Wednesday 17 September 2008

ދެކެން ބޭނުންވަނީ އެހެން ދުވަހެކެވެ

 ރައްޔިތުންގެ އަޑު


17 ސެޕްޓެންބަރ 2008

ޤައުމެއްގެ ތާރީޚާއި އަމިއްލަ ތަޖުރިބާއަކީ މޫނުބަލާ ލޯގަނޑެއްފަދަ އެއްޗެކެވެ. މުސްތަގްބަލުގެ ދުރުމީއިން ފެންނަ މަންޒަރުތަކާއި، ކުރެވޭ އުންމީދުތަކުގައި ކުލަޖައްސައިލުމަށް އަތަށް ލިބިފައިވާ ކުލަފޮށްޓެއްފަދަ އެއްޗެކެވެ. ދިވެހިތާރީޚުގެ ފަތްފުށްތަކަށް ދިރާސާކުރުމުގެ ނަޒަރަކުންބަލައި، ވިސްނައިލުމުން ވަރަށް ޚާއްޞަކަމެއް ދޭހަވެއެވެ. އެއީ އިސްވެދިޔަ ޒަމާންތަކުގައި ރާއްޖޭގެ އަތޮޅުތަކުގެ ރައްޔިތުންގެ އަތުން ނަގަމުންއައި "ވާރުދުރޯ" ލުއިކޮށްދެއްވުމާއި، ރަށްރަށުގައި އަލަށް މިސްކިތްތައް އަޅުއްވައިދެއްވުމާއި، ވެރިކަމުގެ ފަރާތުން ރާއްޖޭގައި އަލަށް ތަޢުލީމުދޭން ފެށްޓެވުމާއި، އަމިއްލަމީހުންގެ އުޅަނދުފަހަރު ރާއްޖެއިން ބޭރަށް ގޮސްއައިސް ވުމުގެ މިނިވަންކަމާއި، ދިވެހީންނާއިބިދޭސީންނާއި ދެމެދުގައިކުރެވޭ ވިޔަފާރީގައި "ޙާސިލެއް މާޞިލެއް" (ޓެކުހެއް ޑިއުޓީއެއް) ނެގުމެއްނެތި މުޅި ޤައުމުގައި ތަނަވަސްކަން ޢާންމުކޮށްދެއްވުންފަދަ ރައްޔިތުންނަށް ލާބަހުރި ގިނަކަންތައްތަކެއް އަލަށް ފަށްޓަވާފައިވަނީ ރާއްޖޭގެ އަތޮޅުތަކަށް ނިސްބަތްވާ މަދު ޢަދަދެއްގެ ރަސްރަސްކަލުންކަމެވެ.

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް މިއަދުމިވަނީ ވަރަށް ބޮޑު ބަދަލުތަކެއް ގެނެވިފައެވެ. މިބަދަލުތަކަށްޓަކައި މަދުބަޔަކު މާކުރިންފެށިމަސައްކަތް އެކަމުގެ ޙަޤީގަތް ހާމަވަމުން ދިޔަދިޔަހެން ފުޅާވަމުން އިތުރުވަމުންގޮސް މިއަދު މިވަނީ ތުރާކުނާ އައްޑުއާއިދެމެދު ފުރިބާރުވެ އުތުރިއަރާފައެވެ. މިދުވަސްގެނައުމުގެ އުންމީދުގައި މަސައްކަތްކުރި އެތައްބަޔަކަށް ލިބިފައިވާ ނުޙައްޤު އަނިޔާތަކުގެމަތިން ހަދާންކޮށްލިޔަސް "ގައިން ހީބިހިނަގައެވެ".

އިސްލާޙަށް މަސައްކަތް ކުރުމަކީ ހަމައެކަނި ދެކޮޅުވެރިކަން ފާޅުކުރުމެއްނޫނެވެ. ހިތައް އައިހައިކަމެއްކުރުމެއްވެސް ނޫނެވެ. ގިނަބައެއްގެ ބައިވެރިވުން ހިމެނޭ ކަމެއްގައި އެންމެންގެ ހިއްސާ އެއްވަރުވުމަކީ ފިތުރަތާއި ޚިލާފުކަމެކެވެ. އަމުދުން ސިޔާސީކަމެއްގައި އެންމެންގެ ފިކުރު އެއްގޮތްނުވާނެކަން ތާރީޚަށްޓަކައި މިއަދު މިހިރަ ސާބިތުވަމުންދަނީއެވެ. އެތައް ކަންތައްތަކެއް އެތައްގޮތަކަށް ހިނގައި ނިމިފައިވުމަކީ ގިނަބައެއްގެ މެދުގައި މިހާރު ޚިޔާލުތަފާތުވުމުގެ ސަބަބަކަށް ވެދާނެއެވެ. ކަމަކާއިމެދު އެންމެންނަށް އެއްގަލަކަށް ނޭރެވެނީ މައްސަލައަށްވުރެބޮޑަށް މީހާއަށް އިސްކަންދެވޭތީއެވެ. "ބުނާމީހަކަށް ނުބަލާށޭ، ބުނާ އެއްޗަކަށް ބަލާށޭ" ހަރުބަހުގައި ބުނެފައިވަނީ މިގޮތް ދިމާވާތީއެވެ.

ޤާނޫނު އަސާސީ މިވަގުތައް އިސްލާޙުކޮށް ނިމުނީއެވެ. ރައްޔިތުން ބޭނުންވިގޮތަށް ގިނަކަންތައްތަކެއް ބަދަލުކުރުމަށްފަހުގައެވެ. ދިވެހިންގެ ގިނަބަޔަކުބޭނުންވަނީ މިޤައުމަށް ބަދަލެއްގެނައުމަށެވެ. މަރުޙޫމް ނައިފަރު ދޮހޮއްކޮގެ އިބާރާތުންނަމަ " ބޭނުންވަނީ އެހެން ދުވަހެއް ދެކޭށެވެ." ހެޔޮބަދަލަކަށް ވާނީ ތިމާ ނުދަރައި ކައިބޮއި، އުނުއޮރިޔާން ނިވައިކޮށްގެން އުޅެވޭނެގޮތަކާއި، ބޯހިޔާވަހިކަމާއި، ފުރިހަމަ ސިއްޙަތާއި އެކަށީގެންވާ ތަޢުލީމުގެ ފުރުސަތު އެންމެންނަށް ޢާންމުވާ ބަދަލެކެވ. މިއަސާސީ ބޭނުންތަކަށް ބަލާއިރު ދިވެހިންނަކީ އިތިއޯޕިޔާފަދަ ބަނޑުހައިހޫނުކަން އިޙްސާސްކުރާ ޤައުމެއްނޫނެވެ. ހުސްފޮށިގަނޑާއި އަތްގާޑިޔާފަދަ އެއްޗެތީގެ ދަށުގައި ޢުމުރުހޭދަކުރާ ޤައުމެއްނޫނެވެ. ދިވެހިންގެ ފަހުގެ މާޒީއަށް ބަލާނަމަ ނިކަމެތި ރައްޔިތުންގެ ސިއްޙީފަރުވާއަށާއި، ތަޢުލީމާއި ބޯހިޔާވަހިކަމަށް އެންމެބޮޑަށް ހޭދަކޮށްފައިވާ އެއްފަރުދަކީ މ. މާފަންނުވިލާ އަލްފާޟިލް ޤާސިމް އިބްރާހީމެވެ.

ޤާސިމް އިބްރާހީމްއަކީ އާދައިގެ ރަށަކަށް އުފަންވެ އާދައިގެ ދިރިއުޅުމަކުން މަހުޖަނަކަށް ބަދަލުވި ދިވެހިންގެ ސާހިބެކެވެ. ސިޔާސީގޮތުން ބަލާނަމަ އައު ޤާނޫންއަސާސީ ވުޖޫދަށް ގެނައުމުގެ މޭސްތިރިންގެ ތެރެއިން އެކެކެވެ.އެކަމެއްގެ ވަގުތުގައި "އެކްޝަން ނެންގެވުމުގެ ގަޓްސްހުރި" ދިވެއްސެކެވެ. ތިމާޔަށް ލިބިފައިވާ ތަނަވަސްކަމުން ފުދުންތެރިންނަށާއި ނުފުދުންތެރިންނަށް އެހީތެރިކަންފޯރުކޮށްދޭ މަދަދުގާރެކެވެ. ތިމާ "ރިސްކުނަގައިގެން" ތިމާގެ ދާއޮހޮރުވައިގެން ތިމާއަށް ތަނަވަސްކަންހޯދައި އެހެން މީހުންގެ ބޭނުންތަކަށް "ޝަރުތެއްނެތި" މިހާތަނަށް ހޭދަކުރި ހޭދަކުރުމަކީ ދުނިޔޭގެ ތާރީޚުގައިވެސް މަދުންނޫނީ ފެންނަންނެތް ކަންތައްތަކެވެ. ދިވެހިރާއްޖޭގެ ފަހުގެ ތާރީޚަށް ބަލާއިރު ސަރުކާރާއި ނުބައްދަލު މުއްސަދިން އުފެދިނިމި ގޮއްސައިވެއެވެ. ޒަމާނާއި ޙާލަތުގެ ނިސްބަތުން ބެލިޔަސް ޤާސިމް އިބްރާހިމް މިހާތަނަށް ދެއްކެވި ދީލަތިކަން އެހެން ދިވެއްސަކަށް އަދި ދެއްކިފައެއްނުވެއެވެ. ކޮންމެގޮތަކަށް މާނަކުރިކަމުގައިވިޔަސް އެހެންމީހަކަށް ތިމާގެ އަތުން އެއްޗެއްދިނުމަކީ ހިތްނުކުޅެދޭކަމެއްކަމުގައިވާނަމަ އެކަމުގެ މަތީގައި އަބަދުދެމިހުރުމަކީ އިންސާނާގެ ފިތުރަތާއި ޚިލާފުކަމެކެވެ. އޭނަޔަކީ މުއްސަނދި ޝާހީ ދިރިއުޅުމަކަށްވުރެ ބޮޑަށް ޒިންމާދާރު ސާދާދިރިއުޅުއްވުމަކަށް ލޯބިކުރައްވާ ބޭފުޅެއްކަން ވިސްނާލި ކޮންމެމީހަކަށް އެނގޭނެއެވެ. އޭނާގެ ވިޔަފާރިކުންފުނިތަކަކީ ސުމަކުން ފަށައިގެން މިޤައުމުގެ އިޤްތިސާދުގައި ބޮޑެތި ކުރިއެރުންތަކެއްހޯދަމުން އަންނަ ރާއްޖޭގެ އެންމެގިނަ ޢާންމުންނަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދީފައިވާ ކާމިޔާބު ކުންފުނިތަކެކެވެ. މިޙަޤީގަތްތަކުގެ މައްޗަށް ބަލައި ކުރިޔަށް ލަފާކުރާނަމަ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އަލްފާޟިލް ޤާސިމް އިބްރާހީމް އެ ވިދާޅުވާފަދައިން މިޤައުމުގެ ހުރިހާ ދަރިންނަށް ހިނިތުންވުމާއި އުފާވެރިކަން ގެނެސްދެއްވުމަކީ އެޕާޓީގެ ސަރުކާރެއްގައި ކުރެއްވިދާނެކަމެކެވެ.

ޤާސިމް އިބްރާހީމަކީ އިގްތިސާދީމަސައްކަތްތައް ހިންގުމުގެ ހުނަރުހުރި ތަޖުރިބާކާރެކެވެ. ދެމެހެއްޓެނިވި ތަރައްޤީގެ ރޮނގުން ޕީ.އެޗް.ޑީ ޙާސިލްކުރައްވާފައިވާ ޑޮކްޓަރ ޝިމާދު ވިދާޅުވާގޮތުގައި ދިވެހިރާއްޖެއަކީ "އަތްޖައްސަން ނުލިބޭ ލޮލަށް އަދި ނުފެންނަ" އިޤްތިސާދީ ވަސީލަތްތަކެއް ގިނައިން ލިބެންހުރި މާއްދީގޮތުން ވަރަށްބޮޑު ކުރިއެރުންތަކެއް ހޯދިދާނެ ޤައުމެކެވެ. މިހާރު ބޭނުންވަނީ އެވަސީލަތްތައް ނެރެދައްކައި އެންމެ އާދައިގެ ރައްޔިތުންނާ ހަމަޔަށްވެސް ފޯރުކޮށްދޭނެ އިޚްލާސްތެރި ވެރިއެކެވެ. މިޤައުމު ބޭރަށް ދަރާފައިވާ ދަރަނިތަކުން އަންނަންއޮތް ޖީލު ސަލާމަތްކޮށްދޭނެ އިޤްތިސާދީ މާހިރެކެވެ.

ދިވެހިޤައުމު އުފެއްދި އެންމެ އަގުހުރި ބަތޮލް ބޮޑުތަކުރުފާނު ވިދާޅުވަފެއިވަނީ "މީހަކުމީހަކަށްވާނީ އެހެންމީހުން އެމީހާ މީހަކަށް ހެދީމައެވެ." މިފަދައިންނެވެ. މިކަން ހަޤީގަތެއްގެ ގޮތުގައި ދިވެހިން މިދެކެނީއެވެ. އަހަރެމެން ބަލައިގެންފިނަމަ މިވަގުތަށް މިޤައުމަށް ބޭނުންވާ އިސްލާޙީބަދަލުތައް ގެނައުމަށް އެންމެ އެކަށޭނަ ޤާބިލްކަންހުރި ފަރުދުންގެ ތެރޭގައި ޤާސިމް އިބްރާހީމް ހިމެނެއެވެ. މާދަމާއަށްޓަކައި "އިސްކަންދަރު ރަސްގެފާނަކަށް" ވެވޭނެމީހަކު ޤާސިމް އިބްރާހީމްނޫނީ އަދި ފެންނާކަށް ނެތެވެ. ޤައުމަށް ބޭނުންވަނީ ޙާލަތު ބަދަލުކޮށްދޭނެ ވެރިއެކެވެ. އެމީހަކީ ކޮންމެހެން މާމަތީ ފާހެއްއޮތް އެންމެމޮޅު ވާހަކަދެއްކުންތެރިޔާކަމަށް ވުމަކީ ލާޒިމްކަމެއްނޫނެވެ.

No comments: