Saturday 4 October 2008

ދޮގުސީދީގެ ނިމުން

އައިވާ ކޮލަމް


4 އޮކްޓޯބަރ2008

އިންޑިޔާ ކަނޑުގައި އޮންނަ ގުދުރަތީ ރީތިކަން ދައްކުވައިދޭ މި ޤައުމުގައި ދިރިއުޅެމުން އަންނަ މީހުންނަކީ، ވަރަށް މަދު ދުވަސްކޮޅަކުނޫނީ، ބޭރުބައެއްގެ އަޅުވެތިކަމުގައި އުޅެފައިވާ ބައެއްނޫނެވެ. ނަމަވެސް މި ޤައުމުގެ މީހުން އަޅުވެތިކޮށްގެން ގެންގުޅެނީ ހަމަ މި ޤައުމުގެ ރައްޔިތުންނަށް އޮޅުވާލައިގެން ސީދީންނަށް ވެގެން އުޅޭ މި ގައުމުގެ މީހުންނެވެ. މި ގައުމުގެ މީހުންގެ މައްޗަށް ވެރިކަން ހިންގަނީ ވަރަށްވެސް އަނިޔާވެރިގޮތެއްގައެވެ. ވެރިކަންކުރާ ސީދީން އަބަދުވެސް ރައްޔިތުންނަށް ދައްކަނީ މުޅިންވެސް ހުވަފެނެވެ. މި ގައުމުގެ މީހުން އިސްލާމްދީންގެ މަތިވެރި ނިޢުމަތް ލިބިގަތުމުގެ ޙާދިޘާއަކީވެސް، މިފަދަ މީހުން ރައްޔިތުންނަށް އޮޅުވާލުމުގެ، މިސާލެކެވެ. އެތައް ރީތި އަންހެންކުދީންނެއް މި ދުނިޔެއިން ވަކިވި ޙާދިޘާއާއި ރާއްޖެ އިސްލާމްވީ ވާހަކައާއި ވަރަށްބޮޑު ގުޅުމެއްވާކަމަށް ތާރިޚީ ލިއުންތެރިން ވިދާޅުވެއެވެ.

މިފަދަ ބައެއް ސީދީން ވެރިކަންކަމަށްޓަކައި އެމީހުންގެ ފިރީންނާއި އަނބީން ގަތުލުކޮށްގެންވެސް ވެރިކަންކުރި ތާރީޚީ ވާހަކަތަކަކީ، ވަރަށްވެސް ޢިބުރަތްތެރި ވާހަކަތަކެކެވެ. މިފަދަ ނުރަގަޅު ޘަގާފަތުގެ ތެރެއިން އެކިދުވަސްވަރު ވެރިކަންކުރާ ސީދީންގެ ވެރިކަމުގެ ދަހިވެތިކަން ހުންނަނީ އެކިވަރަށެވެ. މީގެތެރެއިން 1978 ގެ ފަހުން ވެރިކަމަށް އެރި ބަޑިސީދީގެ ވެރިކަމުގެ ދަހިވެތިކަން ވަޒަންކުރާނެ މިންގަޑެއްވެސް އިންސާނުންނަކަށް އެގިގެންނެއް ނުވެއެވެ. މިނަންވީ ކިލޯއިންކަމެއް، މީޓަރުންކަމެއް، ފެރަންހައިޓުންކަމެއް، ބުނަން ވަރަށްވެސް އުދަގުލެވެ. ވަޒަންކުރެވޭވަރަށްވުރެން މައްޗަށް ދިޔައީއެވެ. 

މި ގައުމުގެ ވެރިކަމުގެ ތާރީޚްގައި އަނިޔާވެރިކަން ހައްދުފަހަނައަޅަން ފަށާފައިވަނީ، 1978 ނޮވެމްބަރ 11 އިންފެށިގެންނެވެ. އަނިޔާވެރިކަން ފެށުނުދުވަހު ވެރިކަމަށްއެރި ބަޑިސީދީގެ ނިޔަތް ވަރަށްވެސް ސާފެވެ. ވެރިކަމާ ޙަވާލުވުމުގެ ހުވާކުރީވެސް އަންބޮޑިއަށް ބަޑިޖަހައިގެންހުރެއެވެ. އަދި މި ބަޑިސީދީގެ ހައެއްކަ އެކުވެރިންގެ އަތަށްވެސް ހަތިޔާރު ދީގެންނެވެ. މިއީ އެ ދޮގުސީދީގެ އަމިއްލަ އިޢުތިރާފެވެ. 

ދޮގުސީދީ ވެރިކަމަށް އެރި ދުވަހު ދުއްވާނެ މާގިނަ ކާރެއް ނެތެވެ. އޮތީ ހަމަ އެންމެ 2 ކާރެވެ. މިފަދަ ކުޑަ ގައުމެއްގައި 2ކާރު އޮތުމަކީ ކުރީގެ ސީދީ ކޮށްފައިވާ ވަރަށްބޮޑު އިސްރާފެއްކަމާއި، މި ކުޑަ ގައުމުގައި ކާރެއް ދުއްވުމަށްވުރެން ޖަމަލެއް ދުއްވުން ޚަރަދު ކުޑަވާނެކަމަށް ދޮގުސީދީގެ ރަޙުމަތްތެރިންގެ ގާތުގައި ބުނެފައިވާކަމަށް ޚަބަރު ލިބެއެވެ. ނަމަވެސް ރަޙުމަތްތެރިން ދޮގުސީދީއަށް ވިސްނައިދިނީ، ދޮގުސީދީގެ ހައިބަތާއި ގަދަރަށް ބަލާއިރު ކާރު މަދުކަމުގައެވެ. 2ކާރު 3ކާރަށް، އެންމެފަހުން މިހާރު 10ކާރަށް ވަނީ ބަދަލު ވެފައެވެ. ރަނިކަމަނާ، ހިތްޕުޅާ ނުވެގެން ކޯފާވާ ރޭރޭ، ނިދަންޖެހެނީވެސް ކާރެއްގެ ތެރޭގައި ވިއްޔާއެވެ. އެހެންވީމާ ކާރު ގިނައެއް ނޫންތާއޭ!

މި ޖަޒީރާ ގައުމަށް ލިބޭ އާމްދަނީ ގިނަކުރެވޭތޯ ދޮގުސީދީ ވަރަށްމަސްކަތް ކުރެއެވެ. ތަފާތު ގައުމުތަކަށް ފުރަމާނަ ދަތުރުގެ ނަމުގައި ދަތުރު ކުރެއެވެ. އެކުގައި 20 ނުވަތަ 30 ޚާދިމުން ގެންދެއެވެ. މި އެންމެހައި ޚާދިމުންނަށްވެސް ޚަރަދު ކުރަނީ ދޮގުސިދީގެ ގަޑުވަރުންނާއި ދޮގުސީދީގެ ރަސްމީ އޮފީހުންނެވެ. ރައްޔިތުންގެ ޚަޒާނާއިންނެވެ. ޙައިދަރު އާބާދުގެ އެންމެ ފަހުގެ ރަސްގެފާނު ނިޒާމު އާއި އެއްވަރު ނުވިނަމަވެސް ދެކޮޅަށް އުފުލޭ ރިޔާސީ ރަސްމީ ތައްގަޑުޖެހި ފޮށިތަކާއި ބޮޑެތި ބޮޑެތި ޕާރސަލްތަކުގެ ޢަދަދު މަދެއްނޫނެވެ.

މި ގޮތަށް ކުރެއްވި ދަތުރު ތަކެއްގައި ޙިޖާޒުކަރައިގެ ރަސްގެފާނު 03 މިލިއަން ޑޮލަރު އަދި ބުރޫނާއީގެ  ރަސްގެފާނު 02 މިލިއަން ޑޮލަރު މިސްކިތެއް ބިނާކުރުމަށް ދެއްވިކަމަށް ވެއެވެ. މި ޑޮލަރު ތަކުން އެޅިމިސްކިތުގައި ނަމާދުކުރެވެނީ 4 ހާސް މީހުންނަށްކަމަށް ނޫސްތަކުގައި ވެއެވެ. ދޮގުސީދީ މިހާގިނަ ފައިސާ ހޯދައިގެން އެޅި މިސްކިތް މާ ކުޑަކަމަށް ކިޔާއުޅުނެވެ. ދޮގުސީދީ ގެ ބުރަމަސައްކަތުން ހޯދާ ފައިސާއިން އުޖޫރައަށްވާ ބައި ދޮގުސީދީ ނަގަންޖެހޭނެކަން ރައްޔިތުންނަށް ނޭގޭކަން ވަރަށްވެސް ދެރައެވެ. އެކަމަކު އަދިވެސް ދޮގުސީދީގެ ގެއެއް ނެތެވެ. ވަންނާނެ ޖިފްޓިއެއްވެސް ނެތެވެ. މިވަނީ ކީއްބާވައެވެ؟ އެކަމަކު ދޮގުސީދީގެ އަރިހު ސާހިބުންނަށް ރައްޔިތުންގެ ޚަޒާނާއިން،  ރައްޔިތުންގެ އެއްވެސް މީހެއްގެ ރުހުން ނުހޯދާ ދޮގުސީދީގެ މަޤާމާއި ނުފޫޒުން، ސާހިބުންގެ ގޭގޭ ބުރިބުރިއަށް އެޅުމަށް، 125 މިލިއަން ރުފިޔާގެ ފައިސާވަނީ ބަހާ ހުސްކޮށްލާފައެވެ. ދޮގުސީދީ އަށް ހީވަނީ މިއީ ދޮގުސިދީގެ އަމިއްލަ އައްޕަގެ 70 ނަންބަރު ފިހާރަ ވަތްގަޑުގައިހުރި ފައިސާކަމަށެވެ.

މި ސަހަރަށް އެރި ސުނާމީގެ ކާރިޘާގައި ޙާލުގައި ޖެހުނު މީހުންނަށް އެހީވުމަށް އެކިއެކި ކަރަކަރައިން ދިން ޑޮލަރުތައް ވީނުވީއެއް ނޭގުނެވެ. ނިކަމެތީންގެ ޙައްޤުތައް ހޯދުމަށް ދޮގުސީދީގެ އިދިކޮޅު ޕާރޓީއަކުން، މަސައްކަތްފެށިއެވެ. މި ގޮތަށް ރައްޔިތުންނަށް ޚިޔާނާތްތެރި ވެރިން ޕަކަޅާ ކޮށްލާ ޑޮލަރުތައް އަޅަނީ ކޮންވަށްޓަކަށް، ފޮށްޓަކަށްތޯ ބަލަމުންދާ ފާރަވެރިބަޔަކު ވިލާތުގައި އުޅެއެވެ. މިވެރިންގެ މަސައްކަތުން ދޮގުސީދީގެ  ދޮލަރުތައް އެޅި ކޮށާރުތަކުގެ މަޅުނަގާބެލިއިރު ކަމަކުދާކަށްނެތެވެ. ލަފާކުރެވޭ ގޮތުގައި މިކަހަލަ އެކިއެކި ކޮށާރަތަކުގައި ދޮގުސީދީގެ ނަމުގައި 80 މިލިއަން ޑޮލަރު ވަނީ ޖަމާކޮށްލާފައެވެ. މީގެތެރޭގައި ވީނުވީއެއް ނޭގުނު ގަޠަރުގެ އަމީރު ދެއްވި 40 މިލިއަން ޑޮލަރުވެސް ހުރިކަމަށް އެގިފައިވެއެވެ. އަދި މީގެ އިތުރުން ދޮގުސީދީގެ ބޮޑުޅިޔަނު މިސަހަރުގެ މަސްވެރިންގެ އަތުން ޕަކަޅާކޮށްލި 280 މިލިއަން ޑޮލަރާއި، ދޮގުސީދީގެ ހަށިފާރަވެރިންގެ މުއްލާ ބަރުބަރީއާއި ޙަވާލުކޮށްގެން ހިންގަމުން ގެންދިޔަ، އުދުހޭ އުޅަނދު ފަހަރު ހިންގާ ބަލަހައްޓާ ކުންފުނި ބަގުރޫޓްކޮށްލައިގެން ދަވާލި 69 މިލިއަން ޑޮލަރު ހުރީ ކޮންކޮށާރައެއްގައިތޯ މިހާރުދަނީ ބަލަމުންނެވެ.

ދޮގުސީދީ ބުނާ ގޮތުގައި ދޮގުސީދީގެ ހުރިހާ ވަގުތެއްވެސް ހުސްކޮށް ހުންނަނީ ގައުމުގެ ރައްޔިތުންގެ ޚިދުމަތުގައެވެ. ރަނިކަމަނާއަށް ވަގުތުކޮޅެއްވެސް ނުދޭކަމަށް އެ އިޢުތިރާފުވީތާއެވެ! އެހެންވީމާ، ގައުމުގެ ރައްޔިތުންގެ ހިތުގައި އުފެދުނު ސުވާލަކީ ސީދީގެ ކުދީން ތިބޭނެތޯ؟ ނުވަތަ ނޫންތޯ؟ މިސުވާލެވެ.

ކޮންމެ ފަސް އަހަރަކުން އެއްފަހަރު އަންނަ ބަޑިހުވާގެ ދުވަސް ކައިރިވުމުން، ރައްޔިތުންނަށް ހުވަފެންތައް ދައްކަން ފަށައެވެ. މި ދައްކާ ހުވަފެންތަކުގެ ތެރޭގައި، ރަށްރަށުގެ ފަޅުތެރޭގައި މިންތައްއަޅާ ކަޑަތައް ޖަހައެވެ. ބޭސްފަރުވަކުރާ ޞިއްހީ މަރުކަޒުފަދަ ނަންބޯޑްތައް ހަސްފަތާލުގެ ނަމަށް ބަދަލުވެއެވެ. ވޯޓްފޮށިތަކުގައި ތަފާތު ތަޅުތައްލާ ހުޅުވާ ލައްޕާ ހަދަން ދަސްކޮށްދިނުމާއި، އަދި ދެފުއްކެހެރި ޓޭޕް ފަތިގަޑުތަކުގައި ތަތްކޮށް ފޮށިފޮށީގެ ފުލުން ކުނި ނަގަން ދަސްކޮށްދިނުމަށްޓަކައި، ޚަޠީބުންނަށާއި ވާރުވެރިންނަށް މަސައްކަތު ބައްދަލުވުންތައް ބާއްވާ އިނާމުތައް ދީ ހަދައެވެ.

އަބަދުވެސް ދޮގުސީދީ ވެރިކަމަށް ހޮވެނީ ރައްޔިތުންގެ 98 ޕަސެންޓް ވޯޓުންނެވެ. މި ގައުމުގެ ރައްޔިތުންގެ ލިޔަން ކިޔަން ދަންނަ ނިސްބަތަކީވެސް 98 ޕަސެންޓެވެ. ރައްޔިތުންނަކީވެސް ވަރަށްމޮޅަށް ލިޔަންކިޔަން ދަންނަ ބަޔެކެވެ. ވޯޓްކަރުދާހުގައި ހުންނަ ހުރިހާ ކާފެއްވެސް ހުންނަނީ ވަރަށްއެއްގޮތަށެވެ. ދަސްކޮށްދިން އެދުރު މީހާއާއި އެއްވެސް ތަފާތެއް ނުހުރެއެވެ. ދަސްކޮށްދިން އެދުރުބޭބެ އަކީ ދޮގުސީދީގެ ވަރަށް ގާތްތިމާގެ މީހެއްކަމަށް ބުނެއެވެ. މީނާއަކީ ދެލިފައިބާ ގަލަމުގައި ރަގަޅަށް ހިފައިގެން ރަށްރަށުގެ ޚަޠީބުންނަށް ޚާއްޞަކޮށް ކުލައަލި ޒުވާންފުރައިގެ ޚަޠީބުންނާއި ވާރުގޭގައި މަސައްކަތްކުރާ މުއައްޒަފުންނަށް ލިޔަންކިޔަން ދަސްކޮށްދިނުމުގެ ރޮގުން 25 އަހަރު ދުވަހަށްވުރެ ގިނަދުވަހުގެ ތަޖްރިބާ ހޯދާފައިވާ މީހެކެވެ. އަދި ކޮންމެ އިންތިޚާބަކީވެސް ދޮގުސީދީ ގެ ބަހުރުވައިންނަމަ ވަރަށްވެސް އިންސާފުވެރި އިންތިޚާބެކެވެ. މިކަމުގެ ރީތި މިސާލަކީ ވޯޓްކަރުދާސްފޮތްތައް ހުރިގޮތަށް ފާހަގަ ޖަހާފަ ފޮށިތެރޭގައި ހުއްޓާ ފެންނަ ފެނުމެވެ. އިންތިޚާބު އިންސާފުވެރިވާނި ދެން މިހާވަރަށެވެ!

މިހާ ހިސާބަށް ކަންތައް ދިއުމުން ގައުމުދެކެ ލޯބިވާ ދަރިޔަކު ކިޔވައިގެން އައިސް މި ގައުމަށް ވާނުވާ ގޮތް ދިރާސާކޮށްލުމުން އޭނާއަށް ފެނުނު ކަންތައް ގައުމުގެ ދަރިންނަށް އެންގުމަށްޓަކައި، ސަންގު ފުމެއް ފެށުމުން ރައްޔިތުން އެއްވަންފެށިއެވެ. ރައްޔިތުންނަށް ވާނުވާ  އެގެންފެށީ އަދި އެހިސާބުންނެވެ. ކަމަކުދާކަންނެތެވެ. ގައުމުގެ ނިކަމެތި މަސްވެރިންގެ ލޭނާރުތައް ދޮގުސީދީގެ ޅިޔަނަކު ފުޑުފުޑު ކޮށްލި ޚަބަރު ހާމަވެއްޖެއެވެ. ދޮގުސީދީ ވަރަށް ގަޓް ހުރިކަމަށް ހެދިގެން ޅިޔަނަށް ދީފާއިވާ ހުރިހާކަމެއް މުލުން ލުހެލިއެވެ. ޅިޔަނު ކަލޭގެ ފޮށިތަންމަތި ހިފައިގެން ގައުމުން ފިލައިފިއެވެ. މި ޚަބަރު ރަނިކަމަނާގެ ކަންފަތައް އަރާފިއެވެ. ދޮގުސިދީ މެންދުރު ކެއުމަށް ގެއަށް އައުމުން ރަނިކަމަނާ ރުޅިއައިސްގެން ދޮގުސީދީ ފެންވަރުވާލީ މަސްވެރިންގެ ލެނާރުން ހަދާފައިވާ ދިޔައިންނެވެ. މިކަމާ ދޮގުސީދީ ބިރުން ހަލާކުވެއްޖެއެވެ. ޅިޔަނު ގައުމަށް ގެނެސްފިއެވެ. މުލުން ލުހެލި ކަންތައްތައް ހަވާލުކޮށްފިއެވެ. ނަމަވެސް ޅިޔަނު ހުރީ ބަދަލު ހިފުމުގެ ދަނޑިވަޅަކަށް ބަލަބަލައެވެ.

ދޮގުސީދީގެ ޅިޔަނު ގައުމުގެ ރައްޔިތުންގެ ޙާލު އަހުވާލު ބަލަން ރައްޔިތުންގެ ގާތަށް ވަރަށްގިނައިން ދަތުރު ފެށި އެވެ. 3 އަހަރުނުވަނީސް ރައްޔިތުންގެ ގިނަބަޔަކަށް ޅިޔަނު މާބޮޑަށް ރަގަޅު ވެއްޖެއެވެ. އެންމެ ފަހުން ދޮގުސީދީގެ ގޮޑި އަތުލުމުގެ މަސައްކަތް ޅިޔަނު ފަށާފިއެވެ. ރަށްރަށުން ސިހުރު ހާހޫރު ހަދާމީހުންނާއި ކަންވެރިންނާއި ފަންޑިތަވެރިންނަށް އެމީހުންގެ މަސައްކަތްތައް ހަވާލުކޮށްފިއެވެ. ދުވަސްކޮޅެއްނުވަނީސް ދޮގުސީދީއަށް އަނެއްކާވެސް ޅިޔަނުގެ  ހުރިހާކަމެއް ފަޅާ އަރާފިއެވެ. ދޮގުސީދީ ރުޅިއައިސްގެން ޅިޔަނުގެ އުކުޅުވަޅުގައި ތެޔޮދެމި މީހާއަށްދަންދެން ހޯދާ ޖަލަށްލާފިއެވެ. ޅިޔަނު ގައުމުން ބޭރުވީއެވެ. ދޮގުސީދީއަށް ކެތްކޮށްލެވުނީ ވަރަށް ކުޑަދުވަސްކޮޅަކުއެވެ. ރަނިކަމަނާގެ ޒީލަގަދަކަމުން ޅިޔަނު ގައުމަށް ނުގެނެސް ނުވިއެވެ. ޅިޔަނު ގައުމަށްގެނެސް ސަރީޢަތްކޮށް، ޅިޔަނަށް ދިން އެންމެ ބޮޑު އަދަބަކީ، 10 ދުވަހުގެ ރޯދަ ހިފަން ޖެއްސުމެވެ. ރޯދަހިފާ ނިމުމުން ޅިޔަނު އިހުހުރި ދަރަޖައަށް ދޮގުސީދީ ހަމަޖައްސާފިއެވެ. މިދުވަސްވަރު، ދޮގުސީދީ ގައުމުގެ ރައްޔިތުން ގޮބޯ ހައްދާލިއެވެ. "ބެޓަރ ޑިމޮކްރަސީ" ގެ ފަންޑިތައިން ދޮގުސިދީގެ އަވާގައި ރައްޔިތުން ޖެއްސިއެވެ. ޅިޔަނާއި ވާދަކޮށް ދޮގުސީދީ ގޮޑި ކާމިޔާބު ކުރިއެވެ. "ބެޓަރ ޑިމޮކްރަސީ" ރައްޔިތުންނަށް އެންމެ ފަހުން ވީ ބިޓަރ ޑިމޮކްރަސީ އަކަށެވެ.

މި ގައުމުގެ ވެރިޔަކަށްހުރި ދޮގުސީދީއަށް ގައުމުގެ ގިނަ ރައްޔިތުން ތަފާތު ނަންނަމުން ގޮވާ ހަދައެވެ. މި ގޮވެލި ތަކުގެ ތެރޭގައި "ގޮޅާބޯ"، "ބަޑިސީދީ" "ދޮގުސީދީ" ފަދަ ނަންނަން ފާހަގަވެއެވެ. "ބަޑިސީދީ" ކިޔަންފެށުނީ ގައިދުޚާނާގައި ބަންދުކޮށްފައިތިބި ރައްޔިތުންތަކަކަށް ވަރަށްވެސް އަނިޔާވެރިގޮތެއްގައި އަނިޔާކޮށް މަރާ، ޖައްވަށް، ހަވާއަށް، ފަޒާއަށް، ބަޑަށް އަދި ބޮލަށް ބަޑިޖަހަން ވެރިކަމުގައިހުރި ސީދީ އެންގުމަށްފަހުގައެވެ. އަދި މި އަމުރުކުރުމަށްފަހު ލޮލުންރޮމުން ހިތުންހެމުން، މުހިއްމު ޚަބަރެއްގެ ގޮތުގައި މުޅި ގައުމަށް ފެތުރިއެވެ. މި ކަން ތަޙުގީގުވެސް ކުރިއެވެ. "ގޮޅާބޯ" ކިޔަންފެށުނީ މި ގުދުރަތީ މުއްސަދިކަން ލިބިފައިވާ ގައުމުގެ ރީތި ގޮޑުދޮށްތަކާއި ފަޅުތައް އެކިމީހުންނަށް އެކިއަގުގައި، އެއްވެސް އިންސާފެއްނެތި ދީގެން ލިބޭ ގިނަފައިސާތައް ރައްޔިތުންކުރެން އެހުމެއް ކިޔުމެއް ނެތި ބައިތުލްމާލުން ނަގާ ތިމާގެ މީހުންނަށާއި، ކުދިކުދި ސާހިބުންނަށާއި، ބޮޑެތި ސާހިބުންނަށާއި ހުރިހާ އަޢުވާނުންނަށް ބަހާހުސްކުރަމުންދާތީއާއި، އަދި މިކަންކަން ފޫބެއްދުމަށް ކޮސްގޮވާލެއްވެސް ގިނަކަމުންނެވެ.

ބަޑިސީދީގެ އަނިޔާވެރިކަން އިތުރުވަމުންއައިސް ފާޅުކަން ބޮޑުގޮތެއްގައި ގައުމުގެ ރައްޔިތުންނަށް ފަޅާއަރާފައިވަނީ، 2003 ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެމެރިކާގެ ރައްޔިތުންނަށް ވެސް ބައެއްގެ އަނިޔާވެރިކަން އިޙްސާސްވީ ސެޕްޓެމްބަރު މަހެއްގެ ތެރޭގައެވެ. މި ދުވަސްވަރަކީ ދޮގުސީދީގެ ހުރިހާ ފަތިފުށެއް ރައްޔިތުންނަށް ހާމަވި ދުވަސްވަރެވެ. ގޮތްހުސްވެގެން ކިޔޭނުކިޔޭ އެއްޗެއް ނޭގޭ ހިސާބަށް ކަންތައް ހިނގައްޖެއެވެ. ޖައްވޭ، ހަވައޭ، ފަޒާއޭ ގޮވާފިއެވެ. އައި ރުޅީގައި މުގުރު އާދަނު ވެސް ބޮޑުބަޑޭރި ގެއިން ބޭރުކޮށްލައިފިއެވެ. ރައްޔިތުންގެ ރުޅި ދިޔައީ އިތުރު ވަމުންނެވެ. އެންމެފަހުން ގޮތްހުސްވެގެން މުގުރު އާދަނު ގެނެސް ބޮޑުބަޑޭރި ގެއަށް ވައްދާފިއެވެ. މަގުމަތީގައި އުޅޭ ރައްޔިތުން މައިތިރިކުރަން އަސޭމިރުސް ދުމާއި ކަރަންޓް މުގުރު ދީގެން އެކިއެކި ފޯސްތައް ނެރެ ރައްޔިތުން ރޯނާކޮށް ތަޅާ މަރަންފަށާފިއެވެ. މިވަރުންވެސް ރައްޔިތުންގެ ރުޅި މައިތިރިއެއްނުވިއެވެ. ބައެއް ރަށްރަށުން ދޮގުސީދީއަށް ހަމަލާވެސް އާދެއެވެ. މިގޮތުން މިހާތަނަށް ދުނިޔެދުށް އެންމެ މޮޅު އޮޕަރޭޝަނާއި ދޮގުސީދީއާއި ކުރިމަތިލާންޖެހުނީ ހޯރަފުށި ކިޔާ ރަށަކުންނެވެ. މި އޮޕަރޭޝަންގެ މޭސްތިރީގެ މޮޅުކަމަކީ، މަސްކަޑާ  ބާރަ އިންޗީގެ ވަޅިއަކުން، ދޮގުސީދީ ތުރުކުރައްވައިގެންހުރި ސުންދުސީ މޮޅުއުއިން ހަދާފައިވާ ގަމީހުގެ އެންމެ ހިމަރޮދިފަށް ކަޑާލުމަށްފަހު، އެއްމިލިއަން ބާރުގަދަ މައިކްރަސްކޯޕުން ބަލާލީމާ ނޫނީ ނުފެންނަވަރަށް، ދޮގުސީދީގެ ބަނޑުން ތެޔޮހަން ކަޑާލި މޮޅުކަމެވެ. މި ޒަމާނުގެ ރޮބަޓް ޓެކްނޮލޮޖީއަށް ވެސް މި ވަރުގެ މޮޅު އޮޕަރޭޝަނެއް ނުހިންގޭނެ ކަމަށްވެއެވެ. މި އޮޕަރޭޝަން ހިންގީ ރައްޔިތުންގެ ރުހުން ދޮގުސީދީ ހޯދުމުގެ ސިޔާސަތުގެ ދަށުންނެވެ. ނަމަވެސް މިކަން ކާމިޔާބެއް ނުވިއެވެ. މި އޮޕަރޭޝަން ހިންގުމަށް ދޮގު ސީދީ ގެ ދެވަނަ ފިރިހެންދަރި ޣައްދާރުއާއި، އަދި ދޮންރިހަ ޕާޓީގެ ޒުވާނުން މަގުފުރައްދާ ގޮފީގެ ވެރިޔާ މައްލޫނާއި، އަމީންދީދީ ދައުރު ސިލޯނަށް ސަރުކާރުގެ ޚަރަދުގައި ކިޔަވަންފޮނުވި، ޗާލުނަޔާ ސަލީމް(ސިލޯނުން ރާއްޖެ ފޮނުވާލީ ދޮގުސީދީގެ ބެސްޓް ފްރެންޑް ޙަމިއްޓެ އާއި އެކު ދެމީހުން ޖަގިޔާ ގޮށްޖެހިކަމަށް ސާބިތުވި މީހާގެ)ދަރި ދޮގުމުޅި އެރަށަށް އެއްދުވަސް ކުރިން ގޮސްގެންނެވެ.

މިވަރުންވެސް ރައްޔިތުންގެ ރުޅި ދިޔައީ އިތުރުވަމުންނެވެ. މިކަން މައިތިރިކުރުމަށް ކުރިން ވެސް ދޮގުސިދީ ބޭނުންކުރާ ހަތިޔާރު ބޭނުންކުރަންފެށިއެވެ. އެއީ ދީނެވެ. ދޮގުސީދީއަށް ކުރެވޭ ކޮންމެ ވިޔާނުދާ ކަމަކުން ރެކެނީ ދީން އައްޑަނައަކަށް ހަދައިގެންނެވެ. މިހެން އުޅެނިކޮށް މި ސަހަރުގައި މި ދޮގުސީދީއަށްވުރެން މޮޅު ދަންނަބޭކަލުން ތަކެއް އުފެދިއްޖެއެވެ. ދޮގުސީދީ މިކަމާ ކަންބޮޑުވެ، ދަންނަބޭކަލުންތައް މި ސަހަރުން ނެތިކޮށްލުމުގެ ސިޔާސަތުގެ ދަށުން ހުރަގެއަށްލާ ޗިލީސޯސް ޖަހައިގެން އެބޭކަލުންގެ ތުބުޅި ބާލުވަން ފަށާފިއެވެ. މި ދަންނަބޭކަލުން ދުޢާކުރަމުން ދިޔައީ، މި ދޮގުސީދީ(ރޯނުއެދުރު) ގެ ވެރިކަން ދަންނަބޭކަލުންގެ އަތްމަތީން ނެތިދިއުމަށެވެ. މި ދުޢާ ވަރަށް އަވަހަށް އިޖާބަކުރައްވާފިއެވެ. ދޮގުސިދީގެ އިދިކޮޅު މީހުންނަށް ރައްދު ދިނުމުގެ ގޮތުން ކިޔާއުޅެނީ މިތާ މިސީދީ ނެތިއްޔާ މިދީނެއްވެސް ނޯންނާނެއެވެ. ރައްޔިތުންވެސް ދޮގުސީދީގެ މި ބަސްގަބޫލްކުރެއެވެ.

އިދިކޮޅު ފަރާތް ތަކުން ބިތުފަންގެ ނަގަންފަށާފިއެވެ. ޙަޤީޤަތް ބެލިއިރު ކަމަކުދާކަށްނެތެވެ. ދޮގުސީދީގެ ނޯކަރުން ހިންގާ ހަސްފަތާލެއްގައި، ވިލާތުގެ ނަސޯރާ ދީންފަތުރާ ބަޔަކު ގެނެސްގެން ރައްޔިތުން ވާވައްދައިފިއެވެ. ނަސޯރާދީނުގެ ފޮތް ދިވެހިބަހަށް ތަރުޖަމާކުރީވެސް ދޮގުސީދީގެ ތަސްވީރުޖާނާއެވެ. މި ނަސޯރާދީން އެތެރެފުށުން ފަތުރަށް މަސައްކަތްކުރި ލީޑަރެއްގެ ޝަރަފް ވިލާތުގެރާނީގެ އަތްޕުޅުން ދޮގުސިދީ ހޯދިއެވެ. މިކަން ޖުމްހޫރީ މައިދާނުގައި ފާހަގަކުރިއެވެ. އަދި އިނގިރޭސި މަހުޖަނެއްގެ އަތުން ޑޮލަރުބޮޑިއެއް ކައްޅަންކޮށްލާފަ، ބުއްދާގެ ބޮޑުބުދެއް މިސަހަރަށްވަނީ އެތެރެކޮށްލާފައެވެ. މިހުރިހާކަމެއް ކޮށްފަވެސް އެހެންމީހުންނާ ދިމާލަށް މި ސީދީ ކާފަރުންނޭ ގޮވައެވެ. މިހެން އުޅެނިކޮށް މިއަށްވުރެބޮޑު ކާފަރެއް މި ސަހަރުގައި ނެތްކަމަށް ރައްޔިތުންނަށް ދޮގު ސީދީގެ އަމިއްލަ ބަހުރުވައިން ބޭޒާރުވެ ފަޅާއަރާފިއެވެ. މިކަމުގެ ފަތުވާ މި ސަހަރުގެ 44 ދަންނަބޭކަލުން ސޮއިކުރައްވާ ނެރުއްވާފިއެވެ. މި އަށްފަހު އިދިކޮޅު މީހުންނާއި ދިމާލަށް މި ވާހަކަ ދެއްކުން ހުއްޓާލާފިއެވެ. ދޮގުސީދީ ރަސްކަމަށް ކުރިމަތިލައިގެން ވޯޓްހޯދަން ރައްޔިތުންގެ ގާތަށް ދިޔުމަށްވަނީ މިހާރުވަނީ ނުކުޅެދިފައެވެ. ބިތުފަންގެ ނެގި ފަޅާއެރުމުން ދެން މިހާރު ކިޔާނެ ފަރިއްސެއްނެތެވެ. މިހާރު ކިޔާހާވެސް ބަންޖަކީ މަށެއްނޫނޭ. މަށެއްނޫނޭ!


1 comment:

Anonymous said...

maumoon is tghe best.what rubish ure talking. ure main aim is to spoil this country. nothing else.........idiots