Thursday 31 July 2008

ޑިމޮކްރެޓިކް ވެރިކަމެއް ގެނައުމަށް އޮތް ހުރަސްތައް

ޑިމޮކްރެޓިކް ވެރިކަން ގާއިމުކުރުމުގެ މަގުމަތީގައި ތަފާތު ހުރަސްތަކާ ގޮންޖެހުންތައް ދަނީ ކުރިއަރަމުން އަންނަ ގައުމުތަކާއި ދިމާވަމުންނެވެ. މިއަދުގެ އެޑިޓޯރިއަލްގައި ފާހަގަ މިކުރަނީ، ޕާކިސްތާން، ޗައިނާ، ފަލަސްތީން، ޒިމްބާބްވޭ އަދި އަފްޣާނިސްތާނެވެ. 'ބްލޮގް އެޓް އެމެރިކާ ޑޮޓް ގަވް' ގައި ބްރިޖިޓް ހަންޓަރ (މިއަހަރުގެ ޖޫން އަދި ޖުލައިގައި) މި ގައުމުތަކަށް ވަރަށް ގާތުން ބަލައިލައެވެ. ހަންޓަރ ގެ މި ލިއުންތަކަށް ބަލާއިރު، ދިވެހީންގެ މިއަދުގެ ހާލަތަކީވެސް މިއީއެވެ. ގިނަ ޒަމާންތަކެއް ވެފައިވާ އޮޓޯކްރެސީއެއްގެ ކަސްތޮޅުން ނެއްޓި، ލިބަރަލް ޑިމޮކްރަސީ އަށް ދީލައިލުމަކީ، އުނދަގޫ ކަމަކަށް މިއަދު މިއޮތީ ވެފައެވެ. ހަންޓަރ ގެ ލިއުންތަކުގައި ހިމެނި ގައުމުތަކަކީ، ވަރަށް ގިނަ ގޮތްގޮތުން ރާއްޖެއާއި ހިއްސާކުރާ މައްސަލަތަކެއް ހުރި ގައުމުތަކެކެވެ.

މިސާލަކަށް، ޕާކިސްތާނު ނަންގަވާށެވެ. މިގައުމުގައި، އިގްތިސޯދީ އެތަކެއް މައްސަލަ މިހާރުވަނީ އަނގަމަތިވެފައެވެ. ގޮވާން، އިލެކްޓްރިސިޓީ އަދި ފިއުލް ގެ ބާވަތްތައް ވަނީ އިންތިހާއަށް މަދުވެފައެވެ. އިންފްލޭޝަން އުޅެނީ %20 ގައެވެ. ރުފިޔާގެ އަގު އޮތީ ދަށުދަރަޖައަކަށް ފައިބާ ވެއްޓިފައެވެ. އިންވެސްޓަރުންނަށް ލިބެންޖެހޭ ޔަގީންކަމާއި ހިތްހަމަޖެހުން މިވަނީ، އަލަށް އެކުލަވާލި ގުޅިފައިވާ ސަރުކާރުންވެސް ނުހޯދައިދެވިފައެވެ. ބޭރުގެ ރިޒަރވް އެވަނީ ދެބައިކުޅަ އެއްބަޔަށް ތިރިވެފައެވެ. އަދި ބަޖެޓާއި ޓްރޭޑް ޑެފިސިޓް ގެ ސަބަބުން އިގްތިސޯދު އެކަށް ހީނަރުވެފައެވެ. އިޒްރޭލް-ފަލަސްތީނުގެ ދިގުލާގޮސްފައިވާ މައްސަލަ، ދެން ނަންގަވާށެވެ. ހަންޓަރ ބުނާގޮތުގައި، މި ދެ ސަހަރުގައި ތިބި އަހުލުވެރީން ބެނދެވިފައި އެވަނީ، ޝައްކާއި ވަހުމުން ފެތުރިފައިވާ ދަލެއްގައެވެ. މި ދަލުން ސަލާމަތްވާން އަންނަނީ، ޖެހިޖެހިގެން އޮންނަ ދެ ދައުލަތުގެ ގޮތުގައި މި ދެ ދައުލަތް ދެމިއޮވެވޭނެކަމަށް ރައްޔިތުންނަށް ގަބޫލުކުރެވިގެންނެވެ.

ޗައިނާއަށް ބަލާއިރު، ކަމުގެ މާހިރަކު ދެކޭގޮތުގައި، ހަމައެކަނި މާރކެޓްފުޅާވުމާއި އިގްތިސޯދް އެއާއެކު ތަރައްގީވުމުން، ޑިމޮކްރަސީ ނުގެނެސް ކުރިއަށްދިއުމަށް ކޮމިއުނިސްޓް ޕާޓީއަށް ފަސޭހަވިއެވެ. އެއާއި ޚިލާފަށް، ޗައިނާގެ އާންމު ރައްޔިތަކު ބުނަނީ، ވިޔަފާރީގެ ތަރައްގީއާއި އެއްހަމައެއްގައި ޑިމޮކްރަސީއަކަށް ފުރޮޅާލުމުގެ ހަރަކާތްތައްވެސް ހިންގަން ޖެހޭނެކަމަށެވެ. އަދި، މި ދެކަމަކީ އެކުއެކުގައި ހިންގަންޖެހޭ ދެހަރަކާތްކަމަށް، އާންމު ރައްޔިތުންނަށް ގަބޫލުކުރެވިއްޖެނަމަ، ރައްޔިތުން އެކަމަކީ ގައުމީ ކަމެއްގެ ގޮތުގައި ބަލައިގަނެ، އެ ހަރަކާތްތައް ކުރިޔަށް ގެންދާނެކަމަށް މީނާ ބުނެއެވެ.

ޒިމްބާބްވޭގެ ހާލަތު ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ. ހަންޓަރ ގެ ސުވާލަކީ: ޒިމްބާބްވޭއަށް ޑިމޮކްރަސީ ގެނައުމަށް އެހީތެރިވުމުގައި، ބައިނަލްއަގްވާމީ ފަރާތްތަކުން ފިޔަވަޅުއަޅަން އެންމެ އެކަށީގެންވަނީ ކިހިނަކުން ހެއްޔެވެ؟ އިންތިޚާބުގެ ކަންކަމަށް އެކަނި އަލިއަޅުވާލައިގެން ކުރިޔަށް ދިއުމުން މަގްސަދު ހާސިލްވާނެބާވައޭ، އޭނާ އަހައެވެ. އަފްޣާނިސްތާނުގައި ހަންޓަރ ފާހަގަކުރި ގޮތުގައި، އެގައުމުގެ ފޭލްވުން ގުޅިފައިވަނީ ތިން ދިމާލަކާއެވެ. ނޫނީ ތިން މައްސަލަޔާއެވެ. އެއީ، ސެކިއުރިޓީ ނެތުމާއި، ބޭނުންކުރުން މަނާ ޑްރަގް ގެ މައްސަލައާއި، ކަރަޕްޝަނެވެ. މިއީ ގައުމު އިނދަޖައްސާލި އެންމެ މައިގަނޑު ތިން ސަބަބުވެސްމެއެވެ.

ރާއްޖޭގެ މިހާރުގެ ހާލަތު ތިޔަބޭފުޅުންނަށް އެނގިވަޑައި ގަންނަވާނެއެވެ. އެހެންކަމުން، 'އަނެއް ދިވެހި ރާއްޖެ' މިހާރު ސިފަވެސް ކުރެއްވެވޭނެއެވެ.

 

No comments: