Thursday 7 August 2008

ގޮޅާބޯގެ އެންމެ ފަހު ކެބިނެޓް ހެލުވުން

ކުރިޔަށް އޮތް ދެދުވަހެއްގެ ތެރޭގައި، ދައުލަތުގެ ކެބިނެޓަށް ގޮޅާބޯއަށް ދުވަހަކުވެސް ގެނެވޭނެ އެންމެފަހު ބަދަލުގެންނަމުންދާއިރު، އޭނާގެ ހިތުގައި ދައުރު ކުރާނީ މާޔޫސް ކަމާއި ނިކަމެތިކަމުގެ އިހުސާސް ތަކެވެ.  އޭނާއަށް ވާރުތަވީއިރު ނުހަނު ހައިބަތު ހުރި އެމުއައްސަސާ، ޚުދުއޭނާގެ ކޮރަޕްޝަނާއި ނާޤާބިލުކަމުން، މިހާރުވެއްޓިފައިވާ ދަށުދަރަޖަފެނިފައި އޭނާގެ މައްޗަށްވެރިވާ ގޮތްހުސްވުމުގެ ޝުއޫރުތަކެވެ. އެއް އިރެއްގައި ކެބިނެޓްގައި ތިއްބެވީ ރާއްޖޭގައި ތިއްބެވި އެންމެ އިލްމީ އަދި ޤާބިލު ބޭފުޅުންކަމުގެ ހަނދާންތަކެވެ.    އެކަމަކު އެއީ އެއް އިރެއްގައި ކަމާއި، މިހާރު ކެބިނެޓްގެ ގޮޑިތައް ފުރާލައިގެން އެތިބީ ދެއުޅިއެއްނުވާ، ރައްޔިތުންގެ ކުރިމަތީގައި އަގެއްނެތް އެބައުޅޭ މިބައުޅޭ މީހުންކަމުގެ ހިތިހަޤީޤަތެވެ.    މާދަމާ ނުވަތަ އަނެއް ދުވަހަކީ، ދިވެހި ކެބިނެޓް އިތުރު އަޑިގަނޑަކަށް ވެއްޓި އިތުރަށް ފަޟީހަތްވާ ދުވަހަކަށްވާނެ ކަމުގެ ނުތަވަސްކަމެވެ. 

ޝައްކެއް ނެތެވެ. އިބުރާހިމް ޝިހާބުމެން، އަހުމަދު ޒަކީމެން ހުސްކުރެއްވި އެޓޯނީ ޖެނެރަލްގެ ގޮނޑީގައި އާޒިމާ ޝަކޫރުމެން ކަހަލަ ގައިންތާހިރު ނުވާ ރުނޑިން ބެޓުވުމަކީ، އެރުނޑިން އެމަޤާމަށް އިސްކުރުމެއް ނޫނެވެ. އަދިކިޔެއްތަ، އެއީ އެރުނޑިން ތިބި ޗަކަވަޅުތަކުގެ ފުލަށް އެމަޤާމުގެ އަގުވައްޓާލުމެވެ.   ފާތިން ހަމީދުމެން ކަހަލަ، އަޚުލާގެއްނެތް އަންހެން ފިރިހެނުންނަށް ފިޝަރީޒް މިނިސްޓަރުކަން ދިނުމަކީ، އެމަޤާމު ކުރިން ފުރުއްވާފައިވާ އަހުމަދު ހިލްމީމެން ފަދަ އިއްޒަތްތެރީންނަށް ކުރެވޭ ދާއިމީ ފުރައްސާރައެކެވެ.

ގޮޅާބޯ ދައުވާކުރާގޮތުން އޭނާގެ ކެބިނެޓުން މިހާރު އިސްތިއުފާދީގެން މިއުޅޭ 4 ވަޒީރުން، އެނިންމުން ނިންމީ އެވަޒީރުންގެ ހިތުގައި ޤާނޫނަށް ހުރުމަތްތެރިކޮށް ހިތުމުގެ ރޫހެއް ކުއްލިޔަކަށް އުފެދި، ކެބިނެޓުގައި ތިބެގެން ވިޔަފާރި ނުކުރެވޭނެކަމުގެ އިހުސާސް ކުރެވިގެންނެވެ. މިއީ ވަރަށް ހައިރާންވާންވީކަމެކެވެ. އެހެނީ ޤާނޫނަށް ހުރުމަތްތރިކޮށް ހިތުމަކީ، މީގެ ކުރިން ދުވަހަކުވެސް ގޮޅާބޯގެ ކިބައިންވެސް، އަދި އޭނާގެ ވަޒީރެއްގެ ކިބައިންވެސް ފެނިފައިވާ ސިފައެއް ނޫނެވެ. (އަނެއްކާ، އެއާޕޯޓުގައި އެގެންގުޅޭ ކުއްތާ އެހެންއޮވެ މޮޔަވެގެން މި 4 ވަޒީރުން ގައިގަ ދަތް އެޅީބާއެވެ؟)

ގޮޅާބޯ ކޮންމެ އެއްޗެކޭ ބުންޏަސް، މި 4 ވަޒީރުން އިސްތިއުފާދިން އަސްލު ސަބަބަކީ ފެތެމުންދާ އޮޑިއެއްގައި ތިބެން ބޭނުން ނުވުން ކަމަށްވުން މާގާތެވެ.  މީގެ އިތުރަށް، މިކަމުގައި އޮވެދާނެ އަނެއް ސަބަބަކީ، ނިޒާމީ ވޯޓްގައި މީގެ ތެރެއިން 3 މަހުޖަނުންނަށް ކުރަންޖެއްސި ބޮޑެތި ޚަރަދުތަކެވެ. މިގޮތުން މި 3 މީހުންވެސް ވަނީ ވޯޓުގަތުމަށް މިލިޔަނުން ޚަރަދުކޮށްފައެވެ. އެފަހަރު އެޚަރަދު ކުރީ އެމީހުންވެސް ޤަބޫލުކުރާ ނިޒާމެއް ޚިޔާރުކުރުމަށް، އެކަން ކުރެވިދާނެ ކަމުގެ އުންމީދާއި އެކީގައެވެ. މިހާރު ހާލަތު މިއޮތީ މުޅިން ބަދަލުވެފައެވެ.  މިފަހަރު ޚަރަދު ކުރަން މިޖެހެނީ އެމީހުންވެސް، އަދި ރައްޔިތުންވެސް ބަލައިނުގަންނަ އަޖޫޒު ވެރިޔަކުހޮވުމަށް، އެކަންކުރެވޭނެކަމުގެ އެއްވެސް ޔަޤީންކަމެއް ނެތިއެވެ. އިސްތިއުފާދޭން ނިންމި އެއް ސަބަބަކީ މިއީ ކަމަށް ވެދާނެއެވެ.

އިރެއްގައި ވަޒީރުކަމަކީ، ވަރަށް ޤަދަރުހުރި މަޤާމެކެވެ. އެމަޤާމުން ދުރުވާން އެއްވެސް މީހަކު ބޭނުންވާ މަޤާމެއް ނޫނެވެ. ގޮޅާބޯގެ ފުރަތަމަ 5 ދައުރުގައި ކެބިނެޓުން އަމިއްލަ އިޚުތިޔާރުގައި އިސްތިއުފާ ދީފައިވަނީ އެންމެ 3 މީހުންނެވެ. އެހެނަސް މިހިނގާ 6 ވަނަ ދައުރުގައި ޔާމީނާއި ހަސަން ސައީދު، ޖަމީލާއި ޑރ ޝަހީދު، ޤާސިމާއި ޝައުގީއާއި ޖަލީލު، ވަހީއްދީނާއި ހިލްމީ، އަދި ރަފީޤާއި މުއިއްޒުވަނީ އަމިއްލަޔަށް އެދިގެން ކެބިނެޓުން ވަކިވެފައެވެ. މިއިން ދައްކައިދެނީ ގޮޅާބޯގެ ވަޒީރުކަމުގެ އަގު އެއްޓިފައިވާ ދަށު ދަރަޖައެވެ. އަދި މިސަބަބަށްޓަކައި ގޮޅާބޯބޭނުން ކަހަލަ ބަޔަކު ކެބިނެޓަށް ގެނައުން ވަރަށް އުނދަގޫވާނެއެވެ.  މިވަގުތު އޭނާ އެންމެ ބޭނުންވަނީ ފައިސާހުރި، ޚަރަދުކުރެވޭނެ މީހުން ހޯދާށެވެ. އެކަމަކު މިކަން ވާނެކަމަކަށް ލަފައެއް ނުކުރެވެއެވެ.

ގޮޅާބޯގެ އަނެއް ޕްރިއޯރިޓީއަކަށްވާނީ ރައްޔިތުންގެ މަޖުލިސް ކޮންޓްރޯލް ކުރުމަށްޓަކައި، މިހާރު ކެބިނެޓް ޕޯޓްފޯލިޔޯ ނެތް ވަޒީރުންނަށް ޕޯޓްފޯލިޔޯ ދިނުމެވެ. މިހެން ހަދަން ޖެހޭ ސަބަބަކީ އާޤާނޫނު އަސާސީ ތަސްދީގު ވީމާ، އެވަޒީރުންނަށް މަޖުލިސް ނޫނީ ވަޒީރުކަން ޚިޔާރު ކުރަން ޖެހޭނެތީއެވެ. މިގޮތުން، އައްބާހާއި، އަނީސާ، އަދި މުހަންމަދު ހުސޭނާއި ސަމަރޭއަށް ކެބިނެޓުން ޖާގަ ދޭން ޖެހެއެވެ.

ކެބިނެޓުން ޖާގަހޯދާން އުޅޭ އަނެއް ގްރޫޕަކީ ތުއްޕުޅު މަނިއްޕުޅުންގެ އަރިހުބޭކަލުންނެވެ. މީގެ ތެރޭގައި ޗަބީމެން ހިމެނޭނެއެވެ. ދެން އުޅޭ އަނެއް ގްރޫޕަކީ އަލަށް ހޮވުނު ރަނިންމޭޓް ތަސްނީމުގެ ގްރޫޕެވެ. މީގެ ތެރޭގައި ހިމެނޭނީ އެސް.ޓީ.އޯ. ގެ އަންޑޭއާއި، އާތިފް ޝަކޫރައި، ފާތިން ހަމީދުމެންނެވެ.  މީގެ އިތުރުން ރަނިންމޭޓުކަން ނުދީގެން ރުޅިއައިސްފައި ހުރި އަބުދުﷲ ޝާހިދުގެ ޅިޔަނު އަމްޖަދަށްވެސް ވަޒީރުކަން ދީގެން ޝާހިދުރުއްސުމުގެ ހިޔާލެއްވެސް އުޅެއެވެ.

މިމަންޒަރަށް ބަލައިލީމާ ފުރަތަމަވެސް ދޭހަވާނީ ކެބިނެޓަށް މީހުން މިލަނީއަކީ ކޮންމެހެން ވުޒާރާ ތައް ހިންގަން ނޫން ކަމެވެ. މިއީ ހަމައެކަނި ވަގުތީ ސިޔާސީ ފައިދާއަށް ކުރެވޭ ކަމެއް ކަމެވެ. ދެން ދޭހަވާނޭ އަނެއް ކަމަކީ، ހުރި ޖާގައަށްވުރެން ކެންޑިޑޭޓުން އިތުރުކަމެވެ. ޖާގަހޯދުމަށްޓަކާ މިހާރު ވަނީ ލޮބީކުރަން ފެށިފައެވެ.  ހަޤީޤަތުގައި މިއީ ޒައީމާއި އޭނާގެ ރަނިންމޭޓާ ދެމެދު ހިންގާ ފުރަތަމަ މުޤާބަލާއެވެ. މި މުޤާބަލާގައި ތަސްނީމު ކާމިޔާބު ހޯދައިފިނަމަ، އެހިސާބުން ގޮޅާބޯގެ ދުވަސް އެދިޔައީއެވެ. މިކަން ގޮޅާބޯއަށް ވެސް އެނގެއެވެ. މިހެން ވިޔަ ނުދިނުމަށްޓަކައި ގޮޅާބޯ މިހާރު ދަނީ އޭނާގެ އެންމެ ފަހުގެ ހަތިޔާރުވެސް ބޭނުން ކުރަން ތައްޔާރު ކުރަމުންނެވެ. އެއީ ޔާމީނު ކެބިނެޓަށް ގެނައުމެވެ. ކާމިޔާބު ހޯދާނީ ތަސްނީމުތޯ، ގޮޅާބޯތޯ ކުރިޔަށް އޮތް ދުވަސްތަކުގައި ހާމަވެގެން ދާނެއެވެ. އިންތިޒާރު ކޮށްލައްވާށެވެ.

2 comments:

Anonymous said...

GOLHA IS THE BO

Anonymous said...

saaabas alhugandumeynge zaeem! mi mdp golhaa aiyun raadivanee hehehehe thilhaa meyn hama thibaeyn jeyheynee thihen hama kuraalaha kuraahala...kekekeke