Saturday 13 September 2008

ޙަޤީޤަތަކީ ފޮރުވޭނެ އެއްޗެއް ނޫނެވެ. އައްޑު އަތޮޅުގެ ރައްޔިތުން މިކަމަށް ހެކިވާށެވެ.

ރައްޔިތުންގެ އަޑު


އަޅުގަނޑު މިފަހަރު މިދަންނަވާ ވާހަކަތަކަކީ ޙަޤީޤަތުގެ މައްޗަށް ބިނާވެފައިވާ ތެދު ވާހަކަތަކެކެވެ. އަޅުގަނޑަކީ ކުރީގައި މައުމޫނު ޢަބްދުލް ޤައްޔޫމް އަށް ވަރަށް ތާއީދު ކުރި އައްޑު އަތޮޅުގެ ދަރިޔަކީމެވެ. މިގޮތުން މައުމޫނުގެ ވެރިކަމުގެ 25 އަހަރު އައްޑު އަތޮޅު ރައްޔިތުންނަށް ދައްކަމުން އައި ކުލަ ހުވަފެނެއް ޙަޤީޤަތަކަށް ހައްދަވާ ދެއްވާތޯ މަސައްކަތް ކުރިމީހަކީމެވެ. އެހެނަސް މިކަން ދިމާވިގޮތަކީ ކޮބައިތޯއެވެ؟ އެމަނިކުފާނުގެ ހިތުގައި އެއްވެސް ގޮތަކަށް މިހުވަފެން ޙަޤީޤަތަކަށް ހައްދަވައި ދެއްވުމުގެ އެއްވެސް އެދުންފުޅެއް ނެތެވެ. މިކަން އަޅުގަނޑަށް ކަށަވަރުވީ، އޮނަރަބްލަ ޑޮކްޓަރ މަޙްމޫދު ޝައުޤީ ޓޫރިޒަމް މިނިސްޓަރުކަމާއި ޙަވާލުވެ ވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނު އަމިއްލަފުޅަށް އިސްނަންގަވައިގެން އައްޑު އަތޮޅުގެ ރައްޔިތުންގެ ޒަމާންވީ ހުވަފެން ޙަޤީޤަތަކަށް ހެއްދެވުމަށް ކުރެއްވި ބުރަ މަސައްކަތަށް ކުރިމަތިކުރި ހުރަސްތަކުގެ ސަބަބުންނެވެ.

މިގޮތުން އައްޑު އަތޮޅު ހެރެތެރެ ފުރަތަމަ ބީލަމަށް ހުޅުވާލެއްވީ 3 ބަޔަކަށް ބައިކުރައްވައިގެންނެވެ. މިގޮތުން ބިޑްކުރެވި، ބިޑްބަލައިގަނެ، ބިޑް އެވޯރޑް ކުރުމަށް ޓަކާ ސްޓެލްކޯގެ ޖަލްސާ ކުރާ މާލަމަށް ހުރިހާ ބިޑަރުން އެއްކުރައްވާފައި ވަނިކޮށް މައުމޫނުގެ އޯޑަރު އަންނަނީ ބިޑް ނަލިފައި ކުރުމަށެވެ. ނުވަތަ ކެންސަލް ކުރުމަށެވެ. މިކަމުގެ ސަބަބުން އެދުވަހު ޑޮކްޓަރ ޝައުޤީ އަށް ނުހަނު މާޔޫސްކަން ކުރިމަތިވިއެވެ. މިއީ އަޅުގަނޑުގެ ލޮލުން ދުށް މަންޒަރެކެވެ. ވީކިހިނެތްތޯ ބެލިއިރު މިވާގޮތަކީ އެ 3 ބައި ބިޑްކޮށްގެން ސަރުކާރާއި އިދިކޮޅު ފަރާތަކަށް ހިގައްޖެނަމަ އައްޑު އަތޮޅުގައި މައުމޫނުގެ ތާއިދު ދަށް ވެދާނެކަމުގެ ލަފާ އެޓަރނީޖެނެރަލް މައުމޫނަށް އެރުވީއެވެ. އެހިސާބުން ބިޑްތައް ކެންސަލްކުރުމަށް ފަހު އެންގެވީ ޑީ.އާރް.ޕީ. ގެ ބަޔެއް ބޭފުޅުންގެ ޙިއްޞާ ހިމެނޭގޮތަށް ކޮންސޯރޓިއަމްއެއް ހަދާ އެކުންފުނީގެ ދަށުން ހެރެތެރެ ހެދުމަށެވެ. އޭރުން ހެރެތެރެ އަކީ ޑީ.އާރް.ޕީ.ގެ ސިޔާސީ ޙަރަކާތްތައް ހިންގާ ފައިސާ ހޯދޭނެ ތަނަކަށް ހެދޭނެއެވެ. ނަމަވެސް ޑޮކްޓަރ ޝައުޤީ އަކީ އެއަށް ވުރެ ޢަޒުމް ވަރުގަދަ ކެރޭ ބޭފުޅެއްކަމުން އެމަނިކުފާނު މައުމޫނަށް ދެންނެވީ ތިޔަ ގޮތަށް ކޮންސޯޓިއަމް އެއް ހަދަން ތިމެންނާ އެއްބަހެއްނުވާނަމޭ އަދި އެހެން ހަދަން ވެއްޖެނަމަ ތިމަންނާ މިމަޤާމަކު ވެސް ނުހުންނަވާނަމެވެ. ތިމެންނާ އެއްބަސް ވެދާނަމޭ ދިވެހިރައްޔަތުންނާ ސަރުކާރާ ޙިއްޞާވާ ކުންފުންޏެއް ހަދަން. އެހިސާބުން ދެން އެހެން ގޮތެއްނެތިގެން މައުމޫނު މިބުނީ އާއެކޭ ތިޔަގޮތްވެސް އެންމެ ރަގަޅެވެ.

 

މައުމޫނު ހިތުން އެގޮތަށް އެއްބަސްވީ ވެސް އެރަށް އަވަހަށް ތަރައްޤީ ނުވާނެ ކަމުގައެވެ. އެހެނަސް ޑޮކްޓަރ ޝައުޤީ އެމަނިކުފާނުގެ ޙިކުމަތު ޢަމަލީ ބޭނުންފުޅުކުރައްވައިގެން އެމްޓީޑީސީ އުފައްދަވާ އެކުންފުންޏަށް ޤާބިލް، ކަންކުރެވޭނެ މީހުން އިސްކުރައްވާ ކުރެއްވެވި ބުރަމަސައްކަތުގެ ނަތީޖާ މިހާރު ތިޔަ އަތޮޅުގައި ފެންނަން އެއޮތީއެވެ. އެއީ އެއްވެސް ޙާލެއްގައި މައުމޫނު ހެވެއް އެދިގެން އައްޑު އަތޮޅުގެ ރައްޔިތުންނަށް ކޮށްދެއްވި ކަމެއްނޫނެވެ. މިއީ ކެރިހުރެ ދަންނަވާ ޙަޤީޤަތެކެވެ. ހެރެތެރެ ނިމި ހުޅުވިގެން ދިޔައިރު ވެސް މައުމޫނަށް އެރަށާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައެއްނުވެއެވެ. އެއީ ކީއްވެގެންތޯއެވެ. އެކަމަށް މައުމޫނުގެ ޝައުޤު ވެރިކަމެއްނެތުމުން އެވާހަކަ ނުވެސް އަހަނީއެވެ. އަޅުގަނޑު ވަރަށް ރަގަޅަށް ހަނދާންވާ ގޮތުގައި ހެރެތެރެ ހަދަމުން އައި ދުވަސްވަރު މައުމޫނު އައްޑު އަތޮޅަށް ކުރި ދަތުރެއްގައި ހެރެތެރެ އާއި ވިލިނގިލީގެ މަސައްކަތް ބަލާލުމަށް ވަޑައިގަންނަވަން ދެންނެވީމާ އެކަމަށް ވެސް ފުރަތަމަ ކުރެއްވީ އިންކާރެވެ. އެހެނަސް ސިޔާސީގޮތުން ނުކޮށް ނުވާނެކަމަށް ފަހުން ޤަބޫލުކުރެވިގެން އެދެރަށް ބަލާލަން އެދުވަހު ދިޔައެވެ. 

މިއީ ތިޔަ މައުމޫނުގެ ހިތުގައި އައްޑު އަތޮޅު ރައްޔިތުންނަށް ޓަކާ އޮތް ލޯބީގެ ދާސްތާނުގެ ކުޑަ ކަންފުޅެކެވެ. ވިލިގިލި ވެސް ޙަޤީޤަތުގައި ހެދުނަނުދީ ހިފަހައްޓައިގެން ހުރި މީހަކީ މައުމޫނެވެ. އެހެނަސް ޝައުޤީ އެވަނީ އައްޑުއަތޮޅުގެ ރައްޔިތުންގެ މިހުވަފެން ޙަޤީޤަތަކަށް ހައްދަވާ ދެއްވާފައެވެ. ވިލިގިލީގެ މައްސަލާގައި ވެސް ޑޮކްޓަރ ޝައުޤީ ޝަންގްރިއްލާ މީހުންނާއި ނުގުޅާ ދުވަހެއް މަސައްކަތް ހިނގާ ނުހިގާ ގޮތް ނުބައްލަވާ ދުވަހެއް އިރުއަރައި ނުއޮއްސޭނެޔޭ ދަންނަވާލަމެވެ. މަހަކު ދެ ދަތުރު 3 ދަތުރު އައްޑު އަތޮޅަށް ކުރެއްވެވިއެވެ. މިކަމުގެ ޙަޤީޤަތް އެގޭނެ ވަރަށް ގިނަ އައްޑު އަތޮޅުގެ ދަރިން ތިބޭނެއެވެ. މިހެންކަމުން މައުމޫނަށް އަލުން މިދިވެހި ފަސްގަނޑުގެ ވެރިކަން ޙަވާލުކޮށްގެން އަޅުގަނޑުމެންގެ ދަރިންގެ މުސްތަޤްބަލް އޮޔާ ދުއްވާލަން އަޅުގަނޑަށް ޤަބޫލު ނުކުރެވުނީއެވެ. އަދިވެސް އިތުރު ޙަޤީޤަތްތައް އެހެންލިޔުމެއްގައި  ގެނަސްދޭނަމެވެ.

No comments: