Monday 11 August 2008

މިދަނޑިވަޅުގައި ފާރަވެރިވެ ތިބުން ލާޒިމް

މިނިވަން އެޑިޓޯރިއަލް - 7 އޯގަސްޓް 2008 ގައި ރައީސް މައުމޫނު ތަސްދީގު ކުރެއްވި ގާނޫނު އަސާސީގައި، ދިވެހީންގެ ގިނަ ބަޔަކު ކުރި ގިނަ އިންތިޒާރުތަކަކަށް ސިފަޖެހިގެން ދިޔައެވެ. މި ގާނޫނު އަސާސީ ދެމިއޮތުމަށް ބޭނުންވަނީ ރައްޔިތުންގެ ރުހުމާ، ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ މާއްދާތަކަށް އަމަލީ ސިފަ އައުމެވެ. ގާނޫނު އަސާސީ ގައި ލިޔެވިފައިވާ އިންތިގާލީ މަރުހަލާ މިއޮތީ ފެށިފައެވެ. އެހެންކަމުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 30 ވަނަ ޖަލްސާއަކީ، އަލަށް ރައްޔިތުންނަށް ލިބުނު ހައްގުތަކުގެ ބޭނުން މަޖިލީހުން ހިފަންފެށި ދުވަސްކަމުގައި ބުނެވިދާނެއެވެ.

ދިވެހިންގެ ސިޔާސީ މަސްރަޙްބަދަލުވީ މިންވަރު ރަމްޒުކޮށްދިން އެއް މަންޒަރަކީ، ރައްޔިތުންގެ މަޖިލީހުގެ މި ދެންނެވި ޖަލްސާގެ ރިޔާސަތެވެ. ރިޔާސަތު ބެލެހެއްޓެވީ ތ. އަތޮޅުގެ އިއްޒަތްތެރި މެމްބަރު ހަސަން އަފީފެވެ. މީނާއަކީ އެމްޑީޕީގެ ޕާލިއަމެންޓަރީ ގްރޫޕުގެ ރައީސް ވެސްމެއެވެ. އަފީފް އަޅުއްވައިގެން އިންނެވި ރަންރީދޫ ޓައީ ވެގެންދިޔައީ، އިސްލާހަށް އެދޭ ހުރިހާ ދިވެހީން ގެ ފަޚުރަކަށެވެ. މި ޖަލްސާގައި، އިންތިގާލީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންތިޚާބު ކުރުމަށް މަޖިލީހުގައި ނެގި ވޯޓާއިމެދު ޚިޔާލު ތަފާތުވުން އުފެދި ޖަލްސާވަނީ ކުރިޔަށް ނުގެންގޮސް ހުއްޓާލާފައެވެ. މިކަމުން އެކަނިވެސް ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް އައިސްފައިވާ ބަދަލު އަދި މެމްބަރު އެތުރިއޮތް ހަމަ ގެލެރީގައި ތިބިމީހުންނަށް ސިފަވެގެންދިޔައެވެ.

އަޅުގަނޑުމެންގެ ކުރިމަތީގައި މިހާރު ދައުރުވަމުން މިދާ އިންތިގާލީ މަރުހަލާއަކީ، ރައްޔިތުން ވަރަށް ފާރަވެރިވެ ބަލަހައްޓާންޖެހޭ ދަނޑިވަޅެކެވެ. ފުރަތަމަ ސަބަބަކީ، މި ގާނޫނު އަސާސީގެ ބޭނުން ރައްޔިތުން ފުރިހަމަޔަށް ހިފުމަށްޓަކައި، ގާނޫނު އަސާސީން ފަހިކޮށްދޭ އިންތިޚާބުތައް، އިންތިގާލީ ބާބުގައިވާ ހަމަތަކުގެމަތިން އެއިންތިޚާބުތައް ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ބާއްވަން ޖެހޭތީއެވެ. ގައުމުގެ މުއްސަނދިކަން ކޮންޓްރޯލް ކުރުމަށް ވިޔަފާރިވެރިން އެއްކޮޅަށްޖެހި، ގައުމުގެ ހުންގާނު އަތުލުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައާއި، މަޖިލީހުން ބޭރުގައި މަސައްކަތްފަށައިގެން ކުރިޔަށްދާދިއުމާ އަދި، މުސްކުޅި ރައީސް އޭނާގެ ދައުރުގެ ނިމުމަށް ތައްޔާރުވެވަޑައިގެން އިންނެވިކަމީ، ދެވަނަ ސަބަބެވެ. އިސްލާހަށް އެދިތިބި ގިނަ ރައްޔިތުންގެ ފަރާތުން މަޖިލީހުގެ ތެރޭގައި ހަރަކާތްތެރިވާ މެމްބަރުންގެ އަދަދު މަދުވެފައި އޮތުމީ ތިންވަނަ ސަބަބެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު، ރައްޔިތުން ބޭނުންގޮތުގައި ބޭއްވޭނީ، މުސަތަގިއްލު އިލެކްޝަން ކަމިޝަނެއް އޮވެ، ޝަރުއީ ދާއިރާއަކީ ވެރިކަމުގެ ދާއިރާއާއި ގާނޫނު ހަދާ ދާއިރާގެ ނުފޫޒުން އެއްކިބާވެފައިވާ މުސްތަގިއްލު ބާރަކަށް ވެގެންނެވެ. މިނިވަން މީޑިޔާއެއް މިދަނޑިވަޅު ކޮންމެހެންބޭނުމެވެ. މިކަންކަން މިމޭރުމުން ހިނގާނީ، މި ދަނޑިވަޅުގައި ރައްޔިތުން މިކަމަށް ސަމާލުވެ، މަޖިލީހުގެ ތެރޭގައި ވާނުވާ ބަލާ، ގާނޫނުއަސާސީ ހިމާޔަތްކުރުމަށް ކޮޅަށްތެދުވެ ތިބެގެންނެވެ.

މި އެޅިފައިވާ ފާލަން ބޭނުންކޮށްގެން އަނެއް ދިވެހިރާއްޖެ އަށް ދެވޭނެއެވެ. ފާރަވެރިވެ ތިބުން ލާޒިމެވެ.

No comments: