Tuesday 19 August 2008

އެބުނާ އާޤާނޫނު އަސާސީގެ ދަށުން ވެރިކަން އެކުރަނީ ބާޤާނޫނު އަސާސީގެ ދަށުން ހުވައިކޮށްގެންހުރިމީހެއް..... ދެނޯ؟

"މިއީ އާޤާނޫނު އަސާސީއެއް ވިއްޔާ މީގެ ދަށުން ހުވައިނުކޮށް ކިހިނެއް ވެރިކަން އެކުރަނީ؟" ހުސެން ފުޅުބެ އަހަރެންގެ ސުވާލަށް ޖަވާބު ދިނެވެ. ހުސެން ފުޅުބެއަކީ ނާސިރު ޒަމާނުގައި އެކިއެކި މައްސަލަތަކުގައި މީސްމީހުނަށް ސިޓީލިޔެދިނުމުގެ ތަޖުރިބާ ހާސިލުކޮށް ޤާނޫނީ މާހިރަކަށް ވެފައިހުރި މީހެކެވެ. އަދި މިހާރުވެސް ސިޔާސީ މައުލޫމާތު ހޯދައި، ވަށައިގެންހިނގާ ކަންތައްތަކަށް ލޯ ހުޅުވިފައިހުރިމީހެކެވެ. އަހަރެން އޭނާކައިރިޔަށް ދިޔައީ، މި އޮގަސްޓު މަހު 7 ގައި ތަސްދީގު ކުރީ އާޤާނޫނު އަސާސީ އެކޭކިޔައިގެން ގޮޅާބޯ މާގިނައިން އަނގަތަޅާތީ މިކަމުގައި ގޮޅާގެ ހީލަތެއް އޮންނާނެކަމަށް ހީވެގެން، ހުސެންފުޅުބެ ކައިރިން ކަމުގެ ހަޤީޤަތް އަހައިލާށެވެ.

"ކުރީގެ ޤާނޫނު އަސާސީ އުވިއްޖެއްޔާ، އޭގެ ދަށުން ކުރިހުވާ ވެސް އޮންނާނީ އުވިފައެއްނު،" ހުސެންފުޅުބެ އޮޅުން ފިލުވައިދިނެވެ. "ހުވައި އުވުނީމާ ގޮޅާބޯގެ ރައީސްކަމުގެ  ހައިސިއްޔަތުވެސް އެއުވުނީ. އޭނާއަކަށް ވެރިކަމެއް ދެން ނުކުރެވޭނެ."

"އޭނާއަކީ މިހާރު ވަގުތީ ރައީސެއްނު. ވަގުތީގޮތުން ހުރެވިދާނެއެއްނު ހުވައިނުކުރިޔަސް؟" މަޑިސީލައިން ދުފާއެއްޗެތި އަނގަޔަށް ލަމުން އަހަރެން އަހައިލީމެވެ. އަދި ހުސެންފުޅުބެއަށް ބިޑިޔެއް ދިއްކޮށްލީމެވެ. ދުވަހުގެ ފިނިން ސަލާމަތް ވުމަށްޓަކައި އޭނައަށް އެ ބިޑި ބޭނުންވާނެއެވެ.  އެއީ ހުޅަނގުގެ ވިއްސާރަދުވަހެކެވެ. މެދު ނުކެނޑި ފޮދުވާރޭ ވެހެއެވެ. ވިލާގަނޑުގެ ވައި ހުރަހެއްނެތި ހޮޅާށި ތެރެއަށް ވަދެއެވެ.

"ވަގުތީއަކަސް، އެހާ ޒިންމާދާރު މަޤާމެއް ހުވައިނުކޮށް ނުކުރެވޭނެ." ބިޑިރޯކުރަމުން ހުސެންފުޅުބެ ބުންޏެވެ. "އެހެން ވީމާ މިއީ އާ ޤާނޫނު އަސާސީއެއްކަމަށް ވަންޏާ ގޮޅާބޯ އެކުރަނީ ޣައިރު ޤާނޫނީ ވެރިކަމެއް. އޭނާގެ ވެރިކަމަކީ ޤާނޫނީ ވެރިކަމެއް ކަމަށް ދައުވާކުރަންޏާ، އޭނާ އެއްބަސް ވާން އެބަޖެހޭ އަދިވެސް އޮތީ ހަމަކުރީގެ ޤާނޫނު އަސާސީ ކަމަށް."

"ދެން ކީއްވެ، އޭނާ އެގޮތަށް އެއްބަސް ނުވަނީ؟" ހޮޅާށީގައި އެއް އަތްމަށްޗަށް ހަމަޖެހިލަމުން އަހައިލީމެވެ. އެގޮތަށް އޮށޯވެލީމާ، މަކުނުދޫ ބަނދަރާއި ފާލަމުގެ މަންޒަރު ރީއްޗަށް ފެނެއެވެ. ފާލަމުގެ ފުރާޅުގައި ދަވާދުން "ގޮޅާބޯ އިސްތިއުފާއޭ" ލިޔެފައި އޮތްތަން ފެނެއެވެ.  އަސްލުގައި މިއީ އިބުރަތުން ފުރިފައިވާ މަންޒަރެކެވެ. މަކުނުދޫއަކީ މީގެ 35 އަހަރުކުރިން ގޮޅާބޯ އަރުވާލާފައިހުރިރަށެވެ. އަދި އޭނާގެ ވެރިކަމުގައި އެރަށަށް އޭނާ އެބުނާ "ޚާއްސަ އިނާޔަތް" ވަރަށް ގިނައިން ދީފައިވާ ރަށެކެވެ. މި ހުރިހާ ކަމަކާއެކުވެސް މަކުނުދޫގެ ޒުވާނުން ގޮޅާބޯއަށް ދީފައި އެހުރި މެސެޖަކީ، ކިތަންމެ ރިޝްވަތެއް ދިނަސް އެމީހުން ނާޤާބިލު ވެރިޔަކު ބޭނުން ނުވާކަމެވެ.

"އަދިވެސް ވެރިކަމުގައި ހުންނަން ބޭނުން ވާތީ." ހުސެންފުޅުބެ ޖަވާބު ދިނެވެ. "އިސްލާހުކުރެވުނު ޤާނޫނު އަސާސީގައި އެބައޮތް، މިޤާނޫނު އަސާސީގެ ދަށުން 2 ފަހަރަށްވުރެން ގިނަ ފަހަރު ކުރިމައްޗެއް ނުލެވެނެއޭ.  އެހެންވެ އޭނާ އެއުޅޭނީ، މިއީ އާޤާނޫނޫ އަސާސީ އަކަށްހަދައި އޭގެ ދަށުން އލުން ދެފަހަރު ކުރިމަތިލާން."

"ގޮޅާބޯ މިއީ އާޤާނޫނު އަސާސީއެކޭ ކިޔާއިރު، ހުސެންފުޅުބެއަށް ކިހިނެއް ތިހާ ޔަޤީންވަނީ، މިއީ ހަމަކުރިންވެސް އޮތް ޤާނޫނު އަސާސީ ކަން؟" އަހަރެން އަހައިލީމެވެ.

"އެއީ ޤާނޫނު އަސާސީގައި ހިމަނާފަކައެއް ނެތް ޤާނޫނު އަސާސީ އުވާލެވޭނެ ގޮތެއް. އޭގަ އޮތީ ހަމައެކަނި ޤާނޫ އަސާސީ އިސްލާހުކުރެވޭނެގޮތް. އެހެންވެ ގޮޅާބޯ ޚާއްސަ މަޖުލިސް އެއްކުރީވެސް އިސްލާހުކުރަން. މިކަން މަޖުލިހުގެ ރެކޯޑުތަކުން ފެންނާނެ. އޭނާއަށް އެނޫން ކަމެއްކުރަން މަޖުލިސް އެއްކުރާކަށެއް ތިޔަ ބުނާ ބާ ޤާނޫނު އަސާސީ ތަނެއް ނުދޭ." ހުސެންފުޅުބެ ވަގުތުން ޖަވާބު ދިނެވެ.

"ތިހެން ތިކަން އޮތަސް ޚާއްސަ މަޖުލިހަށް ކުރީގެ ޤާނޫނު އަސާސީ އުވާލާފައި އާއެއްޗެއް ލިޔެވިދާނެއެއް ނު؟" އަހަރެން އަހައިލީމެވެ.

"އެހެން ލިޔުމުގެ އިޚުތިޔާރެއް ޚާސްސަ މަޖުލިހަށް ލިބިފަކައެއް ނެތް، މަޖުލިހުން މަސައްކަތްކުރަން ޖެހެނީ ހިނގަމުންދާ ޤާނޫނު އަސާސީގެ އިމުގެ ތެރޭގައި،" ހުސެންފުޅުބެ ބުންޏެވެ. "މިއީ ހަމައެކަނި ހުސެންފުޅުބެ ބުނާއެއްޗެއް ނުން. މަޖުލިހުގެ ތަޅަމުގައި، 'މަޖުލިހުން މަސައްކަތްކުރަން ޖެހެނީ ހިނގަމުންދާ ޤާނޫނު އަސާސީގެ އިމުގެ ތެރޭގައި' ކަމަށް، ތަކުރާރުކޮށް މަޖުލިހުގެ ކުރީގެ ރައީސް އައްބާސްއާއި، ނާއިބު ރައީސް ޝާހީނާއި، ރައީސް އައްޔަނުކޮށްފައި ތިބި މެމްބަރުން ބުނަމުން ގޮސްފައިވޭ. މަޖުލިހުގެ ރެކޯޑު މިހާރުވެސް ބަލާ. ނިޒާމީ ވޯޓު ނަގާނެގޮތުގެ ބަހުސްގައި، މިވާހަކަ އެތައްފަހަރަކު ތަކުރާރުކޮށްފައިވޭ، އަދި ރިޔާސަތުން އެގޮތަށް ނިންމާފައި އެބައޮތް. އެހެންވީމާ އެކަން އެއޮތީ ޤާނޫނީގޮތުން ސާބިތުވެފައި."

" ހުސެންފުޅުބެ ތިބުނާގޮތުން ވަރަށް ރީއްޗަށް އެބައެނގޭ މިއީ އާޤާނޫނު އަސާސީއަކަށް ނުވާނެކަން. އެކަމަކު ގޮޅާ އެބުނަނީ މިއީ އާއެއްޗެކޭ. ދެން ކީއްވެ އޭނާ އާހުވައެއް ނުކުރަނީ؟"

"ނޭގެއެއްނު ނުކުރާކަމެއްވެސް. ލަންކާގެ ކުރީގެ ރައީސާ ޗަންދުރިކާވެސް ސިއްރުން ހުވައެއް ކުރިއެއް ނު.  އެގޮތަށް މިބޭވެސް ސިއްރު ހުވައެއް ކޮށްފަ އޮވެދާނެއެއްނު. ބިޑިކާ ނައްޓުއާއި ޒަކަރުލާ ހަމީދު ކުރިމަތީގަވެސް ގަނޑުވަރުގައި ހުވާކޮށްފައި އޮވެދާނެއެއްނު." މިހެން ބުނަމުން ހުސެންފުޅުބެ ޕަކަޕަކަލާފައި ހީގަތެވެ.

"ގޮޅާބޯ ހަމަ އެއުޅެނީ މިހެން އޮޅުވާލައިގެން އިތުރު 10 އަހަރު ވެރިކަން ކުރަންތަ؟" އަހަރެން އަހައިލީމެވެ. "މިހާރު އުމުރުގައި ތަނެއްވެސް ނެތެއްނު."

"ރަނގަޅު ވާހަކައެއް. މަށަކަށްވެސް ހީއެއް ނުވޭ އޭނާ 10 އަހަރު ހުންނަން ރާވާހެނެއް. ރަށުތެރޭގައި އެބަ ވާހަކަ ދެކެވޭ، އޭނާ ހޮވިއްޖެއްޔާ 2 އަހަރެއްހާ ދުވަހު ހުރެފައި ތަސްމީނާ ހަވާލުކޮށްފައި ބޭރަށްދާން ޑީލެއް ހަދައިފިޔޭ. އެއިރުން ހުރިހާ ކުށަކުން މާފު ލިބިގެން އޭނާއަށް ބޭރަށްގޮސް އަރާމުގައި އުޅެވިދާނެއެއްނު."

"ތިކަންވެސް ވާނީ ހޮވުނިއްޔާނު. ސުޕުރީމު ކޯޓުން ފުރުސަތު ލިބޭނެ ހެނެއް ހީއެއް ނުވޭ. އަދި ލިބުނަސް ރައްޔިތުން ވޯޓު ލާނެހެނެއް ހީއެއް ނުވޭ." މިހެން ބުނަމުން ދުރުންފެންނަ ފާލަމުގެ ފުރާޅުގައިވާ އިސްތިއުފާގެ ލިޔުމަށް ބަލާލެވުނެވެ. މަކުނުދޫ ޒުވާނުންގެ ޝުއޫރަކީ އެއީ ކަމަށް ވަންޏާ، އެހެން ރަށްރަށުގެ ޝުއޫރުތައް ހުންނާނީ ކިހިނެއްބާއޭ ހިތަށް އެރިއެވެ.

"އާ، އެކަންވާނީ ހޮވުނިއްޔާ،" މިހެން ބުނަމުން ހޮޅާށިން ތެދުވެގެން އެއްގަމާ ވީކޮޅަށް ހުސެންފުޅުބެ ހިނގައިގަތެވެ. އެއިރު ވާރޭވެސް ތުނިކޮށްލައިފިއެވެ. 

 

1 comment:

Anonymous said...

Husain Fulube has made a good point. The constitution does not provide how it is repealed for it was not made so to be done. The constituttion says only how it can be amended. When it can be amended without repealing why should that be done at all. The point is the constitution is always amended to suit the present condition at a given time. Even in this case it is not so frequent, because that's a document well thought out for the needs in the long run.
Let the Supremen Court be set up and the legal position of the case be decided. I don't think there is an iota of reason for it to be a new constitution. The reason is quite simple. The Special Majlis had a mandate to amend the constitution, and the constitution does not allow it to be repealed. Above all, the constitution does not provide how an amendment could constitute a new constitution. Golha thought when the chapters and sections and clauses were each written adopted and finally ratified, there is a new constitution. But it's not simply true!