Monday 4 August 2008

މައުލޫމާތު ފޮރުވުމަކީ މިސަރުކާރު ފޭލްވުމުގެ އެއްސަބަބު

މިނިވަން އެޑިޓޯރިއަލް - ސާފު މައުލޫމާތުގެ އަލީގައި މެނުވީ ރަނގަޅު ދިރާސާއެއް ނުކުރެވޭނެއެވެ. އެހެންކަމުން، ޑިމޮކްރެޓިކް އުސޫލުތައް ދިވެހި ރާއްޖޭގެ ވެރިކަމުގެ ދާއިރާއަށް އައުމުން، އަލަށް އަންނަ ސަރުކާރަކުން މުއުތަބަރު މައުލޫމާތު އެއްކުރާން ޖެހޭނެއެވެ. ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި، ބޭނުންކޮށްފައިވާ ހިންގުމުގެ ސިޔާސަތު ފޭލްވުމުގެ އެއްސަބަބަކީ، ސަރުކާރުން ކޮށްފައިވާ ދިރާސާތަކުގެ ހަގީގީ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ހާމަކޮށްފައި ނެތުމެވެ.

މިސާލަކަށް ގައުމެއްގެ ކަންކަން ރޭވުމުގައި ބޯހިމެނުމުގެ ހިސާބަކީ ކޮންމެހެން ބޭނުން އެއްޗެކެވެ. އަދި އެ ހިސާބުތައް ނުސީދާކަމުގައި ވާނަމަ، އެއަށް ބިނާކޮށް ރާވާ އެއްވެސް ރޭވުމެއް ކާމިޔާބު ގޮތެއްގައި ނުހިންގޭނެއެވެ.

ސަރުކާރުގެ ހިންގުން ފޭލްވެ، ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލާގޮސް އަދި ބައިނަލްއަގްވާމީ އިދާރާތަކުގެ އިންޒާރުތައް ގިނަވުމުން، ސަރުކާރުގެ ބައެއް ހިސާބުތައް ހާމަކުރާން ފަށައިފިއެވެ. މިސާލަކަށް ބަޖެޓް ރޭވުމުގައި ބޭނުންކުރި ހަމަތަކަކީ، ދުނިޔޭގެ އެއްވެސް ބަޔަކު ބޭނުންކުރާ އުސޫލުތަކެއް ނޫންކަން މިހާރު ސާބިތުވެއްޖެއެވެ. ނަމަވެސް ވިސްނަވާލެއްވުމުން މީގެތެރެއިން އެހެން ހަގީގަތެއްވެސް އެބަ ފާޅުވެއެވެ. ބަޖެޓް ޑެފިސިޓް ގެ އަދަދަކީ، ހާމަކުރަންޖެހޭ އަދަދުތަކުގެ ވަރަށް ކުޑަ އެތިކޮޅެކެވެ. އަދި އެއަދަދުތަކުގެ ބިތްދޮށުގައިވާ އެހެނިހެން މައުލޫމާތަކީވެސް ރައްޔިތުންނަށް އެނގެންބޭނުންވާ މައުލޫމާތެވެ.

މިކަމާގުޅިފައިވާ އަނެއްކަމަކީ، މިނިވަން މީޑިޔާއެއް ރާއްޖޭގައި ގާއިމުވެފައި ނެތުން ދޮގެއްތޯއެވެ؟ މަލްޓިޕާޓީ އިލެކްޝަނެއް ފުރަތަމަ ފަހަރަށް ރާއްޖެއަށް ތައާރަފްވާއިރު، އަދިވެސް މީޑިޔާއާ ބެހޭ ގާނޫނީ އޮނިގަނޑެއް މިވަނީ ނުހެދިއެވެ. ހަމައެހެންމެ، އަދުލު އިންސާފުގެ ދާއިރާވެސް އޮތީ މިނިވަންނުވެއެވެ. ގައުމެއް ތަރައްގީވުމަށްޓަކައި، ނުވަތަ ޑިމޮކްރަސީއެއް ބިނާކުރާއިރު، މުސްތަގިއްލު ތަނބުތަކެއް ނުވަތަ މުއައްސަސާތަކެއް ހެދިފައިއޮތުން މުހިންމެވެ. މަދަނީ ޖަމާއަތްތަކަށް ކުރިއެރޭނެ މަގެއްވެސް ބޭނުންވެއެވެ. ނޫސްވެރިންނަށް މައުލޫމާތު ހޯދުމުގެ ބާރުލިބެންޖެހެއެވެ. އަދި ސަރުކާރުން މައުލޫމާތު ހާމަކުރަންވެސް ޖެހެއެވެ.

މިނިވަން މީޑިޔާއެއްގެ އެހީގައި، ރައްޔިތުންނަށް އެމީހުންގެ ސަރުކާރު ޖަވާބުދާރީ ކުރެވޭނެއެވެ. ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެމްބަރުންގެ ބަސް، ހޫނުކަންމަތީ ރައްޔިތުންނަށް ގެނެސްދެވޭނެއެވެ. އެހެންނޫންނަމަ، ރައްޔިތުންނަށް ސަރުކާރުން ހާމަކޮށްދޭން ޖެހޭ އެތަކެއް މުހިންމު މައުލޫމާތުތަކެއް އޮންނާނީ ފޮރުވުމެއްގެ ތެރޭގައެވެ.

މިއަދު އަޅުގަނޑުމެން ވެރިކަމުގެ ފާޑަށް ބަދަލު ގެނައުމަށް އަތުކުރި އޮޅާލިއިރު، ދުނިޔެވެސް މިވަނީ އަވަސް ބަދަލުތަކެއްގެ ތެރޭގައެވެ. ވެރިކަން ކުރުމުގެ ހަމަތަކެއްވެސް މިވަނީ ކަނޑައެޅިފައެވެ. ޑިމޮކްރަސީއެއްގައި، ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަކީ އެއިރެއްގައި އޮންނަ ސަރުކާރަކުން ކޮށްދޭންޖެހޭ ކަމެކެވެ.

ހިސާބުތަކާއި އެއާގުޅޭ މައުލޫމާތު ރައްޔިތުންނަށް ހާމަކުރުމަކީ މިސަރުކާރަށް މުޅިން އާކަމެކެވެ.

No comments: