Thursday 11 September 2008

ރައްޔިތުންނަށް ކުރިއަށް ދިއުމުގެ ފުރުޞަތު މިސަރުކާރަކުން ނުދެއްވާ - ގާސިމް

ދިމާވި ބައެއް ކަންތައްތަކާހެދި ރަނިންގމޭޓް މިރޭ އިޢްލާން ނުކުރައްވާނެކަމަށް ވިދާޅުވުމަށްފަހު، ޕާޓީގެ މެމްބަރުންނާއި، ޖުމްހޫރީ ގުޅުމުގެ މެމްބަރުންގެ ކިބައިން މަޢާފަށް އެދެމުން، ވަރަށް އަވަސް ފުރުޞަތެއްގައި ރަނިންމޭޓް އިޢްލާން ކުރައްވާނެކަމަށް ޤާސިމް އިބްރާހިމް ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ޖަލްސާގައި ވިދާޅުވިއެވެ.



ޤާސިމް އިބްރާހިމްގެ ވާހަކަފުޅުގައި އަމިއްލަފުޅު ވިޔަފާރީގައި އެމަނިކުފާނު ކުރިއަރައިދިޔަގޮތް އަދި އެކަމުގައި އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންނެވި ހުރަސްތައް ކިޔާ ދެއްވިއެވެ. އިދިކޮޅު ބައެއް ފަރާތްތަކުން ދައްކަވަމުންދާ ޙަޤީޤަތާއި ޚިލާފް ވާހަކަފުޅުތައް ދޮގުކުރެއްވައި، ޒާތީ ދިރިއުޅުއްވުމުގެ ވާހަކަފުޅުތައްވެސް ޙިއްސާކުރެއްވިއެވެ. "ތަޢުލީމަށް އަޅުގަނޑު ޚަރަދުކުރަނީ، އެފަދަ ކުދިން ކިޔަވަން މާލެއައިސް އުޅެމުންދިޔަ ދަތިޙާލު އަޅުގަނޑުގެ ލޮލުންދެކި، ހިތަށް ކެތްނުކުރެވިގެން. މާތްﷲ ގެ ހެޔޮ ރަޙްމަތްފުޅުން އަޅުގަނޑަށް މާތްﷲ ދެއްވާފައިވާ ތަނަވަސްކަމުން ވާވަރުންނާއި ނުވާވަރުން އަޅުގަނޑު މިގެންދަނީ ރައްޔިތުންނަށް އެހީތެރިވަމުން. އެކަންވެސް ބަޔަކުމީހުން މާނަކުރަނީ ނުބައިގޮތަށް" ޤާސިމް ވިދާޅުވިއެވެ. ބައެއް ވިޔަފާރިތައް ފެށުމުގައި ސަރުކާރުން ކުރިމަތިކުރި ހުރަސްތައް ހާމަކޮށްދެއްވަމުން ޤާސިމް ވިދާޅުވީ ރައްޔިތުންނަށް ކުރިއަށް ދިއުމުގެ ފުރުޞަތު މިސަރުކާރަކުން ނުދެއްވާކަމަށެވެ. މިގޮތުން މިސާލު ޖައްސަވަމުން ވިދާޅުވީ މީގެ 18 ވަރަކަށް އަހަރު ކުރިން ލ. އަތޮޅުގައި ބޮޑު ހޮސްޕިޓަލެއް އަޅަން ކުރި މަސައްކަތަށްވެސް ސަރުކާރުން ހުރަސް އެޅިކަމަށެވެ.

ޤާސިމްގެ ވާހަކަފުޅު ނިންމަވާލެއްވީ، ޖުމްހޫރީ ޕާޓީއާއި، ޖުމްހޫރީ ގުޅުމުން ނެރެފައިވާ ރިޔާސީ ކެންޑިޑޭޓްކަމަށްވާ ޤާސިމް އިބްރާހިމްއަށް، އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓްދެއްވުމަށް އެދިވަޑައިގަންނަވަމުންނެވެ.

ތައާރަފަށްފަހު ޖަލްސާގައި ޕާޓީގެ ނައިބު ރައީސް މުއިއްޒު ވާހަކަ ދައްކަވަމުން  ވިދާޅުވީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ބެލިނަމަވެސް އަދި ތަޢުލީމީ ދާއިރާއަށް ބެއްޔަސް މިއަދުގެ ސަރުކާރު މިވަނީ ފެއިލްވެފައިކަމަށެވެ. މިހުރިހާ ކަމަކަށް މިއަދު ޙައްލު ގެނެވެން އޮތީ ޤާސިމް އިބްރާހިމްގެ ވެރިކަމެއް ގާއިމު ކުރެވި، ރައްޔިތުން އެދޭ ބަދަލުތައް ގެނެވިގެންނެވެ. މީގެ އިތުރުން އިސްލާމްދީނަށް މައުމޫން ގޮންޖައްސަވަމުންދާ މައްސަލައާއި، މަސްތުވާތަކެތީގެ ވަބާގައިޖެހި ޤައުމުގެ ޒުވާނުން ވަނީ ހަލާކުވެފައިވާކަމަށާއި، މިހުރިހާ މައްސަލައަކަށް ޙައްލު  ޖުމްހޫރީ ޕާޓީގެ ސަރުކާރަކުން ހައްލު ހޯދައިދެވޭނެކަމަށްވެސް ވިދާޅުވިއެވެ.

މޯލްޑިވިއަން ނެޝަނަލް ކޮންގްރެސްގެ ވަގުތީ ރައީސް މުޙައްމަދު ނަޢީމް (މޮނާޒާ ނަޢީމް) ވިދާޅުވީ ޖުމްހޫރީ ގުޅުމުން ނެރޭ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމްގެ ރިޔާސަތުގައި ރާއްޖޭގައި ގެއްލިފައިމިއޮތް އިސްލާމީ ވަހުދަތު އަލުންއަނބުރާ ގެނެސްދޭނެ ކަމަށް ނަޢީމް ވިދާޅުވި. ސުނާމީގައި ގެދޮރު ގެއްލިފައިތި އެންމެންނަން މަދުވެގެން އަހަރުދުވަހުގެ ތެރޭގައި ބޯހިޔާވަހިކަން ހޯދާދެއްވާނެކަމަށެވެ.

އަދާލަތު ޕާޓީގެ ޑރ. ބާރީ ވިދާޅުވީ ދީނުގައި ކަނޑައެޅިގެންވާ ހުކުމްތަކާ ދެކޮޅަށް ރައީސް މައުމޫން ވާހަކަ ފުޅުދައްކަވާފައިވާކަށެވެ. އަދި އޭނާ ވިދާޅުވީ މިހާރު ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވި މައުމޫނު އަބްދުލް ޤައްޔޫމަށް ވޯޓުދެއްވުމަކީ ޝަރުއީ ހަމަތަކުން ބަލާނަމަ ދީން ހުއްދަކުރާ ކަމެއްނޫންކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ވަގުތީ ލީޑަރުކަން އަދާކުރެއްވި ޕާޓީގެ މިހާރުގެ ނައިބު ރައީސް ރ.އަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޝަހީދު ޒަކީވެސް ވިދާޅުވީ ގާސިމް އިބްރާހިމަކީ ހަޔާތުގައި ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައިވާ ތަޖުރިބާކާރު މޮޅު ބޭފުޅެއްކަމެވެ. އަދި، ރާއްޖޭގެ ރައީސްކަމަށް ގާސިމަކީ ވަރަށް ގާބިލު ބޭފުޅެއް ކަމަށާއި ގާސިމަށް ވޯޓު ދެއްވުމަށް ރައްޔިތުންނަށް ގޮވާލެއްވިއެވެ.

No comments: