފްވާނެއެވެ. އެ ލެއްވި ވޯޓް ބާތިލް ވާނެއެވެ.

އާދިއްތަ ދުވަހުގެ ރިޔާސަތުގައި ސަރުކާރުގެ ނުފޫޒު ނެތް މެމްބަރެއް އިންނެވިތަން މިއިންވެސް ދައްކައިފިއެވެ.

ހަނދާނަށް ގެންނަންޖެހެނީ އާދިއްތަ ދުވަހު މަޖިލީހުގެ ރިޔާސަތުގައި އިންނެވި ތ މެމްބަރު ހަސަން އަފީފް، ކުރީގެ ބާރުގަދަ އެޓޯލްސް މިނިސްޓަރު އަދި  މަޖިލީހުގެ ރައީސް އަބްދުﷲ ހަމީދުގެ ދައުރުގައި ، އާންމު އިންތިހާބުގެ ގާނޫނަށް އިސްލާހުގެނައުމަށް ހުށަހެޅުއްވުމުން ކަންތައްވީ ގޮތެވެ. މަޖިލިހުން އެ ބިލް ބަލައިގަނެ އެޖެންޑާކުރައްވާފައިވަނިކޮށް އަބްދުﷲ ހަމީދު އެޖެންޑާއިން އެ އުނިކުރެއްވިއެވެ. އުނިކުރައްވަމުން ވިދާޅުވީ ތިމަންނައަކީ މަޖިލީހުގައި މެމްބަރުން ދައްކަވާ ވާހަކަތަކުގެ ފިލިކޯޅި ހަމަކުރަން ހަމައެކަނި އިންނަ މީހެއް ނޫން ކަމަށާއި ސަރުކާރުގެ ގަދަރާއި ޝަރަފުވެސް ރައްކާތެރިކޮށްދޭންޖެހޭ ކަމަށެވެ.

Monday, 11 August 2008

މިދަނޑިވަޅުގައި ފާރަވެރިވެ ތިބުން ލާޒިމް

މިނިވަން އެޑިޓޯރިއަލް - 7 އޯގަސްޓް 2008 ގައި ރައީސް މައުމޫނު ތަސްދީގު ކުރެއްވި ގާނޫނު އަސާސީގައި، ދިވެހީންގެ ގިނަ ބަޔަކު ކުރި ގިނަ އިންތިޒާރުތަކަކަށް ސިފަޖެހިގެން ދިޔައެވެ. މި ގާނޫނު އަސާސީ ދެމިއޮތުމަށް ބޭނުންވަނީ ރައްޔިތުންގެ ރުހުމާ، ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ މާއްދާތަކަށް އަމަލީ ސިފަ އައުމެވެ. ގާނޫނު އަސާސީ ގައި ލިޔެވިފައިވާ އިންތިގާލީ މަރުހަލާ މިއޮތީ ފެށިފައެވެ. އެހެންކަމުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 30 ވަނަ ޖަލްސާއަކީ، އަލަށް ރައްޔިތުންނަށް ލިބުނު ހައްގުތަކުގެ ބޭނުން މަޖިލީހުން ހިފަންފެށި ދުވަސްކަމުގައި ބުނެވިދާނެއެވެ.

ދިވެހިންގެ ސިޔާސީ މަސްރަޙްބަދަލުވީ މިންވަރު ރަމްޒުކޮށްދިން އެއް މަންޒަރަކީ، ރައްޔިތުންގެ މަޖިލީހުގެ މި ދެންނެވި ޖަލްސާގެ ރިޔާސަތެވެ. ރިޔާސަތު ބެލެހެއްޓެވީ ތ. އަތޮޅުގެ އިއްޒަތްތެރި މެމްބަރު ހަސަން އަފީފެވެ. މީނާއަކީ އެމްޑީޕީގެ ޕާލިއަމެންޓަރީ ގްރޫޕުގެ ރައީސް ވެސްމެއެވެ. އަފީފް އަޅުއްވައިގެން އިންނެވި ރަންރީދޫ ޓައީ ވެގެންދިޔައީ، އިސްލާހަށް އެދޭ ހުރިހާ ދިވެހީން ގެ ފަޚުރަކަށެވެ. މި ޖަލްސާގައި، އިންތިގާލީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންތިޚާބު ކުރުމަށް މަޖިލީހުގައި ނެގި ވޯޓާއިމެދު ޚިޔާލު ތަފާތުވުން އުފެދި ޖަލްސާވަނީ ކުރިޔަށް ނުގެންގޮސް ހުއްޓާލާފައެވެ. މިކަމުން އެކަނިވެސް ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް އައިސްފައިވާ ބަދަލު އަދި މެމްބަރު އެތުރިއޮތް ހަމަ ގެލެރީގައި ތިބިމީހުންނަށް ސިފަވެގެންދިޔައެވެ.

އަޅުގަނޑުމެންގެ ކުރިމަތީގައި މިހާރު ދައުރުވަމުން މިދާ އިންތިގާލީ މަރުހަލާއަކީ، ރައްޔިތުން ވަރަށް ފާރަވެރިވެ ބަލަހައްޓާންޖެހޭ ދަނޑިވަޅެކެވެ. ފުރަތަމަ ސަބަބަކީ، މި ގާނޫނު އަސާސީގެ ބޭނުން ރައްޔިތުން ފުރިހަމަޔަށް ހިފުމަށްޓަކައި، ގާނޫނު އަސާސީން ފަހިކޮށްދޭ އިންތިޚާބުތައް، އިންތިގާލީ ބާބުގައިވާ ހަމަތަކުގެމަތިން އެއިންތިޚާބުތައް ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ބާއްވަން ޖެހޭތީއެވެ. ގައުމުގެ މުއްސަނދިކަން ކޮންޓްރޯލް ކުރުމަށް ވިޔަފާރިވެރިން އެއްކޮޅަށްޖެހި، ގައުމުގެ ހުންގާނު އަތުލުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައާއި، މަޖިލީހުން ބޭރުގައި މަސައްކަތްފަށައިގެން ކުރިޔަށްދާދިއުމާ އަދި، މުސްކުޅި ރައީސް އޭނާގެ ދައުރުގެ ނިމުމަށް ތައްޔާރުވެވަޑައިގެން އިންނެވިކަމީ، ދެވަނަ ސަބަބެވެ. އިސްލާހަށް އެދިތިބި ގިނަ ރައްޔިތުންގެ ފަރާތުން މަޖިލީހުގެ ތެރޭގައި ހަރަކާތްތެރިވާ މެމްބަރުންގެ އަދަދު މަދުވެފައި އޮތުމީ ތިންވަނަ ސަބަބެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު، ރައްޔިތުން ބޭނުންގޮތުގައި ބޭއްވޭނީ، މުސަތަގިއްލު އިލެކްޝަން ކަމިޝަނެއް އޮވެ، ޝަރުއީ ދާއިރާއަކީ ވެރިކަމުގެ ދާއިރާއާއި ގާނޫނު ހަދާ ދާއިރާގެ ނުފޫޒުން އެއްކިބާވެފައިވާ މުސްތަގިއްލު ބާރަކަށް ވެގެންނެވެ. މިނިވަން މީޑިޔާއެއް މިދަނޑިވަޅު ކޮންމެހެންބޭނުމެވެ. މިކަންކަން މިމޭރުމުން ހިނގާނީ، މި ދަނޑިވަޅުގައި ރައްޔިތުން މިކަމަށް ސަމާލުވެ، މަޖިލީހުގެ ތެރޭގައި ވާނުވާ ބަލާ، ގާނޫނުއަސާސީ ހިމާޔަތްކުރުމަށް ކޮޅަށްތެދުވެ ތިބެގެންނެވެ.

މި އެޅިފައިވާ ފާލަން ބޭނުންކޮށްގެން އަނެއް ދިވެހިރާއްޖެ އަށް ދެވޭނެއެވެ. ފާރަވެރިވެ ތިބުން ލާޒިމެވެ.