Sunday 21 September 2008

ގޮޅާބޯގެ ބޮޑު ސަލީބުގަތީ ރާއްޖޭގެ މަސްކަނޑުން ބަޔެއް ވިއްކާފައި

ޚަބަރު މުރާޖައާ

17 ސެޕްޓެންބަރ 2008

ރާއްޖޭގެ ސަރަހައްދާބެހޭގޮތުން މިޒަމާނުގެ ތާރީޚުގައި ނިކުތް އެންމެ ބޮޑު މައްސަލައަކީ ފޯޅަވައްސާއި ރާއްޖެއާދެމެދުގައި އޮންނަ އިޤުތިސާދީ ސަރަހައްދުން ރާއްޖެއަށް ލިބެންވާ ބައެއް އުނިވުމެވެ.  ރާއްޖޭގެމިހައްޤު ގެއްލުނީ ފޯޅަވައްސަށް ކަމަށްވުމާއި، ފޯޅަވައްސަކީ އިނގިރޭސީންގެ ތަނަކަށްވުމާއި، އޭގެ ދުވސްކޮޅެއް ފަހުން އިނގިރޭސީންގެ އަތުން ގޮޅާބޯއަށް ބޮޑު ސޮލީބު ލިބިފައިވުމަކީ، އެކަންކަމުގެ އަޑީގައި ބޮޑެތި ސިއްރުތަކެއް ފޮރުވިފައި ނުވެ ނުދާނެ ކަންކަމެވެ. 

ކަނޑުތަކާ ބެހޭ ބައިނަލް އަޤުވާމީ މުއާހަދާގައި ވާގޮތުން، އެހެން ޤައުމެއްގެ ސަރަހައްދާ ފުށުނާރާނަމަ ކޮންމެ ޤައުމަކަށްވެސް އިޤުތިސާދީ ސަރަހައްދުގެ ގޮތުގައި 200 މޭލު ލިބެއެވެ. އެހެން ޤައުމެއްގެ ސަރަހައްދާ ފުށުއަރާނަމަ، ބައިނަލް އަޤުވާމީ ކަނޑުގެ ޤާނޫނުގައި ވަނީ، ދެފަރާތުން ވާހަކަދައްކައިގެން އަދުލުވެރިގޮތަކަށް މައްސަލަ ނިންމުމަށެވެ. އަދުލުވެރިގޮތަކީ ކޮންމެހެން ހަމަހަމަ އަށް ބައިކުރުމެއް ނޫނެވެ. އަދުލުވެރި ހައްލެއް ހޯދުމުގައި ކަނޑުގެ ސަރަހައްދު ތާރީޚީގޮތުން ބޭނުން ކުރެވެމުން އައި ގޮތަށާއި، ދެޤައުމުގެ އިޤުތިސާދައް  ކަނޑުގެ ސަރަހައްދު މުހިންމުވާވަރުގެ މައްޗަށް ބެލެވެއެވެ. މިގޮތުން ރާއްޖެއަށް އެސަރަހައްދުން ފުރިހަމަ 200 މޭލު ލިބުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތެވެ.

ތާރީޚީގޮތުން ބަލާއިރު، އިނގިރޭސީން އައުމާޖެހެންދެން ފޯޅަވައްސަކީ ފަޅުރަށެކެވެ. އަދި އޭގެ ފަހުން ވެސް އެރަށަކީ މަސްވެރި މުޖުތަމައެއް އުޅެފައިވާ ތަނެއް ނޫނެވެ. އަދިމިހާރު އެރަށަކީ ވަޒަންވެރިން އުޅޭތަނެއް ނޫނެވެ. ކަނޑުގެ ޤާނޫނުގައިވާގޮތުން އިސްތިއުމާރީ ބާރުތަކަށް، ރަށްރަށުގެ އަހުލުވެރީންނަށް އޮންނަ ހުރިހާ ހައްޤުތަކެއް ނޯވެއެވެ. އަނެއްކޮޅުން ފޯޅަވައްސާ ޚިލާފަށް ރާއްޖެއަކީ އެންމެ އިހުޒަމާނުއްސުރެން މަސްވެރިކަމަށް ބަރޯސާކުރާ ރަށްވެހީންތަކެއް އުޅެމުން އައިތަނެކެވެ. މިހާރުވެސް މަސްވެރިކަމަކީ ނިކަމެތި ދިވެހީންގެ އިޤުތިސާދުގެ ލޭނާރެވެ. މިގޮތްގޮތަށް ބަލާއިރު އަދުލުވެރި ބަދަލަކަށްވާނީ ރާއްޖެއަށް ފުރިހަމަ 200 މޭލުގެ ސަރަހައްދެއް ލިބުމެވެ.

އެހެނަސް  ޓީވީއެމް އިން ގެނެސް ދިން ސިޔާސަތު ޕްރޮގްރާމުގައި މިކަމާމެދު ސުވާލުކުރުމުން ގޮޅާބޯ ހެދީ ބުހުތާން ދޮގެވެ. ދިވެހީން ނަށް އޮޅުވާލުމުގެ ގޮތުން ގޮޅާބޯ ބުނީ ސަރަހައްދު ބައިކުރުމަށް އޮންނަ ހަމައެކަނި ގޮތަކީ ހަމަޔަށް ދެބައިކުރުން ކަމަށެވެ.  މިއީ ރޯ މަރު ދޮގެއްކަން ކަނޑާބެހޭ ބައިނަލް އަޤުވާމީ މުއާހަދާގެ 74 ވަނަ މާއްދާ ކިޔާލުމުން ސާފުވާނެއެވެ.

 އިނގިރޭސީންނަށް ރާއްޖޭގެ މަސްކަނޑުގެ ހައްޤު ދޫކޮށްލިތާ 4 އަހަރުފަހުން ގޮޅާބޯއަށް އިނގިރޭސި ރާނީގެ އަތްޕުޅުން ބޮޑުފާދިރީ މައިކަލްއާއި ބޮޑު ފާދިރީ ޖޯރޖުގެ އެންމެ މާތް ސޮލީބު ދެއްވިއެވެ.  މިސޮލީބު ލިބުމާވިދިގެން ގޮޅާބޯއަށް އެދެފާދިރީންގެ މަޒުހަބުގެ ރަމްޒީ މެމްބަރުކަންވެސް ލިބުނެވެ. އަހަރަކު 4 ފަހަރު އެމަޒުހަބުގެ ޚާއްސަ ދުއާކުރުން ލަންޑަންގެ ބޮޑު ފާދިރީ ޕޯލްގެ ފައްޅީގައި ބޭއްވެއެވެ. އެ ރަސްމިއްޔާތުތަކުގައި ބައިވެރިވުމުގެ ފުރުސަތު ރަމްޒީ މެމްބަރުންނަށްވެސް އޮންނާނެއެވެ.

ނިކަމެތި ދިވެހި މަސްވެރިންގެ ހައްޤުން ބައެއް ގޮޅާބޯ ވިއްކާލީ އެފުރުސަތުގެ ބޭނުމުގައި ބާއެވެ.

No comments: