Sunday 3 August 2008

އުފުއްލަވަންޖެހޭ ޒިންމާ ނުއުފުއްލަވާ ސާކް ސަމިޓަށް

 މިނިވަން އެޑިޓޯރިއަލް - ސާކްގެ 15 ވަނަ ސަމިޓުގެ އިފްތިތާހީ ޖަލްސާއަށް ބަލާއިރު، ދެކުނު އޭޝިޔާގެ ސަރަހައްދީ މި ޖަމްއިއްޔާއަށް މިހާތަނަށް އައިރުވެސް އެއްވެސް ހަރުދަނާ ކުރިއެރުމެއް އައިސްފައިވާކަމަކަށް ނުބެލެވެއެވެ. މިފަހަރުގެ ސަމިޓުގެ އިފްތިތާހީ ޖަލްސާގައި ރިޔާސަތުގައި އިންނެވީ ޝްރީލަންކާގެ މިހާރުގެ ރައީސް މަހިންދަ ރާޖަޕަކްޝަ އެވެ. އެ ގައުމުގެ މީޑިޔާ ރިޕޯޓުތަކުން ދޭހަވާގޮތުގައި، ލަންކާގެ އާންމު ރައްޔިތުން، މިކޮންފަރެންސާއި ބެހޭގޮތުން ތިބީ ވަރަށްބޮޑަށް ނުގަބޫލުވެ ނުތަނަވަސްވެފައެވެ. ދަޑިވަޅަކީ، މި ސަރަހައްދުގައިވެސް ދިރިއުޅުމުގެ ޚަރަދު މަތިވެގޮސް ރައްޔިތުންގެ ދިރިއުޅުމަށް އެތަކެއް އުނދަގުލާއި ދަތިތަކާއި ކުރިމަތިވެފައިވާ ދަނޑިވަޅެކެވެ. އެހެންކަމުން، މިފަދަ ޚަރަދުބޮޑު ރަސްމިއްޔާތެއް ބޭއްވުމުން އެ ގައުމުގެ އިދިކޮޅު ސިޔާސީ ޕާޓީތައް އެދަނީ ވަރަށް ބޮޑަށް މިކަމަށް އަލިއަޅުވާލާ ފާޑުކިޔަމުންނެވެ.

ރާއްޖޭގައިވެސް އާންމުންގެ ޚިޔާލުހުރީ ހަމަ މިފަދައިންނެވެ. ރައްޔިތުން މިތިބެނީ، މި ޚަރަދުބޮޑު ސަރުކާރު އަވަސް ސްޕީޑެއްގައި ބަދަލުވާން އެދިއެދިއެވެ. އިސްލާޙުކުރި ގާނޫނު އަސާސީ ތަސްދީގު ނުވެގެން ލަސްވެފައެވެ. އެހެންކަމުން، ރައީސް މައުމޫނު މި ގައުމުގެ ބޮޑެތި މައްސަލަތަކާއި ދުރަށް ޖެހިވަޑައިގަތުމުގެ ބޭނުމުގައި، ކުރައްވާ މިފަދަ އިސްރާފުތައް ތަކުރާރު ކުރެއްވުމަކީ، ގައުމަށް އެއްވެސް ވަރެއްގެ ފައިދާއެއް ކުރާނެ ކަމެއްކަމުގައި މީހުން ނުދެކެއެވެ.

މިފަހަރުގެ ސާކް ސަމިޓުގައި އޮބްޒާވަރުންގެ ގޮތުގައި ތަރައްގީވެފައިވާ ގައުމުތައް ހިމެނެއެވެ. އަދި ތަރައްގީ ވަމުން އަންނަ ގައުމުތައްވެސް ހިމެނެއެވެ. މީގެ ސަބަބުން ދެކުނު އޭޝިޔާގައި މިވަގުތު ތިބި، ލީޑަރުންގެ ފެންވަރާއި، މި ޖަމްއިއްޔާގެ ސިޔާސަތުތައް ހިންގުމުގައި ނުކުޅެދިފައިވާކަމާއި، މީގެ އިތުރުން އިންޑިޔާގެ ބާރުގަދަ ނުފޫޒު މިސަރަހައްދުގެ ތެރޭގައި ހިންގާ ގޮތް އޮބްޒާވަރުންނަށްވެސް ހާމަވެގެން ދާނެތާއެވެ. ފާހަގަކުރެވޭ އަނެއްކަމަކީ، މިސަރަހައްދުގައި މަސައްކަތްކުރާ ނޫސްވެރީންނަށް ދިމާވެފައިވާ ނުރައްކާތަކާއި ދަތިތަކުގެ މައްޗަށް މަޝްވަރާތަކެއްކޮށް، އެ މަޝްވަރާތަކުގެ އަލީގައި ޑިކްލަރޭޝަނެއް މި ސަމިޓުގައި ފާސްވެގެންދިޔަކަމެވެ. ނަމަވެސް، މީގެ ސަބަބުން ހެޔޮބަދަލެއް އައުމަށްވުރެ ގާތީ ނައުމެވެ. ސަރުކާރުގެ ސިޔާސަތަށް ބަދަލުނައިސް މިފަދަ ކަންކަން ހައްލުކުރުމުގައި ހުރަސްތަކެއް ކުރިމަތި ކުރާނެތާއެވެ.

ސަމިޓުގެ އެންމެ މުހިންމު ޓޮޕިކް ނޫނީ ސުރުޚީއަކީ، ޓެރަރިޒަމެވެ. މި ސަރަހައްދުން ޓެރަރިޒަމް ފުހެލުން މިވަނީ ލިސްޓުގެ އެންމެކުރީގައެވެ. ނަމަވެސް ޓެރަރިޒަމް ނައްތާލުމުގެ ނަމުގައި، މި ސަރަހައްދުތަކުގެ ވެރީންގެ އާދަޔަކަށް ވެފައި އަބަދުވެސް އޮންނަނީ، އިދިކޮޅު ސިޔާސީ ފަރާތްތަކާއި ހަނގުރާމަކުރުމެވެ. ޓެރަރިޒަމް ފޯކަސްވަނީ އަބަދުވެސް މި ގައުމުތަކުގައި އުޅޭ ތަފާތު ޚިޔާލުގެ މީހުންނަށެވެ. މީގެ ތެރޭގައި ގިނައިން ސަރުކާރުތަކުގެ ބަޑި އަމާޒުވަނީ އިދިކޮޅު ސިޔާސީ ޕާޓީތަކަށާއި، ސިވިލް ސޮސައިޓީއަށާއި، ސަރުކާރުތަކަށް ފާޑުކިޔާ ނޫސްވެރީންނަށެވެ. މިކަން އެމެރިކާއަށާއި ޔޫރަޕިއަން ޔުނިއަނަށްވެސް އޮޅުންފިލައެވެ. އަދި އދ. މަޖިލީހަށްވެސް މިކަން އެނގެއެވެ.

ރައީސް މައުމޫނު މިސަމިޓުގައި ބައިވެރިވެވަޑައިގަތީ، ފުނިޖެހިފައިވާ ދާޚިލީ ހަމަނުޖެހުންތަކުގެ ތެރެއިން ނުކުމެވަޑައިގެން ފިއްލެވުމަށް ބޭނުންފުޅު ވެގެންތޯއެވެ؟ އެމަނިކުފާނާއި ހަވާލުވެފައިވާ ޒިންމާތަކުން ދުރަށް ޖެހިވަޑައިގަތުމަށް ބާވައެވެ؟ ސަމިޓުގެ ފަހުން މިކަން ރައްޔިތުންނަށް އަދި ހާމަވާނެތާއެވެ.

 

1 comment:

Anonymous said...

perhaps, things the crazy writer emphasized are true. but, little does he know the rules of thumb? ie, writing truth, in order to enlighten the reader with truth. then whats the big deal about this tapori style of language?? we need to be more matured i guess.