Saturday 4 October 2008

ދިވެހި ރައްޔިތުންތިބީ ޣާފިލުކަމެއްގައި ނޫންކަމަށާއި، އެއްވެސް މީހަކު ވޯޓު ނުވިއްކާނޭކަމަށް ޤާސިމް ވިދާޅުވެއްޖެ

ރިޔާސީ ކެމްޕޭން ޚަބަރު


4 އޮކްޓޯބަރ2008

ވޯޓް ގަތުމަށް ޖުމްހޫރީ ޕާޓީން ޚަރަދު ކުރަމުންގެންދާ ކަމަށް ދައްކަވަމުން ގެންދަވާ ވާހަކަ ދޮގުކުރައްވައި، ވޯޓް ގަތުމަށް އެއްވެސް ފައިސާއެއް ޚަރަދުކޮށްފައި ނުވާނެ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގައި ތިބި ޖުމްހޫރީ ގުޅުމަށް ތާއީދު ކުރާ މީހުންނާ ބައްދަލުކޮށް ގާސިމް ވިދާޅުވީ ދިވެހި ރައްޔިތުންތިބީ އެފަދަ ޣާފިލުކަމެއްގައި ނޫންކަމަށާއި އެއްވެސް މީހަކު ދޭ ފައިސާއަކަށް އެއްވެސްމީހަކު ވޯޓް ވިއްކާ ނުލައްވާނެ ކަމަށެވެ.

ގާސިމް ވިދާޅުވީ އެކަމަށް ފައިސާ ޚަރަދުކުރަނީ ދައުލަތުން ކަމަށް ވިއަސް އަދި އަމިއްލަ ފަރުދެއްކަމަށް ވިއަސް އެކުރަނީ ވަރަށްބޮޑު ނުރަނގަޅުކަމެއް ކަމަށެވެ. އެކަން ކުރާބަޔަކު އެކުރަނީ ރައްޔިތުންނަށް މަގުއޮޅުވާލަން ކަމަށެވެ. "ޚަރަދުކުރާވާހަކަ ދައްކައި އެންމެން ވެސް އަޅުގަނޑުމެންގެ ބޮލުގައި ބަދުނާމު އަޅުވަނީ. އަޅުގަނޑުމެން ފައިސާ ޚަރަދުކުރަމުން ގެންދަނީ ކެންޕޭން އޮފީސްތައް ހުޅުވުމަށާއި އަދި ވެސް ކެމްޕޭނާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުމަށް. އެއީ ވެސް ނިސްބަތުން ކުޑައެއްޗެއް" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ބަޔަކު ފައިސާދިން ކަމުގައި ވިއަސް އެމީހަކު ވޯޓް ދޭނީ އެމީހަކަށް އެންމެ އެކަށޭނެ ބޭފުޅަކަށެވެ. ފައިސާގެ ދަހިވެތިކަމުގައި އެއްވެސް މީހަކު ވޯޓް ވިއްކައި ނުލާނެކަމަށް ތަކުރާރުކޮށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވޯޓް ދެއްވާއިރު, އަޅުގަނޑުމެންގެ ތެރޭގައި އޮތް އަނިޔާވެރިކަމުގެ ދުވަސް ފަހަނައަޅާފައިވާ ކަމަށާއި, އެވެރިކަން އަނބުރާ ގެނައުމަށް ދިވެހިރައްޔިތުން މަސައްކަތް ކޮށްގެން ނުވާނެ ކަމަށެވެ.

No comments: