Tuesday 5 August 2008

ދެކުނު އޭޝިޔާ ސަރަހައްދުގެ ގޭންގްސްޓަރުން

'ސަރަހައްދީ އެއްބާރުލުން' މިއީ ދެކުނު އޭޝިޔާގެ ސަރަހައްދީ އެއްބާރުލުމާއި ބެހޭ ޖަމްއިއްޔާ (ސާކް) ރަމްޒުކުރާ ތަނބެވެ. ސުވާލަކީ، މި ޖަމްއިއްޔާގައި ނުވަތަ މި ޖަމްއިއްޔާ ގެ މެމްބަރު ގައުމުތަކުގެ މެދުގައި އޮތީ އެއްބާރުލުންތޯ ނުވަތަ މަކަރާއި ހީލަތްތެރިކަމުގެ ގުޅުމެއްތޯއެވެ؟

ސާކް ޖަމްއިއްޔާގެ 15 ވަނަ ސަމިޓުގައި ކޮޅުބަށް ޖަމާވީ މި ޖަމާއަތުގައި ހިމެނޭ ދިވެހި ރާއްޖެ، ޝްރީ ލަންކާ، އިންޑިޔާ، ޕާކިސްތާން، ބަންގްލާދޭޝް، ނޭޕާލް އަދި ބޫޓާން ގެ ވެރީންނެވެ. މިފަހަރުގެ މުހިންމު ނިންމުމަކަށް ބަލާ، ނިންމާފައިވަނީ މި ސަރަހައްދުން ޓެރަރިޒަމް ނައްތާލުމަށް ހުރިހާ ގައުމަކުން އެއްބާރުލުމެވެ.

'ޔޫޕީއައި އޭޝިޔާ އޮންލައިން' ގައި، 4 އޯގަސްޓް 2008 ވީ ހޯމަދުވަހު، ބިޖޯ ފްރޭންސިސް ނަމަކަށް ކިޔާ އިންސާނީ ހައްގުތަކާ ބެހޭ ވަކީލަކު ބުނެފައިވާގޮތުން، ސާކް ޖަމްއިއްޔާގެ ތެރޭގައި، އެއްބާރުލުން ނޫން އެހެން ހުރިހާކަމެއް އަންނަނީ ވަމުންނެވެ. އޭނާ ޒުވާބުދޭ ގޮތުގައި ސާކް ގައި އެއްވެސް ކޯޕަރޭޝަނެއް ނުވަތަ އެއްބާރުލުމެއް ނެތްތަނުގައި، މި ޖަމްއިއްޔާގެ މެމްބަރުގައުމުތަކުގެ އަހުލުވެރީންނަށް، މި ޖަމްއިއްޔާގެ ފަރާތުން އެއްވެސް ފައިދާއެއް ނުކުރެއެވެ. ބިޖޯ ފްރޭންސިސް އަކީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ވަކީލެކެވެ. އޭނާ މިހާރު މަސައްކަތް ކުރަމުން ގެންދަނީ ހޮންގކޮންގ ގައި ހުންނަ އޭޝިޔަން ލީގަލް ރިސޯސް ސެންޓަރުގައެވެ. އަދި އޭނާގެ ޒިންމާއަކީ ދެކުނު އޭޝިޔާގެ ޑެސްކް ބެލެހެއްޓުމެވެ. ކިޔަވައިގެންހުރި، އަދި ޝަރުއީ ދާއިރާގައި އުޅޭތާ 10 އަހަރަށްވުރެ ގިނަދުވަސް ވީ ތަޖްރިބާކާރެކެވެ. އެހެންކަމުން މި ސަރަހައްދުގައާއި ބައިނަލް އަގްވާމީ ދާއިރާގައި މީނާ ގެ ބަސް ވިކެއެވެ.

މިއާއި ޚިލާފަށް، ރާއްޖޭގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް، އޭނާގެ އެކުވެރިއެއްގެ ނޫހަށް ދެއްވި އިންޓަރވިއުއެއްގައި މި ވިދާޅުވަނީ ކީކޭތޯއެވެ؟ އޭނާ ވިދާޅުވިކަމަށްވަނީ، ސާކަކީ ހަގީގަތުގައިވެސް ރައްޔިތުންގެ ޖަމްއިއްޔާއެއްކަން ނިމިގެން މިދިޔަ ސާކް ސަމިޓުން ދައްކައިދީފި ކަމުގައެވެ. ސަމިޓު ނިންމުމުގެ ރަސްމިއްޔާތުގައި ޝުކުރުގެ ބަސްކޮޅެއް އިއްވަވަމުން މައުމޫނު ވިދާޅުވިކަމުގައި މިނޫހުން ބުނަނީ، ސަރަހައްދީ ގުޅުންތައް އިތުރަށް ބަދަހިކޮށް ވަރުގަދަކުރުމުގެ މަގުތައްވެސް ހުޅުވިއްޖެކަމުގައެވެ. މިހެން މީނާ ދޮގު ބަހުރުވައިން، ދޮގު ޝުއޫރުތަކެއް ފާޅުކުރައްވަމުން ގެންދަވާއިރު، ސާކް ޖަމްއިއްޔާއަކީ، މި ޖަމްއިއްޔާގައި އެއްވެސް ހަރުދަނާ ކަމެއްހުރި އަދި ރައްޔިތުންނަށް އެ ޖަމްއިއްޔާގެ ފަރާތުން އެއްވެސް ބިނާކުރަނިވި މަންފާއެއް ލިބޭ ޖަމްއިއްޔާއެއް ނޫންކަމުގައި ބައިނަލް އަގްވާމީ އިދާރާތަކުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ކެނޑިނޭޅި އެގެންދަނީ އިއުލާނުކުރަމުންނެވެ.

ބިޖޯ ފްރޭންސިސް އޭނާގެ ކޮމެންޓަރީގައި ލިޔެފައިވަނީ މިފަދައިންނެވެ. "މި ގައުމުތަކުގެ ބެކްގްރައުންޑަށް ބަލާއިރު، އިންސާނީ ހައްގުތަކުގެ ހާލަތު އެވަނީ، ގަބޫލުކުރުން ދަތި އެހެނަސް ވަރަށް ބިރުވެރި ހިސާބެއްގައެވެ. މިގައުމުތަކުގެ ޝަރުއީ ނިޒާމްތައް އެވަނީ ވީރާނާވެ، ލަދުވެތިވާންޖެހޭ ފެންވަރެއްގައެވެ. ހަމައެހެންމެ، މިގައުމުތަކުގައި ގާނޫނުގެ ބާރު ހިންގުން އެވަނީ ވަރަށް ފަގީރު ހާލަތެއްގައެވެ. އަދި، އދ. ޖަމްއިއްޔާގެ ތެރޭގައިވެސް މި 7 ގައުމުގެ ރެކޯޑަކީ ވަރަށް ފެންވަރުދަށް ރެކޯޑެކެވެ. ދާދިފަހުން ޝްރީ ލަންކާގައި ބޭއްވި ސާކް ސަމިޓުންނާއި އެސަމިޓުގެ ތެރޭގައި ކުރި މަޝްވަރާތަކުން މިކަން އަދި އިތުރަށް ފާހަގަވެގެން ހިނގައްޖެއެވެ."

 

1 comment:

Anonymous said...

kaleymen kon echcheh tha thiveedhenee? Quamu halaaku koffa.minivan noos uvaalaa