Wednesday 17 September 2008

ނައިފަރުގެ ޒުވާނުންނަށް ފޮނުވާ ހާއްސަ މެސެޖް

ރައްޔިތުންގެ އަޑު


ޒައީމު އަށްމިފަހަރު ނައިފަރުން ތިޔަކީ ހާދަހާވާ ވަރުގަދަ މަރުހަބާއެއްތާއެވެ. ކަންވާނީވެސް އެހެންނެވެ. ތީމުގެއިން ބަހާތަށިބަރި އެންމެ ގިނައިންލިބޭ ރަށަކަށް ނައިފަރު ވާތީއެވެ. ޢަބްދުﷲ ހަމީދު އަންހެނުންގެ އާއިލާގެ ބައެއްވެސް ނައިފަރުގަ އުޅޭތީއެވެ.

އޭ ތިޔަތިބެ އުޅޭޒުވާނުންނޭ!!!! ނިކަން ހޭވެރިކަން ވެބަލާށެވެ. ތިޔަޒައީމުގެ މޮޅުކަމުން ކަލޭމެން ކުދިންނަށް އަޅެވީ ކޮންފައިދާއެއް ހެއްޔެވެ. ކަލޭމެން ކުދިންގެ ތެރޭގައި ގިނައީ ގްރޭޑް 7 އިން ފާސްނުވެގެން މަދަރުސާއިން ވަކިކުރި ކުދިންނެވެ. ނޫނީ އޯލެވެލް އިމްތިހާނުން ޔޫ ސެޓް ގެނައިކުދިންނެވެ. 16. 17 އަހަރުވަންދެން މައިންބަފައިން ކުރި ބުރަމަސައްކަތުން ނަތީޖާ ނުނެރެވުނު ކުދިންނެވެ. މިކަން މިހެންދިމާވުމުގެ ޒިންމާ އަމިއްލަ އަށް ނަގާނަންހެއްޔެވެ؟ ނޫނީ އެޒިންމާ އަޅުވާނީ މައިންބަފައިންގެ ބޮލުގައި ހެއްޔެވެ؟ ނޫނީ ރާއްޖޭގެ ކިޔަވައިދިނުމުގެ ނިޒާމު ފެއިލްކޮއްލި ސަރުކާރުގެ ބޮލުގައިހެއްޔެވެ؟ ނިކަން ރަނގަޅަށް ވިސްނާފައި ޖަވާބު ދޭށެވެ.

މައުމޫނު ނައިފަރުގެ ތައުލީމޭ ކިޔައިގެން އަނގަ ގަޅާއިރު ހެވިފަ ތިޔަތިބެނީ އެއްޗެއްބޮވިފައި ހެއްޔެވެ. ޢަބްދުﷲ ޙަމީދު އެއީ ތިމަންނަމެން އުސަތާޒޭ ބުނާއިރު އަބްދުﷲ ޙަމީދު ކައިރިން ކަލޭމެން ދަރިވަރުވީ ކޮންކަމަކަށްބާއޭ ހިތަށްއަރައެވެ. 75 އަހަރުގެ ތައުލީމީ ހަޔާތުގައި ހާސިލްވީ ކޮންކަމެއްހެއްޔެވެ؟ އޭލެވެލްގަނޑުވެސް ހަދާނުލެވެއެވެ. މީގެކުރިން ނައިފަރަށް ކިޔަވަން އައި އެހެން ރަށްރަށުގެ ކުދިން މިހާރު ކިޔަވަމުން އެދަނީ އެކުދިންގެ އަމިއްލަ ރަށުގައެވެ. ބައެއް ރަށްރަށުގައި 11، 12 އަށްވެސް ކިޔަވައިދެއެވެ. ލަދުގަނޭ ހެއްޔެވެ؟ އެއްޗެއް ހިތަށްއަރާ ހެއްޔެވެ؟ މައުމޫނުގެ 30 އަހަރުވީ ސަރުކާރުގެ ތައުލީމީ ނިޒާމުން ނައިފަރަށް ފައިދާއެއް ވީނަމަ ސޮލީބެއްހެން ހަދާފަހުރި މޮނިއުމެންޓްގެ ބަދަލުގައި މިއަދު އެންމެ ކުޑަމިނުން ގައުމީ ކޮލެޖް ނުވަތަ ޔުނިވާސިޓީގެ ބައެއް ނައިފަރުގައި ހުންނަންވާނެއެވެ.

30 އަހަރުގެ މައުމޫނުގެ ހިދުމަތްތަކުގެ ތެރެއިން ދެންތިހިރީ އިންޖީނުގެއެވެ. ޖަޕާނު ސަރުކާރުގެ ހިލޭއެހީ އެވެ. ނައިފަރު ރައްޔިތުންގެ ބުރަމަސައްކަތެވެ. ބާރަވަރަކަށް އަހަރުވީ އިރުވެސް ހަމަ އެ އިންޖީނުތަކެވެ. އާބާދީ އިތުރުވެ ކަރަންޓް ބޭނުންކުރެވޭ މިންވަރު އެތައްގުނައެއް އިތުރުވީ އިރުވެސްމެއެވެ. ކަންވާނީ ވެސް އެހެންނެވެ. 30 އަހަރުވީ މައުމޫނުގެ ސަރުކާރުން އަދިވެސް މިއުޅެނީ ވެރިރަށް މާލޭގެ ކަރަންޓްގެ ކަންތައް ހައްލުނުކުރެވިގެންނެވެ.

ބަލާލި ކޮންމެދިމާލަކުންވެސް ފެންނަނީ ހަމަ މިމަންޒަރެވެ. ހޮސްޕިޓަލުގެ ވާހަކަ ދައްކާނެ ކަމެއްނެތެވެ. ބުރިފަޅާލައިގެން ލޭމަނާނުވެގެން، އިމެޖެންސީކޮށް މާލެގެންނަންޖެހުނު ހަނދާންވެސް އިލްޔާސްމެން ނެތުނީ އެވެ. މިބުނީ ހެލްތު މިނިސްޓަރުގެ ވާހަކައެއްނޫނެވެ. ޑީއާރުޕީގެ ނައިފަރު ޒުވާނުންގެ ގޮފީގެ ރައީސްގެ ވާހަކައެވެ. މިކަހަލަ އާދައިގެ ކުޑަކުޑަ ސާޖަރީއެއްވެސް މިތާ ހަދާނުލެވެއެވެ. ކަލޭމެން ތިޔަތެޅޭ ވައްތަރަކުން ހަމަބޯފަޅައިގެން ދާވަރުވެއެވެ. ނައިފަރުގެ 4000 މީހުންނާއި، ހިންނަވަރާއި އަދިވެސް ހުރިކައިރި ރަށްރަށުގެ އެތަށްހާސް ބައަކަށް ހިދުމަތް ދޭންހުރި ތަނުގައި ހުރީ 10 ވަރަކަށް އެދެވެ.

ދެންތިއޮތީ ނައިފަރުގެ ބަނދަރެވެ. ޒަމާނުއްސުރެ ނައިފަރަކީ މަސްވެރި ރަށެއްކަމުން ނައިފަރުގެ ބަނދަރަކީ އަބަދުވެސް އެންމެ ފުރިހަމައަށް ހެދިފައިވާ ބަނދަރެކެވެ. ތިޔޮއްބޮޑު ކަނޑުތޮށިލާ އެކިދުވަސްވަރުމަތިން މަރާމާތު ކުރެވެމުން އަންނަނީ ނައިފަރުގެ ރައްޔިތުންގެ އަތުހަމުގައި ކުރަލައްވާއިގެންނެވެ. އެއްގަމު ތޮށިވެސް ހަމަ އެފަދަ އެވެ. ފަހަކަށް އައިސް ސަރުކާރުން ފަޅުފުންކޮއްދިން ނަމަވެސް ނައިފަރުގެ ފަޅަކީ ނައިފަރުގެ ރައްޔިތުންގެ ބުރަމަސައްކަތުން ހަދާފައިވާ ފަޅެކެވެ. 2004 ވަނަ އަހަރު އެރިސުނާމީގައި އެއްގަމު ތޮށި ހަލާކުވިގޮތަށް އަދިވެސް އެއޮތީއެވެ. ދެކޭމީހަކު، ފެންނަމީހަކުވެސް އެބައުޅޭ ހެއްޔެވެ.

ދެންއޮތީ ހިއްކި ބިމުގެ ވާހަކައެވެ. ކޮންމެ 5 ފަހަރަކުން ފިޔަވަޅެއް އަޅަމުންގޮސް މިހާރު މިއޮތީ ގޯތި ދޫކުރާ ހިސާބަށް އާދެވިފައެވެ. ހައެއްކަފަހަރު ކަޑަޖެހުމަށް ފަހުން 2005 ވަނަ އަހަރު އާދަމް މޫސާ ފާދިއްޕޮޅު ގޮނޑިޔަށް ތޮރުފަންކަމަށް ހީކޮށް ފަޅުހިއްކާދިނީ ކުރިންޕްލޭންކުރިވަރަށްވުރެ އެތައްތަނެއް ކުޑަކުރުމަށް ފަހުއެވެ. ދެންމިހާރު ގޯތި ދޫކުރަނީ އެވެ. ގެދޮރު އެޅޭނެހާ ތަނަވަސްކަންހުރީ ކިތައްމީހުންގެ ހެއްޔެވެ؟ ގޯތި ލިބުނު ކޮންމެ މީހެއްގެ ބޮޑު އާއިލާއެއް އެބައޮތެވެ. ކޮންމެ އާއިލާއަކަށްވެސް އުޅުވެންއަންނަނީ ރަނގަޅު ފެންވަރަކަށް (ގިނަ ކޮޓަރި ހުންނަގޮތަށް) ގެ އަޅައިގެންނެވެ. ފައިސާނެރޭނީ ކޮންތާކުންހެއްޔެވެ؟ އަޖައިބެއްނުވާނެ ހެއްޔެވެ. ސަރުކާރުން ފެލެޓާއި ރޯހައުސް އަޅައިދެން ޖެހެނީ ހަމައެކަނި މާލެ އާއި މާލެ ހިމެނޭ ސަރަހައްދު ގައިހެއްޔެވެ؟ ސަރުކާރުން ނައިފަރުގެ ހިއްކި ބިމުގައި ފްލެޓް އަޅައިދީގެން ކުޑަ ކުއްޔަކަށް އެތަންތަން ހިފައިގެން އަނބިމީހާއާ އެކު ނޫނީ ފިރިމީހާއާ އެކު ދިރިއުޅުމުގެ ހުވަފެން ދެކެނީ ތިޔައިގެ ތެރެއިން ކިތަށް ޒުވާނުން ހެއްޔެވެ؟ ފަހެ ކުޑަހިނދު  ކޮޅަކަށް ނަމަވެސް ލޯމަރާލައިފާ މިފަދައިން ދިރިއުޅުން ގެންދާތީ ހިޔާލަށް ގެނެސްބަލާށެވެ. ހިތްގައިމެއްނޫން ހެއްޔެވެ؟ ހުޅުމާލޭގައި ފްލެޓް އެޅޭނަމަ ނައިފަރުގައި ވެސް ފްލެޓް އެޅެން ޖެހޭނެއެވެ. އެއީ ނައިފަރު ރައްޔިތުންގެ އަސާސީ ހައްގެކެވެ. ހަސަނު ބުނާހެން ހައްގަކީ ދޮލަނގަށް އަޅައިގެން ބަހާ އެއްޗެއްނޫނެވެ. އެކަމަކު ތިފާޑަށް އުޅެގެން ހައްގު ކީއްކުރަން، އެކައްޗެއްވެސް ނުލިބޭނެއެވެ. ދެންމިހިސާބުން މައުމޫނުގެ ވައުދުގެ ވާހަކައެވެ. ކޮންމެ އަހަރަކު 1500 ފްލެޓް ހުޅުމާލޭގައި އަޅާދޭނަމޯއެވެ. 30 އަހަރުދުވަހުންވެސް 1500 ފްލެޓް އަޅާނުދެވުނު މީހަކަށް ކުރިޔަށް އޮތް 5 އަހަރު އަހަރަކު 1500 ފްލެޓް އަޅާދެވޭނެ ކަމަށް ގަބޫލު ކުރެވޭހެއްޔެވެ؟ ގަބޫލު ކުރެވޭނަމަ މީގެ ކުރިންވެސް އެކަން ނުކޮއްދީ އެއޮތީ ކީއްވެގެންތޯ މައުމޫނާ ސުވާލު ނުކުރާނަންހެއްޔެވެ؟ ހަމަޔަގީނުންވެސް ޖަވާބު ދޭކަށް ނޭނގޭނެއެވެ.

ދެންއޮތީ ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުސަތު ތަކުގެ ވާހަކައެވެ. ފެލިވަރާ އަދިވެސް ދެތިން ރިސޯޓް އެބައޮތެވެ. ރިސޯޓް ތަކުގެ ތެރެއިންވެސް އެއްރިސޯޓް އެއޮތީ މައުމޫނުގެ އާއިލާގެ ހައްގުގައި ޕަކަޅާކޮއްލާފައެވެ. ތަފްސީލް ބޭނުން ހެއްޔެވެ. ސަރުކާރުން ބިޑަށްލައިގެން ޅ ހުދުފުށި ލިބުނީ މ ސްނޯރޯސް ޢަބްދުއްރައޫފަށެވެ. ރައޫފަކީ މައުމޫގެ ދަރިއެއްގެ ބަފާކަލޭގެއެވެ. ސަރުކާރުން އެތައްފުރުސަތެއްދިނުމުންވެސް ރިސޯޓް ނުހެދި އަދި ރިސޯޓް ނުހެދުމުގެ ސަބަބުން ދައްކަންޖެހޭ ޖޫރިމަނާ މައުމޫނު މައާފު ކޮއްދިނީ އަމިއްލަ އާއިލާގެ މަސްލަހަތަށް ޓަކައެވެ. ދެކުދިންގެ ކައިވެނީގެ ދެމިއޮތުމަށްޓަކައެވެ. އަދިވެސް ހުދުފުށި އެއޮތީ ހަމައެހެން ހުދުފުށް ޖެހިގޮތަށެވެ. ގެއްލިގެން އެދަނީ ނައިފަރުގެ ކިތަށް އާއިލާގެ ކިތަށް ޒުވާނުންގެ ހައްގު ހެއްޔެވެ؟ މިކަންކަމާ ވިސްނާލީ ކިތަށްމީހުން ހެއްޔެވެ؟ އެކަމަކުވެސް ހަމަ ޒައީމު ވަރެއްނެތެވެ. ފެލިވަރުގެ ހާލަތަކީ ދެދުވަހު ހަމަޔަށް މަހެއްބާނައިފިނަމަ މަހެއްނުކިރޭނެއެވެ. ފެލިވަރުގައި މަސްރައްކާކުރެވޭ މިންވަރަކީ ދުވާލަކަށް 100 ޓަނެވެ. އެއީ ނައިފަރުގައި ދުއްވާ ބޮޑެތި މަސްދޯނީގެ 3 ދޯނީގައި އެއްފަހަރާ އުފެލޭނެހާ މިންވަރެކެވެ.

ވިސްނާ ފިކުރުކޮއްބަލާށެވެ. މައުމޫނު އަހަރެމެންނަށް ގެނެސްދިނީ ކޮންތަރައްގީ އެއްހެއްޔެވެ. މިއީހަމައެކަނި ނައިފަރުގެ ވާހަކައެވެ. އޭގެތެރެއިންވެސް ނުހަނު ކުރުކުރު ތަފްސީލްކޮޅެކެވެ. ތީމުގެއިން ތަށިބަރިލިބޭމީހުންގެ ހާލަކީ މިއީ ކަމަށްވީއިރު އެހެންރަށްރަށުގެ ހާލަކީ ކޮބައިކަމާމެދު އަދި ވިސްނާލަބަލާށެވެ؟ މިހާރު އެބުނަނީ 30 އަހަރުން ނުވެފަ ހުރި ހުރިހާކަމެއް ކުރިޔަށް އޮތް 5 އަހަރުތެރޭ 5 ފަށް ކުރާނަމޯއެވެ. ކުރިޔަށް އޮތް ކޮންމެ އަހަރަކުން ވޭތުވެމިދިޔަ 30 އަހަރުގެ ތަރައްގީ ގެނެސްދޭނަމޯ އެވެ. މައުމޫނު ހަމަ އެންމެން އެއްކޮއްގެން ޕޯޑިއަމެއް ދޮށުގައި ހުރެގެން ހުރިހާ އެންމެންނަށް ފަޑަބޯންދޭއިރުވެސް، ތިޔަ ގޮވަނީ ސާބަހޭ ޒައީމޫއެވެ. ޒައީމޫ އަކީ ގަދަޅައި އެކޭ އެވެ.


No comments: