Saturday 23 August 2008

ޙާލުގެ ދުލުން – ގއ. ވިލިނގިލި

ގއ. ވިލިނގިއްޔަކީ ޒަމާނުއްސުރެ މަސްވެރި ބަޔަކު ދިރިއުޅޭ ތަނެކެވެ. ސަރުކާރުގެ މާބޮޑު އަޅާލުމެއްނެތި އެބައިމީހުންގެ އަމިއްލަ މަސައްކަތުން ދިރިއުޅޭ ހީވާގި ބަޔަކު އުޅޭ ރަށެކެވެ. ސަރުކާރުން ވިލިނގިލީގައި ކުރެވިފައިވާ ނަމަ ކުރެވިފައިވާ ކަމެއް ކުރެވިފައިވަނީ ވިލިނގިލީ މީހުންގެ ގަދަކަމުން ކުރުވައިގެންނެވެ. އަދި މިއިން ކޮންމެ ކަމެއްގައި ރައްޔިތުންގެ ވަރަށް ބޮޑު ޙިއްޞާ އެއް ހިމެނިފައިވާނެއެވެ. މިސާލަކަށް ކަރަންޓްގެ ޚިދުމަތް ހޯދައިގަތީ ގަދަކަމުން ނެވެ. މަގުމަތީ ކޯރު ކޮނުމާއި، ސަޕްލައި ވަޅުލީ ރައްޔިތުންނެވެ. ޢީމާރާތް ކުރުމަށް ބޭނުންވި ހުރިހާ އަކިރި އަކާއި ދޮންވެލި ނަގައި ޖަމާކުރީ ރައްޔިތުންނެވެ. ތަޢްލީމީ މަރްކަޒު އެޅީ ރައްޔިތުންގެ މިންނެތް މަސައްކަތާއި ބައިވެރިވުން މަތީ ދަރަޖަ އަކަށް ހިމަނައިގެންނެވެ. ޒުވާނުންގެ މަރްކަޒުވެސް ބިންސާފުކުރުންފަދަ ބޮޑު މަސައްކަތުގެ ބައެއްގައި ޙިއްޞާ ވެފައި ވާނެއެވެ. ރަށުގެ ބަނދަރު ހެދީ ރައްޔިތުންގެ އަމިއްލަ ޚަރަދު ގައެވެ. މިސްކިތް ޢިމާރާތް ކުރުމުގައި ރައްޔިތުންގެ ފައިސާ އާއި މަސައްކަތް ހިމެނިފައިވާނެއެވެ. މިހެންގޮސް މިބާވަތުގެ ކޮންމެ ކަމެއްގައިވެސް ވިލިނގިލީގެ ރައްޔިތުން ދައްކާފައިވަނީ، ރީތި މިސާލެކެވެ. ކޫއްޑޫއަކީވެސް ރައްޔިތުންގެ ބަޔަކު އިސްވެ ވެފައިވާ ނުވަތަ އޭރުގެ ރައްކުރިއަރުވާ ކޮމިޓީންވެފައިވާ ޤުރުބާނީ އެއްގެ ނަތީޖާއެވެ. އިންޖީނުގެއާއި އެތާބެހެއްޓިފައިވާ ޖެނެރޭޓަރ ތަކަކީވެސް ބަޔަކު ޖަލަށް ގޮސްގެން ހޯދި އެއްޗެކެވެ.

މިބާވަތުން ވިލިނގިލީ ރައްޔިތުންގެ ކިޔަމަންތެރިކަމާއިބައިވެރިވުން ހުންނާތީ ސަރުކާރުން ވަރަށް ބޮޑު ނާޖާއިޒު ފައިދާ ނަގާތަން ފެނެއެވެ. ދެނެވަޑައިގަންނަވަމުތޯއެވެ. ޅ.ފެލިވަރުގައި ހުންނަ މިފްކޯ ކޭނިންގ ފެކްޓަރީ ހިންގުމަށް ދުވާލަކު އެވެރެޖް ކޮށް 60 ޓަނުގެ މަސް ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން ފެލިވަރަށް ގެންދަންޖެހެއެވެ. މިހެންވެ މިފްކޯގެ ވިސްނުމަކަށް ވެފައި އޮތީ ކޫއްޑޫގައި ކޭނަރީ އެއް ހަދައި ފެލިވަރު ބަންދު ކޮންމެވެސް އެހެން ފަރާޓަކަށް ދޫކޮށްލުމެވެ. މިހެންވެ ކޫއްޑޫގެ ޕްލޭނެއް ހަދައި ބަދަރު ބޮޑުކުރުމާއި ކޯލްޑްސްޓޯރޭޖް ބޮޑު ކުރުމާއި ހަމައަށް ގެންދެވި ކޯލްޑްސްޓޯރޭޖް ހަދާ ސާމާނު ކޫއްޑޫ އަށް ގެންގޮސް އަދި ބަޔަކާ ކޮންޓްރެކްޓް ޙަވާލުކުރުމަށްފަހު އެތަކެތި ގެންދިޔައީ އައްޑު އަތޮޅަށެވެ. މިހާރު ވަނީ ކޫއްޑޫ މަސައްކަތް ކުރިއަށް ނުގެންދާ ގޮތަށް ނިންމާފައެވެ. މިއީ ގއ. ރައްޔިތުންނަށް ޢާއްމުކޮށް އަދި ވިލިނގިލީގެ ރައްޔިތުންނަށް ޚާއްޞަކޮށް ލިބުނު އަގުނުކުރެވޭފަދަ ދިގު ދެމިހެންވާ ގެއްލުމެކެވެ. މިކަން މިގޮތަށް ސަރުކާރުން ކޮށްފައިވަނީ ވިލިނގިލީގެ ރައްޔިތުން ކިޔަމަންތެރިކަމާއެކު މަޑުން ތިބޭތީ އައްޑު އަތޮޅުގެ ރައްޔިތުން ސަރުކާރަށް އިދިކޮޅަށް ހިންގާ ޙަރަކާތްތައް ހުއްޓުވުމުގެ ނިޔަތުގައެވެ.

ދެންއޮތީ ސުނާމީގައި ވިލިނގިލީ ގެ ރައްޔިތުންނަށް ލިބުނު ގެއްލުމެވެ. ވިލިނގިލީގެ ރައްޔިތުން އެތައްޒަމާނެއްގެ ކުރިން ހައްދާފައިވާ އެތައްސަތޭކަ އަނބުގަހަކާ އެހެނިހެން މޭވާ ގަސް މަރުވެދިޔައީއެވެ. ސަރުކާރުން ވައްތަރެއްގެ ބޭރު ގަސްކޮޅެއް ފޮނުވިއެވެ. ނަމަވެސް ވިލިނގިލި މޭވާ ގަހުން ފެހި ކުރުމަށް ނާސަރީ އަކާއި ފަންނީ މީހުން ދުވަސްކޮޅަކު ވިލިނގިލީގައި ތިބުމަށް ބޭނުންވާނެއެވެ. ވިލިނގިލީގެ ގިނަ ބަޔަކު މިކަމަށް އެދުނުވެސް މެއެވެ. ނަމަވެސް ސަރުކާރުން ދީފައިވަނީ ބީރު ކަންފަތެކެވެ. ވެއްޓުނު 75 ގެ އަދިވެސް އެހެރީ އެޅޭނޭ ގޮތެއް ނުވެފައެވެ. ސުނާމީގެ ފަހުން 4 ވަނަ ރޯދަމަސް އައި އިރުވެސް ގިނަ ބަޔަކު އަދިވެސް އެތިބީ ދަގަޑު ގުދަންތަކެއްފަދަ ވަގުތީ ހިޔަލުގައެވެ.

ސުނާމީ އާއި ގުޅިގެން ވިލިނގިލީގެ ފެނަވަނީ ތަޣައްޔަރުވެފައެވެ. ކުޑަކުޑަ ޕްލާންޓެއް ޖެތީ މަތީ ބަހައްޓައިގެން އުޅެފައި ތަޅައި ނީލަން ކިޔައި ބައެއް ތަކެތި އުކާލައިފިއެވެ. އެޕްލާންޓުން ހެދި ފެނެއް ބޭނުން ކުރި މީހަކު ވިލިނގިލީ ނުހުންނާނެއެވެ. މިހާރު އޭގެ ފަހުން އެއަށްވުރެ ކުޑަތަންކޮޅެއް ބޮޑު ޕްލާންޓް ގެއެއް ހަދާފައި ޕްލާންޓެއް ވައްދައިފިއެވެ. ނަމަވެސް ރައްޔިތުންނަށް އޭގެއިން ފެންފޮދެއް ލިބޭނޭ ކަމުގެ މާކަ ބޮޑު އުއްމީދެއްނެތެވެ.

ފާޚާނާ ހޮޅީތަކެއް ސުނާމީގެ ކުރިން އަދި މިހާރުވެސް އަމިއްލަ މީހުން އެބަގެންގުޅެއެވެ. ނަމަވެސް ސުނާމީގައި މިހޮޅިތަކަށްވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ. އަދި ބިން ހިއްކުމުގެ ތެރޭގައި ރަށުގެ އިރުމަތީފަރާތު ހޮޅިތައް މޫދާ ގުޅާފައިވާ ބައިވަނީ ހިއްކި މީހުން ސެޕްޓިކްޓެންކަށް ގުޅާފައެވެ. ކޮންމެވެސް ބޭރު ސަރުކާރަކުން ވިލިނގިލިގައި ފާޚާނާ ހޮޅި އަޅާވާހަކަ ދެކެވޭތީ އަޑު އެހީމެވެ. ނަމަވެސް އަޅުގަނޑަށް އެނގޭ ކަމަކީ، އޭގެ ޢަމަލީ މަސައްކަތެއް ލޮލަށް ނުފެނި ހަތަރު އަހަރު ފާއިތުވެދާކަމެވެ.

ވިލިނގިލީ ރައްޔިތުންގެ ނަމުގައި ލޯނުނަގައިގެންނާއި، ވިލިނގިލީ ރައްޔިތުން ދައްކައިގެން ބޭރުން އެހީފައިސާ ހޯދީ ވިލިނގިލީ ބިން ހިއްކުމަށެވެ. ނަމަވެސް މިފައިސާގެ ބޮޑުބައެއް ނުވަތަ މިޕްރޮޖެކްޓްގެ ހިލޭ ކޮމްޕޯނެންޓްގެ ބައި ގިން ޢަދަދެއްގެ ވެލި އެޅީ ދާންދޫ އަށެވެ. ދާންދޫވެސް ހިއްކަންޖެހޭނެއެވެ. ނަމަވެސް އެރަށަށްވެސް ނަމަކަށް ކަމެއް ކޮށްފައި ސަރުކާރުން ވިލިނގިލީ ރައްޔިތުންނަށް ޚިޔާނަތްތެރިވީ އަނެއްކާވެސް ވިލިނގިލީ ރައްޔިތުން މަޑުންތިބުމުގެ ނާޖާއިޒު ފައިދާ ނަގައިގެންނެވެ.

ވިލިނގިލީ ހިއްކި ބަޔާއި ގުޅިގެން ހަދާ ރިވެޓްމެންޓްގައި ޖަހަނީ ބޮޑު ހިލައަށްވުރެ ގިނައިން ކުޑަ ހިލައެވެ. އެސަރަޙައްދުގެ ރާޅުގެ ބާރުމިނާއި ޕްރެޝަރ އަށް ވުރެ ލުއި ހިލައެވެ. ނަތީޖާ އަކީ ރާޅާއެކު ފުޅމަދުކޮޅޭއްހެން ހިލަ އޮޔާދިއުމެވެ. މިއީސަރުކާރުން ވިލިނގިލީގެ  ރައްޔިތުންނަށް ހަދާ މަކަރާއި ވަމުންދާ ޚިޔާނާތެވެ. ސޭފްއައިލެންޑް ބޭރުދުނި އޮންނަނީ އުސްކޮށޭވެސް ކިއެވެ. އެކަމަކު މިފެންނަނީ ހަމަ އެއްލެވެލް އަކަށް ހަދާ ތަނެވެ. އަނެއްކާ މިދެންނެވި ހިލަތައް އެއްގަމަށް އަރާ ނިމޭތަންވެސް އެއޮތީ އެހިލައެއް އެހިލަޔަކާ ދޫކޮށްލާފައެވެ. ހިފެހެއްޓޭނޭ އެއްވެސް ގޮތެއް ގާފޮޅެއް ކޮންކްރީޓް ކޮޅެއް ހާތަންވެސް ނެތެވެ.

މަގުތައް ހަލާކުވެ ހިނގާބިގާވެ އުޅެވޭ ވަރެއް ނުވެއެވެ. އަދި ދުއަވާ އެއްޗެއްގައި ތަނަކަށް ދެވޭ ވަރެއްވެސް ނުވެއެވެ. ސްކޫލަށް ކުދީން ގެންދިއުމާއި ހޮސްޕިޓަލަށް ބަލިމީހުން ދިއުންވެފައިވަނީ ބޮޑު އާފާތަކަށެވެ. 2007 ވަނަ އަހަރު ނިމޭއިރު ވިލިނގިލީގައި މަގު ހަދާ ޔުނިޓެއް ޤާއިމް ކުރާނޭ ކަމުގެ އަޑު ރަސްމީ ކޮށްނާއި ނުރަސްމީ ކޮށްވެސް އިވުނެވެ. އަދި އެކަމަށްބޭނުނަވާ ވެހިކަލްތައް މާލެއަށް ގެނެވުނުވެސް މެއެވެ. ނަމަވެސް އަނެއްކާވެސް ވިލިނގީ ރައްޔިތުންނަކީ މާރަނގަޅު ބަޔަކަށްވެގެން މަތަ ނުވެގެން އުޅުނު އެހެން ރަށަކަށް އެތަކެތި ގެންގޮސް އެރަށުގައި ޔުނިޓް ޤާއިމް ކުރީއެވެ. މިހިރީ ސަރުކާރުން ވިލިނގިއްޔަށް ހެޔޮ އެދޭ މިންވަރެވެ.

ތަންކޮޅެއް ކުރިން ވިލިނގިލީގައި ލޭންޑްލައިން ފޯނުލައިދޭން އަންނަވާހަކަ އިވުނެވެ. ނަމަވެސް ސަރުކާރުގެ އެދެވޭ ޕްލޭނެއް ނެތުމުގެ ސަބަބުބް ދިރާގުން އެކަން ހުއްޓާލީއެވެ. ތިނަދޫ މީހުންނާ އައްޑޫ އަތޮޅުގެ މީހުންނާއި އަދި ބައެއް އެހެން ރަށްރަށުގެ މީހުންވެސް ލޭންޑްލައިން ބޭނުންކޮށް އަގުހެޔޮކޮށް އެއްގެއިން އަނެއް ގެޔަކަށް ފޯނުކޮށް އިންޓަރނެޓް ބޭނުންކޮށް ހަދާއިރު މިކަމުގައިވެސް ސަރުކާރުން ވިލިނގިލީގެ ރައްޔިތުންނަށް ވެފައިވަނީ ޚިޔާނާތެވެ. އަޅުގަނޑުމެންނަށް ޖައްސާފައި މިއޮތީ ޖެހިގެން ހުންނަ ގެއަށްވެސް މޯބައިލުން ސެޓެލައިޓް މެދުވެރިކޮށް ގުޅާށެވެ.

ވިލިނގިލީގެ ރައްޔިތުންގެ ޢިމާރާތްތައް ސަރުކާރުންވަނީ ވަރަށް ގިނަ ދުވަހު ކުއްޔަކާ ނުލާ ބޭނުން ކޮށްފައެވެ. އަދި އެއްވެސް ބަދަލެއް ނުދީ ތަޅާވީރާނާ ކޮށްފައެވެ. އަދި މިތަންތަން ހުރި ބިންތައް ރައްޔިތުން ކިބައިނއ އަހާވެސް ނުލާ ބޭނުން ކޮށްފައެވެ. ގއ. އަތޮޅު އޮފީހާޢި ވިލިނގިލީ އޮފީސް ޢިމާރަތް ކޮށްފައިވަނީ ރައްޔިތުންގެ ޢިމާރާތްތަކެއް ތަޅާލައި އެއްވެސް ބަދަލެއްވެސް ރައްޔިތުންނަށް ނުދީއެވެ. އަތޮޅުގެ ޢިމާރާތް ކޮށްފައިވަނީ ވިލިނގިލީ ރައްޔިތުން އަމިއްލަ އަތުން ހިއްކާފައިވާ ބިމެއްގައެވެ. ސްކޫލް ޢިމާރާތް ކުރި އިރު ވަނީ ރައްޔިތުންގެ ބޯޅަދަނޑުގެ ބޮޑު ބައެއް ނަގާފައެވެ. މިހިރީ ގެއްލިފައިވާ ރައްޔިތުންގެ ބޮޑެތި ޙައްޤުތަކުގެ ތެރެއިން ބައެއް ކަންކަމެވެ.

ވިލިނގިލީ ގެ ރައްޔިތުނަން މިފަހަކަށް އައިސް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ގއ. ގެ އެއަރޕޯރޓް ވިލިނގިލީގެ އުތުރުން އެފަޅުތެރޭގައި އަޅާނޭ ކަމުގައި ސަރުކާރުން ހަމަޖެއްސުމެވެ. އެކަމަކު އަދި އެއީ ހައެއްކަ ފޫޓްގެ ފުންމިން ހުރި ފަޅެކެވެ. ބިން ހިއްކާ އެއަރޕޯރޓެއް ހަދައި ހިންގަންޖެހެނީ ކޮންމެވެސް އަމިއްލަ ފަރާތަކުންނޯއެވެ. އެއީ ސަރުކާރުން ހިންގާ ނުވަތަ މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ އިން ހިންގާ ތަނެއް ނޫނެވެ. ކޮންމެއަކަސް އެ އެއަރޕޯރޓުން ލިބޭ އާމްދަނީ އަކާއި ނުވަތަ އެއަރޕޯރޓް ހެދުމަށް ހިނގާ ޚަރަދުން އެހެން ކަމެއް ކޮށްގެން ލިބޭނޭ ފައިދާ އަޅާކިޔާފައި އިންވެސްޓަރުން ނިންމާނީ ކޮންތަކަކަށް ކަމާމެދު ލަފާ ކޮށްލެވިދާނެއެވެ. ކޮންމެއަކަސް މިއީ ކަރުދާހުގައި ލިޔެވިފައިވާ ޚިޔާލީވާހަކަ އެކެވެ.

ފަހަކަށް އައިސް މައުމޫނު ދައްކާ ވާހަކަ އަކަށް ވެފައި މިވަނީ އޭނާ އަކީ ވިލިނގިލީ މީހެއް ކަމުގެ ވާހަކަ އެވެ. އެއީ މައުމޫނުގެ މާމަ އަކީ ވިލިނގިލީގެ މީހަކަށްވާތީއެވެ. އެއީ ޙަޤީޤަތެއް ނަމަވެސް މައުމޫނަށް އެކަން އެނގުނީ މިއަދު ހެއްޔެވެ. ތިމާގެ މީހުން ފެނުނީ މިއަދު ހެއްޔެވެ. މަންމަ ރަށްވެގެން ވަކި އެހެން ރަށްކަށް ކޮށްނުދޭ ވިލިނގިލީގައި ކޮށްފައި ހުރީ ކޮންކަމެއްތޯއެވެ. ގެއެއް އަޅާފައި ހުރީ ތޯއެވެ. ހޮސްޕިޓަލެއް އަޅައިދެއްވާފައި ވަނީތޯއެވެ. މަގު ހަދާފައި ވަނީ ތޯއެވެ. މަންމަގެ ހަނދާނުގައި މިސްކިތެއް އަޅައިދެއްވިންތޯއެވެ. ސްކޫލެއް އަޅައި ދެއްވިން ތޯއެވެ. އެހެން ބަޔަކު ގެނެސް ވަޒަންވެރި ކުރުވާ ފައި ވަނީތޯއެވެ. މަތީގައި އެވަނީ މައުމޫނު މައުމޫނުގެ ރަށަށްވެގެން ހަދާފައިވާ މަކަރާއި ޙީލަތެވެ.

މައުމޫނު އެވެ. މައުމޫނު ދެން އިތުރަށް މަކަރާޢި ދޮގުހަދާނޭ ކަމެއް ނެތެވެ. ތިރީސް އަހަރުގެ ތެރޭ މަންމަގެ ރަށަށް ނުކޮށްދެވުނު ކަމެއް ދެނެއް ކޮށް ނުދެވޭނެއެވެ.

ލިޔުނީ: ޢަބްދުލް މަޖީދު

1 comment:

Anonymous said...

ALHUGANDU MILYUN NAGAAFAIVANEE VILINGLI KATHEEBU MAJEEDHUGE ATHUGAI ONNA KUDA FOTHEY " EFOYI " SIRRUN HOADHAAIGEN , MILYEFAIVAA LIYUN DO A FUNUVEEMEVE. MAJEEDHU KEEVES DHEFUKEHERI MEEHEDHOA