Sunday 17 August 2008

ގައުމެއް ފަނާވެދަނީ އެގައުމެއްގައި ތިބޭ ރަނގަޅުމީހުން އަޅާނުލުމުން

އަޅުގަނޑުމެން ގެ މި ދިވެހި ގައުމު މިއަދު މިގޮވަމުން ދަނީ، ޒިންމާދާރު މީހުން ކުރިޔަށް ނުކުމެ، މި ގައުމު ހަލާކުގެ ތެރެއަށް އެއްލައިލިޔަ ނުދީ ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް ކެރިގެން ނުކުތުމަށެވެ. ވިއްސި ވިހާލެވިފައިވާ މިރަށްތަކުގެ ރައްޔިތުން ގެ އަޑު އިވޭތޯއެވެ؟ އެމީހުންގެ ހިތުގެ އުދާސްތަކާއި، އެމީހުން ކަންބޮޑުވެފައިވާ މިންވަރު އެނގިވަޑައި ގަންނަވާތޯއެވެ؟ އަލަށް ހޯދި ހައްގުތައް ލިޔެފައިވާ އިސްލާޙުކުރި ގާނޫނު އަސާސީން އެ ރައްޔިތުންނަށް ކަނޑައެޅި ހައްގުތައް ހޯދުމަށް، އެމީހުން އެތިބީ ފެންބޮވައިގަންފައެވެ. އަނިޔާވެރިކަމާއި، އަލާނުލުމާއި، އަޅުވެތިކަމުން ސަލާމަތްވުމަށް ނުއެދޭނެ ދިވެއްސެއް މި ބިމުގައި މިހާރު އެބަހުރިތޯއެވެ؟

ދިވެހި ރާއްޖެއަކީ، ދެކުނު އޭޝިޔާގެ ހަލަބޮލި ސަރަހައްދުގައި އޮތް ކުޑަކުޑަ ޖަޒީރާ ގައުމެކެވެ. އެހެނަސް، ގުދްރަތީ ވަސީލަތްތައް ގިނަވެފައި ގުދްރަތީ ރީތިކަމުގެ ވިދަވިދާ އޮތް ޖަވާހިރެކެވެ. މި ގައުމުގެ އެއްފަރާތުގައި އެވަނީ ޒަމާނުއްސުރެ، ރާއްޖެއަށް ކަޅިއަޅާލަ އަޅާލަ އޮތް އިންޑިޔާއެވެ. މި ސަރަހައްދުގައި އޮތް އެންމެބޮޑު ބާރެވެ. އަދި އެމީހުން އަބަދުވެސް ބުނާގޮތުގައި އެންމެ ބޮޑު ޑިމޮކްރަސީއެވެ. އަނެއް ބިތުގައި އެއޮތީ ޗައިނާއެވެ. ކޮމިއުނިޒަމް ހިފަހައްޓަން އުޅުނު ކަމުގައިވިޔަސް ޗައިނާގެ ރައްޔިތުންނަކީ ޒަމާނީ ޓެކްނޮލޮޖީއާއި އިގްތިސޯދަށް ހޭލަމުން އަންނަ ދުނިޔޭގެ ދެވަނައަށް އޮތް އެންމެ ބޮޑު އިކޮނޮމީއެވެ. މީހުން އެންމެގިނަ ނަސްލެވެ. މިލިޓަރީގޮތުން ކުރިއަރަމުން އަންނަ ގައުމެކެވެ. މި ދެގައުމަކީވެސް ދުނިޔޭގެ ނިއުކްލިޔަރ ކްލަބުގެ ދެ މެމްބަރުންނެވެ.

އިންޑިޔާކަނޑުގެ ތެރޭގައި، މި ދެގައުމުގެ މެދުގައި، މިފަދަ ވަރުގަދަ މަގާމެއްގައި ދިވެހިރާއްޖެ އެތުރި ވާހިނދު، މިއަދަކީ ސިޔާސީގޮތުން ދިވެހީން ނިންމަން އޮތް އެންމެބޮޑު ނިންމުން ނިންމަންޖެހޭ ދުވަހެވެ. ކުރިޔަށް ދާނެ މަގެއް ކޮށާންޖެހޭ ދުވަހެވެ.

މިވަގުތަކީ، އަޅުވެތިކަމުގެ ކަސްތޮޅުތަކުން ވަކިވެ، ވޭތުވެދިޔަ 30 އަހަރުގެ އެކަހެރިކަމުން ނެއްޓި، ލާމެހިފައިވާ ދުނިޔޭގެ މެމްބަރަކަށް ވެވެން އޮތް ވަގުތެވެ. މިހާދުވަހު ދިވެހީންގެ ސިކުނޑިތައް ތަޅުލައިގެން ވެރިކަން ހިންގި، މަދު އެހެނަސް ނުފޫޒުގަދަ އާއިލާތަކެއްގެ ކިބައިން ސަލާމަތްވެ، ރައްޔިތުންގެ އަތްމައްޗަށް ވެރިކަމުގެ ބާރު ފުރޮޅާލަން އޮތް ދުވަހެވެ. އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނަށް ދޫކޮށްދިޔަ ހުނަރުވެރިކަން އަލުން ޓެސްޓުކުރަން އޮތީ ހަމަ މިއަދެވެ. މިއަދަކީ ދިވެހީން ތަސައްރަފުފުދި، ޑިމޮކްރަސީ ގެ ހަރުދަނާ ނިޒާމު މި ސޮސައިޓީގައި މޫލައްވާ، އެބައިމީހުންގެ ހުނަރުވެރިކަމާއި އެބައިމީހުންގެ އުވިގެންދާ ރަށްފުށު ސަގާފަތް، އަލުން ދިރުވުމަށް ލިބޭ އެންމެފަހު ގެ ޗާންސެވެ. އެ ދަނޑިވަޅު މިހާރު މިއޮތީ އަޅުގަނޑުމެންގެ ކުރިމަތީގައެވެ. ފުރުސަތު ނަންގަވާ ނުލެއްވުމަށް އާދޭހާއެކު ދަންނަވަމެވެ.

މިއަދަކީ އަޅުގަނޑުމެން ގެ ދޭދޭ ޒުވާބުތަކަށް ޖާގަދޭ ދުވަހެއްނޫނެވެ. މި ވަގުތަކީ، ހަމައެކަނި ތިމާ، ނުވަތަ ތިމާމީހާގެ ވިޔަފާރިއަށް ނުވަތަ މަސްލަހަތަށް ފަހިވާގޮތަށް ނިންމުންތައް ނިންމަން އޮތް ވަގުތެއް ނޫނެވެ. މި ވަގުތަކީ، ރަނގަޅު މީހުން ހަނުތިބޭންވީ ވަގުތެއްވެސް ނޫން ދޮގެއްތޯއެވެ؟ އޭގެ ބަދަލުގައި، ކެރިގެން ކޮޅަށް ތެދުވެ، ތިމަންނާއަކީ ދިވެއްސެކޭ އަދި މުސްލިމެކޭ ބުނެ، ގައުމަށް ކުރިމަތިވެފައިވާ ނުރައްކާތަކުން ގައުމު ސަލާމަތްކުރުމަށް އުޅެގަތުން ކީއްތޯއެވެ؟ އެއްބަސްވަމެވެ. ބަދަލަކީ ބައެއްމީހުން ބިރުގަންނަ އެއްޗެކެވެ. އަދި އަމުދުން، ތަފާތު ފިކުރަކަށް ސިފަޖެއްސުމަކީ، ބައެއް ބޭފުޅުންނަށް ވަރަށް އުނދަގޫ ކަމެކެވެ. އެބޭފުޅުންގެ މިޒާޖާއި ދިރިއުޅުން މިހާތަނަށް ބައްޓަން ކުރައްވާފައިވާ ގޮތުން، ބަދަލަށް މަރުހަބާ ކިއުމަކީ، އެބޭފުޅުންގެ ތަޅުލެވިފައިވާ ސިކުނޑިތަކަށް ކުޅަދާނަ ވެގެންވާ ކަމެއްނޫނެވެ.

މިއަދަކީ، މިގައުމުގައި ތިބި ރަނގަޅު ހެޔޮވިސްނޭ އަދި ކެރޭ މީހުން ކުރިޔަށްޖެހި، މި ގައުމުގެ މުސްތަގްބަލައިގެން ސާބިތުކަމާއެކު ކުރިޔަށް ހިނގައިގަންނަންވީ ދުވަސްމެއެވެ. ދިވެހީން އެއްއަޑަކަށް އެ ގޮވަނީ އެފަދަ މީހުން ކުރިޔަށް ޖެހުމަށެވެ. ފިނޑި ނުވުމަށެވެ. އަނެއް ދިވެހިރާއްޖެ ސިފަކުރެވޭނީ އެ ފިނޑިކަމާއި ނުކުޅެދުމުން ނުކުމެ، އިރުގެ ދޯދިތަކުން ހަކަތަހޯދާ ވަށައިގެންވާ ދުނިޔެއަށް މަރުހަބާ ކިޔަން ކެރުމުންނެވެ. މިއަދަކީ އެކަން ކުރުމަށް އޮތް އެންމެ ފަހު ދަނޑިވަޅެވެ.

3 comments:

Anonymous said...

Rangalhu meehunah kihinehtha alhaa leveynee. Minah vure nubaimeehun ulhey thanehga. Hurihaakameh ves dhanee rangalhah. Nubaimeehun ulhey thanakah nubaiverin thibeynee.. ee angavafa oiy goiy. Dhen araa verimehaa ma nubaivaane.. ee mihaaru ulhey meehunge nubaiminun beleema.

Anonymous said...

Nikkureega liyefai oveytha thimanna mee rangalhumeehekey? Komme meehegge ves varu engeynee beleema. thibunaa rangalhu meehuneh mihaaraku noolhey miqaumegga. dhen kihineh hadhaanee

Anonymous said...

Qawm fanaavedhanee rangalhu meehun madhukamun. Sappemen kahala meehunves meehehge aburakah izzathakah balaanulaa haqeegathehneiy artical jahamundhanee. dhenvaanegoi mivanee. rangalhu meehaku kamehkuran ulhumun sappe menfadha meehun emeehunge aburu gehluvaalan baarulaa masahkai kuraane. emeehunge mulhi aailaa mikamugai shaamil kuraane. kanthah mihen ovvaa nikunnan kereynee hamaekani aailaa aai gaaiy thimaage meehunah alhaalumehneiy nulafaameehunah.